Ad

ޔޫރޯ 2020: އިންގްލެންޑް

އިނގިރޭސިވިލާތަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި އަބަދުވެސް ގުނާލެވޭ މަޝްހޫރު އެތަކެއް ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލީގަކީ ދުނިޔޭގައި އޮތް އެންމެ މަޝްހޫރު އެންމެ ވަރުގަދަ ފުޓުބޯޅަ ލީގެވެ. ދުނިޔޭގެ ޗެމްޕިއަންކަން 1966 ވަނަ އަހަރު ބޮބީ މޫރޭ އަދި ބޮބީ ޗާލްޓަންގެ ޒަމާނުގައި އިނގިރޭސިވިލާތުން ހޯދިއެވެ. އިގިރޭސިވިލާތަށް އަދި މިހާތަނަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލިބިފައިނުވެއެވެ. އެންމެ ރަނގަޅު ކާމިޔާބެއް އިނގިރޭސި ވިލާތުގެ ޓީމަށް ލިބިފައިވަނީ 1996 ވަނަ އަހަރު އަމިއްލަ ޤައުމުގައި ޔޫރޯ ބޭއްވިއިރު މުބާރާތުގެ ބްރޯންޒް މެޑަލް ލިބުމުންނެވެ.

ފީފާ ރޭންކިންގގައި އިނގިރޭސިވިލާތަކީ ދުނިޔޭގެ 4 ވަނާގައި އޮތް ޓީމެވެ. ބައިނަލް އަޤްވާމީ ފުޓުބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން އިނގިރޭސިވިލާތަށް ނުލިބޭ ސަބަބަކީ ބަހުސެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބައިނަލް އަޤްވާމީ ކޮންމެ މުބާރާތެއްގައިވެސް މުބާރާތެއް ކާމިޔާބުކުރެވޭ ފެންވަރުގެ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިން އެޓީމުގައި ތިބެއެވެ.

ކޯޗް:

އިނގިރޭސިވިލާތުގެ ކޯޗަކީ ގަރެތު ސައުތު ގޭޓެވެ. ގަރެތު ސައުތު ގޭޓަކީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ އާދައިގެ ކްލަބްތަކަށް ކުޅެދީފައިވާ ކުޅުންތެރިއެވެ. އެގޮތުން، ކްރީސްޓަލް ޕެލެސް، އެސްޓަން ވިލާ އަދި ކެރިއަރގެ ފަހުބައިގާ މިޑްލްސްބްރާ އަށް ކުޅެދީފައިވެއެވެ.

ކޯޗިންގ ކެރިއަރ ސައުތުގޭޓު ފައްޓާފައިވަނީ 2006 ވަނަ އަހަރު މިޑްލްސްބްރާ އިންނެވެ. އެއަށްފަހު އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޤައުމީޓީމަށް 3 އަހަރު ކޯޗުކަން ކޮށްދިނުމަށްފަހު 2016 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އިނގިރޭސިވިލާތުގެ ޤައުމީ ފުޓުބޯޅަ ޓީމާއި ޙަވާލުވެ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ބްރޯންޒް މެޑަލް ހޯދައިދިނެވެ.

ކުޅުންތެރިން:

އިނގިރޭސިވިލާތުގެ ޓީމު ބިނާވެފައިވަނީ ހުނަރުވެރި ކުޅުންތެރިންތަކެއްގެ މައްޗަށެވެ. ގިނައީ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ކޯޗު ސައުތުގޭޓަށް ލިބޭ ހަމައެކަނި މާޔޫސްކަމަކީ ޑިފެންޑަރ އެލެގްޒެންޑަރ އާނޯލްޑަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނެތީއެވެ. އިނގިރޭސި ވިލާތުގެ ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ކެޕްޓަން ހެރީ ކޭން އެވެ. އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ 1 ނަންބަރު ފޯވާޑެވެ. މެދުތެރެއިން ލިވަޕޫލް ހެންޑަރސަން އަށް ކުޅޭވޭގޮތް ވުމަކީ ކޯޗު ސައުތު ގޭޓަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މިމުބާރާތުގައި އިނގިރޭސި ޓީމުގައި ބައިނަލް އަޤްވާމީ ބޮޑު މުބާރާތަކަށް މުޅިން އަލަށް ތަޢާރަފްވާނެ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޗެލްސީގެ ލެފްޓް ބެކް ޗިލްވެލް، ބްރޫޝިއޯ ޑޯޓްމަންޑގެ ޖޯޑަން ސަންޗޯ، ޗެލްސީގެ މިޑްފީލްޑަރ މައުންޓް، އާސެނަލްގެ ބުކަޔޯ ސަކާ އަދި އެވަޓަންގެ ފޯވަޑް ކަލްވަޓް ލެވިންއަކީ ޓީމުގައި ހިމެނިގެން ކުޅޭ އެންމެ ހުނަރުވެރި ކުޅުންތެރިންނެވެ.

އެހެންޓީމުތަކާމެދު:

އިނގިރޭސި ވިލާތް ހިމެނޭ ގްރޫޕުގައި ހިމެނެނީ ކްރޮއޭޝިއާ، ސްކޮޓްލޭންޑް އަދި ޗެކް ރިޕަބްލިކް އެވެ. މިގުރޫޕަކީ އިނގިރޭސިވިލާތަށް ފަސޭހަ ގްރޫޕެކެވެ. އިނގިރޭސި ވިލާތުގެ ޓީމާއި އަޅާ ބަލާއިރު، ބަލިކުރުމަށް އެންމެ އުނދަގޫވާނީ ކްރޮއޭޝިއާއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކްރޮއޭޝިއާ ދެއްކި ހުނަރުވެރިކަން މިފަހަރު ދެއްކިދާނެކަމާމެދު ސުވާލުއުފެދެއެވެ. ވީމާ، ގްރޫޕް ސްޓޭޖުގައި 1 ވަނަ މަޤާމު ހޯދުމަށްޓަކައި އިނގިރޭސީންނަށް އޮތީ ފަސޭހަ މަގެއްކަމުގައި ބެލެވެއެވެ.

ޢުއްމީދު:

އިނގިރޭސިވިލާތަކީ ކޮންމެ ބައިނަލް އަޤްވާމީ މުބާރާތެއްގައިމެ މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެ އެކުލަވާލެވޭ ޓީމެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕަކީވެސް އިނގިރޭސިވިލާތުން ވަރަށް މޮޅު ކުޅުމެއް ދެއްކި މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި އިނގިރޭސިވިލާތުގެ ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއި އަޅާ ބަލާއިރު، މުބާރާތުގެ ފައިނަލަށް އިނގިރޭސިވިލާތަށް ނުދެވޭނެ ހަމަ އެއްވެސް ސަބަބެއް އޮތް ހެނެއް ހިޔެއްނުވެއެވެ. އިނގިރޭސި ވިލާތުގެ ޓީމަށް މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ފަސޭހައިން ލިބޭނެކަމުގައި އެޤައުމުގެ މީޑިއާތަކުން ބުނަމުން އަންނައިރު، ޓީމުގެ ފަރާތުން ރަސްމީކޮށް މީގެން އެއްވެސް ބުނުމަކަށް ރައްދެއްދީފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *