ބޭނުމަކީ ހަމައެކަނި މަޤާމުން ވަކިކުރުންކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވާފައިވަނީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކު ހިންގި ތަހުގީގަށް ފަހުއެވެ. ދައުވާ ކުރަން ފޮނުވުމާއެކު މަހުލޫފު ވަނީ މަޤާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކުރައްވާފައެވެ.
މިކަމާގުޅިގެން ސޯޝަލް މީޑިއާގައި މަހުލޫފު އާންމުކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވެފައިވަނީ އަބަދަކު އަނގަ ބަންދުކޮށްގެން ނުހުރެވޭނެކަމަށާއި ވަރުބަލިވެއްޖެ ކަމަށެވެ.
އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ ؟
— Ahmed Mahloof (@AhmedMahloof) June 10, 2021
މަހުލޫފު ވިދާޅުވީ، ފެށުނީއްސުރެ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށް ކަމަށެވެ. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސް ވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބޭނުމަކީ އޭނާ ހުންނެވި މަގާމުން ވަކިކުރުން ކަމަށެވެ.
ފެށުނީއްސުރެވެސް MMPRC މައްސަލައިގަ އަޅުގަނޑާާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން.
— Ahmed Mahloof (@AhmedMahloof) June 10, 2021
މަހްލޫފް ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން އަދި އެސެޓް ރިކަވަރީ ކޮމިޝަން، ފުލުހުން، ޕީޖީ އަދި އޭސީސީން އަމިއްލަ އަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާ ނަމަ، އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިނުހުންނަވާނެ ކަމަށެވެ.
"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް، އެ ހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ. އަޅުގަނޑަށް ވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ،" މަހްލޫފް ވިދާޅުވިއެވެ.
މަހުލޫފު ވަނީ މައްސަކަ ބެލުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ.
"ތަފާތުކުރުމެއް ނެތި މައްސަލަ ހަމަ ބަލަންވީކަމަށާއި، ސިޔާސީ ނުފޫޒުން ބައެއް ނިންމުންތައް އުނިކުރުމަށް ފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް ތިން އަހަރުވީ އިރު ވެސް ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟ ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އަޅުގަނޑާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މިމަގާމުގަ ދެމިނުހުންނާނަން." މަހުލޫފު ވިދާޅުވިއެވެ.