Ad

ޢަބްދުﷲ ޝާހިދަށް ދައުލަތުން މަތީ ފަންތީގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ގިނަ ބަޔަކު އެދެން ފަށައިފި

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމުން، ދައުލަތުން މަތީ ފަންތީގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ސޯޝަލް މީޑިޔާގެ ޕްލެޓްފޯމް މެދުވެރިކޮށް ގިނަ ބަޔަކު އެދެން ފަށައިފި އެވެ.

މިގޮތުން ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ޓްވީޓާ މެދުވެރިކޮށް ދެއްވި މެސެޖުގައި، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންނެވުމަކީ ދިވެހި ދައުލަތުގެ ފަރާތުން އެމަނިކުފާނަށް އެންމެ މަތީ ސަލާމަތާއި ރައްކާތެރިކަން ދިނުން ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

މުހުތާޒު ވިދާޅުވެފައިވާ ގޮތުގައި މިކަމަކީ މިހާލަތަށް ބަލާއިރު ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މުހުތާޒުގެ މި ޓްވީޓް ގިނަ ބަޔަކު ރީޓްވީޓް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އަދި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްޢޫދު ޚިލްމީ އޭނާގެ ފޭސްބުކް ޕޭޖުގައި ހަމަ މި މޭރުމުން ލިއުއްވާފައިވެއެވެ.

"އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރުން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހަމަޖެހުމުން އެމަނިކުފާނަށް މަތީފަންތީގެ ސެކިއުރިޓީ ދައުލަތުން ހަމަޖައްސަން ޖެހޭ،" އޭނާގެ ފޭސް ބުކުގައި ރޭ ލިއުއްވާފައިވެއެވެ.

މީގެ އިތުރުން ވެސް ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމުގައި ޝާހިދުގެ ސެކިއުރިޓީ އާއި އިނާޔަތްތައް މަޤާމާ އެކަށީގެންވާ ގޮތަށް ދައުލަތުން ހަމަޖެއްސުމުގެ މުހިއްމުކަން ފާހަގަކޮށް ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައިވެއެވެ. މިގޮތުން އެމްވީ ކްރައިސިސްގެ ފަދަ ގިނަ ބަޔަކު ފޮލޯކުރާ ނަންތައް ފާހަގަކޮށްލެވެއެވެ.

އދ. މަޖިލީހުގައި ދިވެހިރާއްޖެ ބައިވެރިވިތާ ފާއިތުވި 50 އަހަރުގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ފަޚުރުވެރި މަޤާމު ކަމުގައިވާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދުނިޔޭގެ ގައުމުތަކުން އިންތިހާބުކުރެއްވުން މިއީ ދިވެހި ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.

އަފްޣާނިސްތާނުގެ މަންދޫބާ ވާދަކޮށް ޝާހިދަށް 143 ވޯޓު ކާމިޔާބު ކުރެއްވިއެވެ. ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ފަޚުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ޝާހިދު ކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝާހިދަކީ ޚާރިޖީ ދާއިރާގައި މީގެ އެތައް އަހަރު ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އެ ދާއިރާގައި ރާއްޖެ އިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *