Ad
ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް މަޖްލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ 
ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް މަޖްލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ 

"ހިސާން ބިލު" ބަލައި ނުގަންނަން، އަނބުރާ ގެންގޮސްދެއްވާ ނުވަތަ ބޭރުކޮށްދެއްވާ: މެމްބަރު ސަނީފް

ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޤާނޫނުލް ޢުޤޫބާތައް އިޞްލާޙުގެނައުމަށް ހުށައަޅުއްވާފައިވާ ބިލު ބަލައިނުގަންނަވާކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޝަނީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަނީފް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި މި ބިލާމެދު ބަހުސްކުރަށްވަމުން ގެންދެވުމުގައެވެ.

ނަފްރަތުގެ ޢަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުމުގެ ބޭނުމުގައި ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމަށްކަމަށްބުނެ ސަރުކާރުން ހުށައެޅުއްވި މި ބިލާ ދެކޮޅުހައްދަވާ ސަބަބު ތަފްޞީލުކޮށްދެއްވަމުން މެމްބަރު ސަނީފް ވިދާޅުވެފައި ވަނީ، މި ބިލުގައި މިހިނދު ކުށްކަމަށް ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން، އިސްލާމް ދީނާ ޚިލާފަށް އުޅޭ އުޅުމާއި އިސްލާމް ދީނާ ދެކޮޅުވާހަކަތައް ދެއްކުމާއި އިސްލާމް ދީނަށް އަރައިގަންނަ އަރައިގަތުމަކަށް ނިޞްބަތްކޮށް ތުހުމަތެއް ކޮށް ބަހެއްވެސް ބުނެލުމަކީ ޖިނާއީ ކުށަކަށް އަރައިގަތުމަށް ވެގެން ހިނގައިދެއެވެ.

މީހުންގެ ލޭ ހުއްދަކޮށް މީހުން މެރުމަށް ގޮވާލުމަކީ އެއްވެސް މުޖުތަމަޢުއެއްގައި އަދި އެއްވެސް ދީނެއްގައިވެސް ހުއްދަކަމެއް ނޫންކަމަށާއި، އިސްލާމް ދީނުގައިވެސް އެފަދަ ކަންކަމީ އިންތިހާއަށް ބޮޑަށް މަނާކުރެވިގެންވާ ކަންތައްތަކެއް ކަމުގައި ވީހިނދު އެކަންކަން ހުއްދަނުވެސްކުރެވޭނެ ކަމަށާއި، އެހެންނަމަވެސް ޑިމޮކްރެސީއަށާއި އިޞްލާހަށް ލޯބިކުރާ ބައެއްގެ ހައިސިއްޔަތުން ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެ ފުޅާދާއިރާއެއްގައި ލިބިފައި އޮންނަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އެކަމަށް އަރައިގަތުމަކީ ޒަމާނީ ޑިމޮކްރެސީއާވެސް ބީރައްޓެހި ކަމެއްކަމަށް ސަނީފް ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ޢަޤީދާއަކީ، އިސްލާމް ދީން ޤަބޫލުކޮށް އެދީނުގައި ކަނޑައެޅިފައިވާ ޙުކުމްތަކާއި އެ ދީނުގައި ކަނޑައެޅިފަ އޮތް އުޞޫލުތަކާއި މައިގަނޑު އަސާސްތައް ޤަބޫލުކޮށް އަދި އިސްލާމް ދީނުގައި ނަހީކުރެވިފައިވާ މުންކަރާތްތަކާ ދުރުވެ އެފަދަ މުންކަރާތްތައް މަނާކުރުމަށް ބާރުއެޅުންކަމުގައި ވާއިރު، މި ބިލަކީ މި އަސާސާ ޚިލާފު ބިލެއްކަމަށްވެސް މެމްބަރު ސަނީފް ޞިފަކުރެއްވި އެވެ.

އަދި މި ބިލު ޤާނޫނަކަށް ވެގެން ހިނގައްޖެ ނަމަ ރާއްޖޭގެ ސިޔާސީ މަސްރަހު މިއޮންނަ ގޮތުން ސިޔާސީ މަޤްޞަދައްޓަކައި އެތައް ރައްޔިތުންނެއް ކުށްވެރިންގެ ގޮތުގައި ކަނޑައެޅި ރާއްޖޭގެ ޖަލުތައް ފުރާލެވިގެން ދާނެކަމީ ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށްވެސް ވިދާޅުވެ، ބިލާމެދު މެމްބަރު ސަނީފް އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަށްވާފައި ވޭމެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިޞްބަތްވެވަޑައިގަންނަވާ މެމްބަރު ސަނީފްގެ ވާހަކަތައް ނިންމަވާލަށްވަމުން، މި ބިލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި ބިލެއްކަމަށް ވިދާޅުވެ މި ބިލު އަނބުރާ ގެންދެވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކުރަށްވާފައި ވާއިރު، މި ބިލު މަޖްލީހުން ބޭރުކޮށްލެއްވުމަށް ވެސް އެމްޑީޕީގެ މެމްބަރުންގެ ކިބައިން މެމްބަރު ސަނީފް އެދިވަޑައިގެންފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *