Ad

ފްރާންސާއި ޖަރުމަނުގެ ތާރީޚީ ކުރިމަތިލުން މިރޭ!

ފްރާންސާއި ޖަރުމަނަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެބާރެވެ. ސިޔާސީ މައިދާނުގައާއި ކުޅިވަރުގެ މައިދާނުގައިވެސް ދެޤައުމަކީ ވާދަވެރިންނެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ދެ ޤައުމަކީ ދުނިޔޭގެ ޗެމްޕިއަންކަމާއި ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ދެ ޤައުމެވެ. މިރޭ ރާއްޖެ ގަޑިން މެންދަމު ގަޑިން 12 ޖަހާއިރު ޔޫރޯ 2020 ވަނަ އަހަރުގެ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް އެފް ގައި ފްރާންސާއި ޖަރުމަންވިލާތުން ބައްދަލުކުރަން ހަމަޖެހިފައިވާއިރު، މިމެޗަކީ މި ޔޫރޯގައި މިހާތަނަށް ކުޅޭނެ އެންމެ ފޯރިގަދަ މެޗަކަށްވާނެ މެޗެވެ. އެގޮތުން، މި ފޯރިގަދަ މެޗުގެ ކުރިން ދެޤައުމުގެ ފުޓުބޯޅައިގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި، ފުޓުބޯޅައިގެ ޙާލަތަށް ބަލައިލާނަމެވެ.

ފުޓުބޯޅައިގެ ކާމިޔާބީ:

ޖަރުމަންވިލާތަކީ ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު އަދި ޔޫރަޕްގެ ޗެމްޕިއަންކަން 3 ފަހަރު ހޯދާފައިވާ ޓީމެކެވެ. އެހެން ނަމަވެސް، ބައިނަލް އަޤްވާމީ ފެންވަރުގައި ޖަރުމަންވިލާތުގެ ގިނަ ކާމިޔާބުތަކަކީ އެޤައުމު ބައިބައިވެފައި 3 ޤައުމެއްގެ ގޮތުގައި އޮތްއިރު ލިބުނު ކާމިޔާބުތަކެވެ. އޭގެ ތެރެއިން، ވެސްޓް ޖާރމަނީއަށް 3 ފަހަރު ވޯލްޑްކަޕްގެ އަދި 2 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ލިބުނެވެ. މިހާރު މިއޮތް ޖަރުމަނުގެ ނަމުގައި ޖަރުމަންވިލާތަށް ހޯދުނީ 1996 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަންކަމާއި، 2014 ވަނަ އަހަރުގެ ވޯލްޑްކަޕް އެކަންޏެވެ. ވީމާ، މިހާރުގެ މިއޮތް ޖަރުމަންވިލާތުގެ ޤައުމީ ފުޓުބޯޅަ ޓީމަކީވެސް ބްރެޒިލް ފަދައިން މާޒީގެ ގިނަ ކާމިޔާބުތަކެއްގެ މައްޗަށް ބިނާވެފައިވާ ޓީމެކެވެ.

ފްރާންސަކީ 1980 ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ފުޓުބޯޅައިގެ ކާމިޔާބު ހޯދަމުން އަންނަ ޓީމެކެވެ. އެގޮތުން، 1984 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަންކަމާއި، 1998 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަމާއި، 2001 އަދި 2003 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދިއެވެ. މީގެ އިތުރުން، ފްރާންސަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގެ ސިލްވަރ މެޑެލް ހޯދި ޓީމެވެ. ފަހުގެ ތާރީޚުގައި ބައިނަލް އަޤްވާމީ ފެންވަރުގެ ފުޓުބޯޅައިގެ އެންމެ ގިނަ ފައިނަލްތަކުގައި ވާދަކުރި ހަމައެކަނި ބޮޑު ޓީމަކީ ފްރާންސެވެ.

ފުޓުބޯޅަ ލީގު:

ޖަރުމަނުވިލާތާއި ފްރާންސްގެ ފުޓުބޯޅަ ލީގަކީ ޔޫރަޕްގެ ގަދަ 5 ލީގުގެ ތެރެއިން 2 ލީގެކެވެ. ޗެމްޕިއަންސް ލީގުގެ ކޮންމެ މުބާރާތެއްގައި މިދެޤައުމުގެ 3 ނޫނީ 4 ކުލަބަށް ވާދަކޮށްލަން ލިބެއެވެ. ޖަރުމަންވިލާތުގެ ބަޔާން މިޔުނިކަކީ ޔޫރަޕްގެ އެންމެ ގިނަ ކާމިޔާބު އެޤައުމުގެ ކްލަބުތަކުގެ ތެރެއިން ހޯދި ކްލަބެވެ. ފްރާންސްގެ ކްލަބްތަކުގެ ތެރޭއިން މާސޭވަނީ 1993 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދާފައެވެ. ޖުމްލަކޮށް ބަލާއިރު، ފްރާންސާއި ޖަރުމަނުގެ ފުޓުބޯޅަ ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަށްވުރެ، އެދެޤައުމުގެ ކުޅުންތެރިންނަށް ކުޅެން ފުރުޞަތު ދިނުމަށް ފެޑެރޭޝަންތަކުން އިސްކަންދީފައިވެއެވެ. ޔޫރޯ މިމުބާރާތުގައި ދެޤައުމުގެ ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ޖަރުމަންވިލާތާއި ޚިލާފަށް ފްރާންސްގައި ބިދޭސީ ބޮޑެތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ގިނަކަން ފާހަގަކުރެވެއެވެ.

ކޯޗު / ރޭވުންތެރިކަން:

ޖަރުމަންވިލާތުގެ ކޯޗު ޖޮކިމް ލޯ އާއި ފްރާންސްގެ ކޯޗު ޑިޑިއަ ޑެޝޯމްޕްސްއަކީ ދެޤައުމަށްވެސް ފީފާ ވޯލްޑްކަޕް ހޯދި ކޯޗުންނެވެ. މީގެ ތެރެއިން ޖޮކިމް ލޯ އަކީ 2004 ވަނަ އަހަރުން ފެށިގެން ޖަރުމަންވިލާތުގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަޤާމުގައި ހުރުމަށްފަހު، 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ޖަރުމަންވިލާތުގެ ކޯޗުކަމާއި ޙަވާލުވެފައިވާ ކޯޗެވެ. ޖޮކިމް ލޯ އަށް ޖަރުމަނާއެކު ހޯދުނު ހަމައެކަނި ކާމިޔާބަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އެކަންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއަ ޑެޝޯމްޕްސް ކޯޗު ކަމާއި ހަވާލުވީ 2012 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ކޯޗު ލައުރެންޓް ބްލޮންކް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ޑިޝޯމްޕްސްގެ ކޯޗިންގ ކެރިއަރ ފެށުނީ 2004 ވަނަ އަހަރު މޮނާކޯއިންނެވެ. އެއަހަރު މޮނާކޯވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެ ސިލްވަރ މެޑަލް ހޯދާފައެވެ. ފްރާންސްގެ ކޯޗުކަމާއި ޑިޝޯމްޕްސް ޙަވާލުވުމަށްފަހު 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ވާދަކުރިއެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ސިލްވަރ މެޑަލް ފްރާންސުން ހޯދި ނަމަވެސް، 2018 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިނެވެ. ވީމާ، ޖަރުމަންވިލާތުގެ ކޯޗު ޖޮކިމް ލޯ އަށްވުރެ ފްރާންސްގެ ކޯޗު ޑިޝޯމްޕްސް އަށް ބައިނަލް އަޤްވާމީ ފުޓުބޯޅައިގާ ލިބުނު ކާމިޔާބު ގިނައެވެ.

ފްރާންސްއިން ކުޅޭނެ ފޯމޭޝަނަކީ އެޤައުމުން އަބަދުވެސް ކުޅޭ މަޝްހޫރު 3-3-4 ކަމުގައި ބެލެވެއެވެ. ޖަރުމަނުގެ ފޯމޭޝަންގެ ގޮތުގައި ބެލެވެނީ 2-1-4-3 އެވެ. ފްރާންސްގެ ފުޓުބޯޅައިގެ ޚަބަރުތަކަށް ބަލާއިރު، ކޯޗު ޑިޝޯމްޕްސް ޖަރުމަނާއި ދެކޮޅަށް އެޓޭކިންގ ފުޓުބޯޅައެއް ކުޅޭކަށް ބޭނުމެއްނުވެއެވެ. ސަބަބަކީ ފްރާންސަކީ ކައުންޓަރ އެޓޭކުގައި މާބޮޑަށް ނުރައްކާކުރާ ޓީމަކަށްވާތީކަމުގައި މީޑިއާ ޚަބަރުތަށް ބުނެއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާ ބަލިކުރި މެޗަކީވެސް ޑިފެންސްކޮށް ކައުންޓަރ އެޓޭކުގައި ކާމިޔާބުކުރި ގޯލުތަކުން ކާމިޔާބުކުރި މެކެޗެވެ. ބެލްޖިއަމް އާއި ކްރޮއޭޝިއާ މެޗުގައިވެސް ފްރާންސްއިން އިސްކަންދިނީ ޑިފެންސް ކުރުމަށެވެ. އެހެން ނަމަވެސް، ޖަރުމަންވިލާތުން އެމީހުންގެ ރަސްމީ ފޯމޭޝަނަށް ބަދަލު ގެންނާނެ ހެނެއް ލަފައެއް ނުކުރެވެއެވެ. އެޓޭކިންގ ފުޓުބޯޅައެއް ޖަރުމަން ޓީމުން ފެންނާނެކަމުގައި ބެލެވެއެވެ.

ރެކޯޑްސް:

މިދެޓީމުގެ މީގެ ކުރީގެ ބައްދަލުވުންތަކަށް ބަލާއިރު މުޅި ޖުމްލަ 31 ފަހަރު ދެޓީމުވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން، 14 މެޗުން މޮޅުވެފައިވަނީ ފްރާންސެވެ. ޖަރުމަން މޮޅުވެފައިވަނީ 10 މެޗުންނެވެ. 7 މެޗު އެއްވަރުވެގެން ނިމިފައިވެއެވެ. ބައިނަލް އަޤްވާމީ މުބާރާތްތަކުގެ ރެކޯޑުތަކަށް ބަލާއިރު، 6 ފަހަރު ދެޓީމުވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 3 ފަހަރު ފްރާންސް މޮޅުވިއިރު، ޖަރުމަނު މޮޅުވީ 1 ފަހަރުއެވެ. ދެ ފަހަރު ދެޓީމު ވީއެއްވަރެވެ.

ޖަރުމަންވިލާތަށް އެންމެ ފަހުން ފްރާންސް ބަލިކުރެވިފައިވަނީ މީގެ 6 އަހަރު ކުރީން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި 0-1 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން މިހާތަނަށް މިދެޓީމުވަނީ މުޅި ޖުމްލަ 5 ފަހަރު ވާދަކޮށްފައެވެ. އޭގެ ތެރެއިން 3 މެޗުން ފްރާންސް މޮޅިވިއިރު، 2 މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ފްރާންސްއިން ޖަރުމަނާއި އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގައެވެ. އެމެޗު 1-2 ގެ ނަތީޖާއިން ފްރާންސް މޮޅުވީއެވެ.

ފަހުގެ ޚަބަރު:

ދެޓީމުންކުރެ ޓީމެއްގައި އަނިޔާގެ މައްސަލައެއް ފެންމަތިވެފައިނުވެއެވެ. ބަލްގޭރިއާ މެޗުގައި ފްރާންސްގެ ފޯވަޑް ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވި ނަމަވެސް ބެންޒެމާ މިހާރު ހުރީ އެއްކޮށް ފިޓުކޮށެވެ.

ބަލްގޭރިއާގެ މެޗަށްފަހު ފޯވަޑް ޖިރޫޑްގެ ކޮމެންޓްތަކާއި ގުޅިގެން ފޯވަޑް އެމްބަޕޭ ހިތްހަމަނުޖެހިގެން އުޅުނުކަމަށް މީޑިއާތަކުގައި އަޑުގަދަވި ނަމަވެސް ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ އެކަން ދޮގު ކޮށްފައެވެ. ކޯޗު ބުނެފައިވާ ގޮތުގައި ދެކުޅުންތެރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ.

މެޗަށް ނެރޭނަކަމުގައި ބެލެވޭ ފުރަތަމަ 11:

ފްރާންސް: ގޯލްކީޕަރ ލޮރިސް، ވާރާން، ކިމްޕެމްބޭ، ލޫކަސް ހެނާންޑޭޒް، ޕަވާޑް، ކާންޓޭ، ރެބިއޮޓް، ޕޮގްބާ، ބެންޒެމާ، ގްރީޒްމަން، އެމްބާޕޭ.

ޖަރުމަން: ގޯލްކީޕަރ ނޯޔަރ، ހުމެލްސް، ގިންޓަރ، ރުޑިގަރ، ކިމިޗް، ކްރޫސް، ގުންޑޮގަން، ގޮސެންސް، ހާވެޒް، ނެބްރީ، ތޯމަސް މުލަރ.

ތާރީޚީ ބައްދަލުވުންތައް:

މިދެޓީމުގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ތާރީޚީ ގޮތެއްގައި ހަނދާން ހުންނާއި 1982 ވަނަ އަހަރު ފްރާންސާއި ވެސްޓް ޖަރމަނީ ބައްދަލުކުރި ވޯލްޑްކަޕް މެޗެވެ. އެމެޗުގައި ފްރާންސްގެ ފޯވަޑް ބަޓިސްޓަން އަށް ވެސްޓް ޖަރމަނީގެ ގޯލްކީޕަރ ހެރަލްޑް ޝޫމޭކަރ ބޯޅަ ނެތީސް ޙަމަލާދީ ބިން މައްޗަށް ވައްޓާލިއެވެ. އެމެޗުގައި ޝޫމޭކަރ ވަނީ ބޫޓުގެ އުންތަކުން ބަޓިސްޓަންގެ ދަތްދޮޅިމަތީގައި ޖަހައި ބިން މައްޗަށް ވައްޓާލާފައެވެ. މިޙާދިސާއަކީ ވޯލްޑްކަޕްގައި ހިނގާދިޔަ އެންމެ ރަޙުމްކުޑަ އަނިޔާ ކުޅުންތެރިޔަކަށް ދިން ޙާދިސާއެވެ. އެހެން ނަމަވެސް، މެޗުގެ ރެފްރީ ޖަރުމަނުގެ ކީޕަރ ބަޓިސްޓަންއަށް އެއްވެސް ކާޑެއް ދައްކާފައިނުވެއެވެ.

ދެވަނަ ބައްދަލުވުމެއްގެ ގޮތުގައި ޖަރުމަން ވިލާތުން ހަނދާން ހުންނާނީ 2003 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ފްރާންސާއި ބައްދަލުކުރި އެކުވެރިކަމުގެ މެޗެވެ. އެމެޗަކީ ބޮޑު ޓީމެއްގެ އަތުން އަމިއްލަ ދަނޑުގައި ޖަރުމަންވިލާތުން ބޮޑު ތަފާތަކުން ބަލިވި ހަމައެކަނި މެޗެވެ. އެރޭ ފްރާންސްގެ ފުޓުބޯޅައިގެ ރަސްގެފާނު ޒައިނުއްދީން ޒިދާނުގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު މޮޅު ކުޅުމާއެކު އެމެޗު ފްރާންސްއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މުހިންމު ކުޅުންތެރިން:

ފްރާންސް ޓީމަކީ އެއްވެސް ކުޅުންތެރިއެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ޓީމެއް ނޫންކަން އެޓީމުންވަނީ ސާބިތުކޮށްދީފައެވެ. ފްރާންސް ޓީމަކީ ހުރިހާ ޑިޕާޓްމެންޓެއްވެސް ބެލެންސް ޓީމެކެވެ. އެއްވަރަކަށް ޑިފެންސްކޮށް އެޓޭކްކުރާ ޓީމެކެވެ. ޒިދާނުގެ ދުވަސްވަރު، 1998 އަދި 2006 ގެ ވޯލްޑްކަޕާއި، 2000 އަދި 2004 ގެ ޔޫރޯ ގައި ފްރާންސްގެ ޙަމަލާ އުފެއްދުންތެރިއަކީ ޒިދާނެވެ. ޙަމަލާތަށް އުފައްދަނީ ޒިދާނެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވައި، ފޯވަޑުންނަށް ބޯޅަ ސަޕްލައިކޮށްދީ، އެޓޭކްކުރެއެވެ. މިހާރުގެ ފްރާންސް ޓީމުގައި ޒިދާނުގެ ރޯލު ކުޅެނީ ގްރީޒްމަނެވެ. މިނިމިދިޔަ ވޯލްޑްކަޕްގައި ފްރާންސްގެ ޙަމަލާ އުފެއްދުންތެރިއެއްގެ ގޮތުގައި ގްރިޒްމަން ފާހަގަވެގެންދެއެވެ. ސެޓްޕީސް ތަކުގައި އަދި ޕެނެލްޓީގައިވެސް ހުނަރުވެރިކަން ފާހަގަވެއެވެ. މިސަބަބާހުރެ، ގްރިޒްމަންގެ ނަމަށް ފްރާންސްގެ ރައްޔިތުން ކިޔަނީ "ގްރިޒޫ" އެވެ. އެއީ، ޒިދާނުގެ ވަނަމާއި ގުޅުވައެވެ. ފްރާންސްގެ ޓީމުގެ އޭރާއި މިހާރަށް ބަލާއިރު، މިހާރުގެ ޓީމުގައި ޙަމަލާތަށް އުފެއްދުމުގައި ތިން ކުޅުންތެރިޔައެކު ހިމެނެއެވެ. އެއީ، ޕޮގްބާ، ގްރިޒްމަން އަދި ބެންޒެމާއެވެ. ވީމާ، ޖަރުމަނުގެ ޓީމަށް ހުރިހާ ގޮތަކުންވެސް ނުރައްކަލެވެ. ފްރާންސްގެ ޓީމަށް ބަލާއިރު، ކޯޗު ޑެޝޯމްޕްސް ޓީމުގެ އެޓޭކް ބިނާކޮށްފައިވަނީ ވަރަށް ބޮޑަށް ސްޕީޑަށް ބަލައިގެންނެވެ. އެގޮތުން، އެމްބާޕޭ، ޑެމްބެލޭ، ކޯމަން ފަދަ ކުޅުންތެރިޔަކު ހިފަހައްޓަން ޖަރުމަނުގެ ޑިފެންޑަރުން ނިމުން އަންނާނީ ކާޑާއި ހަމައިންކަމުގައި ވެދާނެއެވެ.

ފްރާންސްގެ ފަހަތަށް ބަލާއިރު، ލެފްޓް ބެކް އަދި ރައިޓް ބެކް ލޫކަސް ހެނާންޑޭޒް އަދި ޕަވާޑަކީ ޖަރުމަނުގެ ބަޔާން މިޔުނިކުގެ ކުޅުންތެރިންނެވެ. ޖަރުމަނުގެ މިހާރުތިބަ ކުޅުންތެރިންނާއި ގާތް ގުޅުމެއް އޮންނަ އެއް ކްލަބަކަށް ކުޅޭ ކުޅުންތެރިންނެވެ. ފްރާންސްގެ ގޯލްކީޕަރ ލޮރިސް އަދި ވަރާން، ބެންޒެމާ، ގްރިޒްމަން، ޕޮގްބާ އަދި ކާންޓޭ އަށް ޖަރުމަނާއި ދެކޮޅަށް ކުޅުމަކީ އާކަމެއް ނޫނެވެ.

ޖަރުމަނު ޓީމަށް ބަލާއިރު، އެޓީމު ބޮޑަށް ބިނާކޮށްފައިއޮތީ ގިނަ ޢަދަދެއްގެ މިޑްފިލްޑަރުންގެ މައްޗަށެވެ. މެދުތެރެއިން ޓޯނީ ކްރޫސް އަކީ 2012 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ މެދުތެރެއެވެ. އޭގެ ފަހުން، ތުރުކީ ދަރިކޮޅުގެ ގުންޑޮގާން ޓީމަށް ނެގުމުން، ޓޯނީ ކްރޫސްގެ ޒިންމާ ވަރަށް ބޮޑަށް ކުޑަވެގެންދިޔަކަން ފާހަގަވެއެވެ.

ކުރިއަށް ބަލާއިރު، ތޯމަސް މުލާ އަކީ 2010 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ 1 ވަނަ ފޯވަޑެވެ. އެހެން ނަމަވެސް، އޭރު ފެނުނު މުލާ އާއި މިހާރު ފެންނަ މުލާ ވަރަށް ތަފާތެވެ. އޭރުގެ ހުނަރުވެރިކަން ޖަރުމަނުގައި ނުދެއްކޭތީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސްކޮޑުން މުލާއަށް ފުރުޞަތު ގެއްލިގެންދިޔައެވެ. އޭގެ ބަދަލުގައި ސާނޭފަދަ ހަލުވި ކުޅުންތެރިޔެއްގެ ބޭނުން ޖޮކިމް ލޯ ހިފާފާނެކަމުގައި ބެލެވެއެވެ. ސަބަބަކީ، ފްރާންސްގެ މެދުތެރެއާއި ޑިފެންސް ލައިނަށް ބަލާއިރު ތިބީ ޙަރަކާތް ވަރަށް އަވަސް ހަލުވި ކުޅުންތެރިންނެވެ. ޚާއްޞަކޮށް، މޭން މާކް ކޮށްގެން ކުޅެން އުޅެފިނަމަ، ފްރާންސްގެ ކާންޓޭގެ ފަހަނައަޅައި ދިޔުމަށް ޖަރުމަނުގެ ކުޅުންތެރިންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *