ޕޯޗުގަލްއަކީ އެންމެ ފަހުގެ ޔޫރޯ 2016 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ޕޯޗުގަލްއަކީ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވެގެންދިޔައީ 1990 ގެ ފަހުގެ އަހަރުތަކުގައެވެ. ޕޯޗުގަލްވަނީ މިހާތަނަށް 8 ޔޫރޯއެއްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން 2004 ވަނަ އަހަރުގެ ޔޫރޯ ބޭއްވީ ޕޯޗުގަލްގައެވެ. އެމުބާރާތުގައި ޕޯޗުގަލް ފައިނަލުގައި ވާދަކުރި ނަމަވެސް މުބާރާތުގެ އެންމެ ބަލިކަށި ޓީމު ކަމުގައި އެންމެން ކަނޑައެޅި ގްރީސް އިން ވަނީ ފައިނަލުގައި ޕޯޗުގަލް ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ފީފާ ރޭންކިންގައި ޕޯޗުގަލް އޮތީ ދުނިޔޭގެ 5 ވަނާގައެވެ. ބައިނަލް އަޤްވާމީ ފުޓުބޯޅާގައި ޕޯޗުގަލްއަށް ލިބިފައިވަނީ އެންމެ ކާމިޔާބެކެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަންކަން އެކަންޏެވެ. 2016 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ އެއްވެސް މެޗަކުން މޮޅެއް ނުލިބި ކުޅުނު 3 މެޗުވެސް އެއްވަރުވެގެންނެވެ. ޕޯޗުގަލްއަށް ދެވަނަބުރުން ޖާގަ ލިބުނީ މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލަކާއެކު، ކޮންމެ ގްރޫޕަކުން 3 ޓީމަށް ދެވަނަ ބުރަށް ދިޔުމަށް ޖާގަ ލިބޭތީއެވެ.
ކޯޗް:
ޕޯޗުގަލްގެ ހެޑްކޯޗަކީ ޕޯޗުގަލްގެ ރައްޔިތެއްކަމުގައިވާ ފެނާންޑޯ ސަންޓޯސްއެވެ. 2014 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ކޯޗަކީ ފެނާންޑޯ ސަންޓޯސް އެވެ. ކޯޗިންގ ކެރިއަރގައި ފެނާންޑޯ ސަންޓޯސް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދުމެވެ. އެމުބާރާތުގައިވެސް ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އެއްވެސް މެޗަކުން މޮޅެއް ނުލިބުމުގެ ސަބަބުން، ޕޯޗުގަލްގެ މީޑިއާގެ ފާޑުކިޔުން ސަންޓޯސް އަށް އަމާޒުވިއެވެ. މީގެ ކުރީގައި ސަންޓޯސް ކޯޗުކަން ކޮށްދީފައިވާ ޓީމުތަކުގެ ތެރޭގައި ޕޯޗުގަލްގެ ކްލަބް ޕޯޓޯ އަދި ބެންފީކާ ހިމެނޭއިރު، ކޯޗިންގ ކެރިއަރުގެ ގިނަ ދުވަސްތަކެއް ސަންޓޯސް ހޭދަކުރީ ގްރީސްގެ ކްލަބްތަކަށް ކޯޗުކަން ކޮށްދިނުމުގައެވެ.
ކުޅުންތެރިން:
ޕޯޗުގަލް ޓީމުގައި ނަގާކިޔަންތިބީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯއަކީ ޕޯޗުގަލްއަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ. ދެން ފާހަގަކުރެވޭ ކުޅުންތެރިންގެ ގޮތުގައި، ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ، ގޯލް ކީޕަރ ރުއި ޕެޓްރީސިއޯ އަދި މެދުތެރެއަށްކުޅޭ މޮޓީނިއޯއަކީ މިފަހަރުގެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންނެވެ. މީގެއިތުރުން މެމްޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއާއި ލިވަޕޫލްގެ ޑިއެގޯ ޖޮޓާއަކީވެސް ފާހަގަކޮއްލެވޭ ކުޅުންތެރިންނެވެ. މައިގަނޑު ގޮތެއްގައި ޕޯޗުގަލް ޓީމަކީ ހުނަރަށްވުރެ ތަޖުރިބާހުރި ކުޅުންތެރިންގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ޓީމެކެވެ. ޕޯޗުގަލް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މެންޗެސްޓަރ ސިޓީ ބާނާޑޯ ސިލްވާ އާއި އެތުލެޓިކޯ މެޑްރިޑްގެ ފެލިކްސްގެ ވިދުންގަދަވާނެކަމުގައި މިފަހަރު ވަރަށް ބޮޑަށް ބެލެވެއެވެ. ޕޯޗުގަލްގެ ޓީމު ނަގާފައިވަނީ ބޮޑަށް ބިދޭސީ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާކޮށެވެ.
އެހެންޓީމުތަކާމެދު:
ގްރޫޕް ސްޓޭޖްގައި މަރުގެ ގްރޫޕުގައެވެ. އެގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި، ޖަރމަނީ އަދި ހަންގޭރީއެވެ. ފުރަތަމަ މެޗުގައި ޕޯޗުގަލް ނިކުންނާނީ ހަންގޭރީ އާއި ދެކޮޅަށެވެ. ޕޯޗުގަލް އެންމެ ޖެހިލުންވާ ޓީމަކީ ފްރާންސެވެ. ފްރާންސް އިން ވަނި ދާދީ ފަހަކުންވެސް ޔުއެފާ ނޭޝަންސް ލީގުގައި ލިސްބަންގައި ކުޅުނު ދެވަނަ ލެގު މެޗުގައި ޕޯޗުގަލް ބަލިކޮށް މުބާރާތުން ކަޓުވާލާފައެވެ.
ޖަރމަނީ އަކީވެސް ޕޯޗުގަލް އާއި ވާދަވެރި ޓީމެކެވެ. އެޓީމުގެ ކުރިޔަށްކުޅޭ ކުޅުންތެރިން ހިފަހައްޓާލުމަށް ޕޯޗުގަލްއަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެކަމުގައި ބެލެވެއެވެ. މީގެ އިތުރުން ހަންގޭރީއަކީ އެންމެ ފަހުން ބޭއްވި 2016 ވަނަ އަހަރުގެ ޔޫރޯގައި ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް މޮޅުވިޔަ ނުދީ ހިފަހައްޓާލި ޓީމެވެ.
ޢުއްމީދު:
ޕޯޗުގަލްއަކީ އެންމެ ފަހުގެ ޔޫރޯގެ ޑިފެންޑިންގ ޗެމްޕިއަނެވެ. ވީމާ، ޕޯޗުގަލްގެ ރައްޔިތުން އެދޭނީވެސް އަދި އެޓީމުގެ ޓާގެޓަކަށްވެސް ވާނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. ޕޯޗުގަލް ޓީމަކީ ހުނަރުވެރި ކުޅުންތެރިން ތަކެއްގެ މައްޗަށް ބިނާވެފައިވާ ޓީމެކެވެ. އެހެން ނަމަވެސް، ޕޯޗުގަލްގެ ޙަޤީޤީ ފެންވަރެއް އެނގޭނީ ގްރޫޕް ސްޓޭޖުގައި ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށެވެ.