Ad

ޔޫރޯ 2020: އިޓަލީ

އިޓަލީއަކީ ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދި ޓީމެކެވެ. ދުނިޔޭގެ ޗެމްޕިއަންކަން އިޓަލީ އެންމެ ފަހުން ހޯދީ 2006 ވަނަ އަހަރުއެވެ. އިޓަލީވަނީ 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގައި ސްޕެއިނާއި ދެކޮޅަށް ކުޅެފައެވެ. އެމުބާރާތުގައި ސިލްވަރ މެޑަލް އިޓަލީ ހޯދިއެވެ. 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު އިޓަލީގެ ގޯލްޑަން ޖެނެރޭޝަންގެ ނިމުމަށްފަހު، އިޓަލީގެ ފުޓުބޯޅަ ޓީމު ރީބިލްޑ ކުރުމަށް ފެށިފައިވަނީ 2010 ގެ ވޯލްޑްކަޕަށްފަހުއެވެ. އެހެން ނަމަވެސް، މިއަދާއި ހަމައަށްވެސް މާބޮޑެތި ކާމިޔާބުތަކެއް އިޓަލީއަށް ލިބިފައިނުވެއެވެ. އިޓަލީ އޮތީ ދުނިޔޭގެ ރޭންކިންގެ 7 ވަނާގައެވެ.

ކޯޗް:

އިޓަލީގެ ކޯޗަކީ އެޤައުމުގެ މަޝްހޫރު ކޯޗު ރޮބާޓޯ މަންސީނީއެވެ. މަންސީނީއަކީ އެޤައުމުގައި މިވަގުތުހުރި އެންމެ މޮޅު އެއް ކޯޗެވެ. ދުނިޔޭގެ ނިސްބަތުން އެންމެ މޮޅެތި ކޯޗުން ގިނައީ އިޓަލީގައެވެ. މަންސީނީއަކީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ސެމްޕްޑޯރިއާ އަދި ލާޒިއޯއަށް ކުޅެދިން ކުޅުންތެރިއެކެވެ. ލޯނެއްގެ ހައިސިއްޔަތުން ލެސްޓަރ ސިޓީއަށް 2001 ވަނަ އަހަރު ކުޅެދިނެވެ. ކޯޗިންގެ ކެރިއަރ މަންސީނީ ފައްޓާފައިވަނީވެސް 2001 ވަނަ އަހަރުއެވެ. ކޯޗެއްގެ ހައިސިޔަތުން ރޮބާޓޯ މަންސީނީވަނީ އިޓަލީގެ ލާޒިއޯ އަދި އިންޓަރ މިލާން، ތުރުކީގެ ގަލަސަތަރާއި އަދި އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއަށް ކޯޗުކަންވަނީ ކޮށްދީފައެވެ. އިޓަލީގެ ކޯޗުކަމާއި މަންސީނީ ޙަވާލުވީ 2018 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައިނުވުމާއި ގުޅިގެން އެޓީމަށް ގެނައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައެވެ.

ކުޅުންތެރިން:

އިޓަލީގެ އެންމެ މުހިންމު ކުޅުންތެރިއަކަށްހުރީ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރ ޔުވެންޓަސްގެ ކިއެލީނީއެވެ. ކިއެލީނީވަނީ 107 މެޗު ޤައުމީޓީމަށް ކުޅެފައެވެ. ކިއެލީނީގެ ޕާޓްނަރެއްގެ ހައިސިއްޔަތުން ފަހަތުގައި ލީޑަރޝިޕް ދެން ނަގާނީ ޔުވެންޓަސްގެ ބޮނުއްޗީއެވެ. ބޮނުއްޗީވެސްވަނީ 102 މެޗު އިޓަލީއަށް ކުޅެދީފައެވެ. އިޓަލީގެ މެދުތެރެއަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި މީގެ ކުރީގައިވެސް ފެނުނު ޕީއެސްޖީގެ ވެރާޓީ ލީޑު ނަގާ ޑިޕާޓްމެންޓެވެ. ވެރާޓީވަނީ ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ޗެލްސީގެ މިޑްފިލްޑަރ ޖޮޖީނިއޯއަކީވެސް ކޯޗު މަންސީނީއަށް މެދުތެރޭގައި ބޭނުންކުރެވިދާނެ މުހިންމު އޮޕްޝަނެކެވެ. އިޓަލީގެ ފޯވަޑްލައިނަކީ މިފަހަރުގެ ޔޫރޯ ގައި ފެންނާނެ މޮޅެތި ކުޅުންތެރިން ހިމެނޭ އެއް ފޯވާޑްލައިނެއެވެ. އެގޮތުން، ޔުވެންޓަސްއަށް ކުޅޭ ޗިއޭސާ އަކީ މިހާރުވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ފާރަލާ ކުޅުންތެރިއެކެވެ. އޭގެ އިތުރަށް، ޓޮރީނޯގެ ބެލޮއްޓީ، ނާޕޯލީގެ އިންސިގްނޭ، ލާޒިއޯގެ އިމޮބައިލް އަދި ޔުވެންޓަސްގެ ބާނާޑްޝީއާއެކު ކޯޗު މަންސީނީ ނަގާފައިވާ ފޯވަޑްލައިނަކީ މިވީ 10 އަހަރުތެރޭގައި އެޓީމުން ނެގި އެންމެ ހުނަރުވެރި ފޯވާޑްލައިނެވެ.

އެހެންޓީމުތަކާމެދު:

އިޓަލީ ހިމެނެނީ ގްރޫޕް އޭ ގައެވެ. ގްރޫޕް އޭ ގައި ދެން ހިމެނެނީ ތުރުކީ، ވޭލްސް އަދި ސްވިޒަރލޭންޑެވެ. މިގްރޫޕަކީ އިޓަލީއަށް ފަސޭހަ ގްރޫޕަކަށް ނުވާނެއެވެ. ސަބަބަކީ ތުރުކީ އާއި ސްވިޒަލޭންޑަކީ ޔޫރަޕްގެ ފުޓުބޯޅައިގާ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޓީމުތަކެއްކަމުގައިވާތީއެވެ. މީގެ އިތުރުން، ސްވިޒަލޭންޑަކީވެސް ސްކޮޑު ވަރުގަދަ މޮޅެތި އެތަކެއް ކުޅުންތެރިން ހިމެނޭ ޓީމެކެވެ. ތުރުކީއަކީވެސް ދުނިޔޭގެ ފުޓުބޯޅައިގާ ތަފާތު ބޮޑެތި ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. ތުރުކީގެ ޓީމު ބިނާވެފައިވަނީވެސް ބުންޑެސް ލީގާ ފްރެންޗް ލީގު ފަދަ ބޮޑެތި ލީގުތަކުގެ ކުޅުންތެރިންތަކެއްގެ މައްޗަށެވެ. ވީމާ، ގްރޫޕް އޭ އަކީ އިޓަލީއަށް ފަސޭހަ ގްރޫޕެއްކަމުގައި ބެލެވޭކަށްނެތެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *