Ad
ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓުދެއްވި ފުވައްމުލައް ސިޓީގެ މެމްބަރުންތައް
ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓުދެއްވި ފުވައްމުލައް ސިޓީގެ މެމްބަރުންތައް

ހިސާން ހުށައެޅުއްވި ބިލު ބަލައިގަތުމަށްވެސް މުޅި ފުވައްމުލައް ސިޓީ ދެކޮޅު

ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙުގެނައުމަށް ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙިސާން ޙުސައިން ހުށައެޅުއްވި ބިލު ރައްޔިތުންގެ މަޖްލީހުން ބަލައިގަތުމަށްވެސް ނުފެންނަކަމަށް ވޯޓުދެއްވައި، ފުވައްމުލައް ސިޓީއަށް ނިޞްބަތްވާ ރައްޔިތުންގެ މަޖްލީހުގެ އެންމެހައި މެމްބަރުން އެ ބިލާދެކޮޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި ބިލު މަޖްލީހަށް ބަލައިގަނެ ކުރިއަށް ގެންދަން ފެނޭތޯ ނެގުނު ވޯޓުން ބިލު މަޖްލީހަށް ބަލައިގަތުމަށް 38 މެމްބަރުންގެ ވޯޓުން ނިންމަވާފައި ވާއިރު، ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 17 މެމްބަރަކު ވޯޓުދެއްވިއެވެ.

ބިލު މަޖްލީހަށް ބަލައިނުގަތުމަށް ވޯޓުދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ 4 މެމްބަރެއް ހިމެނިވަޑައިގަންނަވާއިރު ފުވައްމުލައް ސިޓީގެ 3 މެމްބަރުންވެސް ވޯޓުދެއްވާފައި ވަނީ ބިލު މަޖްލީހަށް ބަލައިގަތުމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށްކަމަށް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބުނެ ސަރުކާރުން ހުށައެޅުއްވި މި ބިލާމެދު ދީނީ ޢިލްމުވެރިން ބޮޑެތި ސުވާލުތަކެއް އުފައްދަވަމުން ގެންދަވާއިރު، އިސްރަށްވެހިންނާއި ޢާންމުންގެ ގިނަ ބަޔަކުވެސް މި ބިލާމެދު ކަންބޮޑުވުން ފާޅުކުރަމުން އެބަ ގެންދެއެވެ.

މުސްލިމަކު ކާފިރުކުރުން މަނާކުރާ ބިލުގެ ނަމުގައި ފުރަމަ މަޝްހޫރުވެގެން ދިޔަ މި ބިލުގައި ފުރަތަމަ ބަޔާންކޮށްފައިވާ ދެ ނުކުތާގައި  ކުށްކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ސަބަބުން، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި އަޞްލު ނެތިގެންދިއުމަށް މަގުފަހިވާ ކަމީ މި ބިލާމެދު އޮތް އެންމެ ބޮޑު ކަންބޮޑުވުންކަންވެސް ގިނަބަޔަކު ފާހަގަކުރަމުން ދެއެވެ.

ރާއްޖެއަކީ، ސިޔާސީ މަސްރަޙް ހަލަބޮލިވެގެންދާ ހިނދު ޤާނޫނުތައް ބޭނުންކޮށްގެން ސިޔާސީ މަންފާއަށްޓަކައި މީހުން ހައްޔަރުކުރުމުގައި ނުހަނު ކުރީގައި އުޅޭ ޤައުމަކަށްވާއިރު މިހާރު ހުށައެޅިފައިވާ ބިލު ޤާނޫނަކަށްވެއްޖެ ނަމަ އެތަކެއް ރައްޔިތުންތަކެއް ހައްޔަރުކުރެވި ޖަލުތައް ފުރިގެން ދިއުމަކީ އިންތިހާއަށް ގާތްކަމެއް ކަމުގައިވެސް، ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.

އެހެންނަމަވެސް މި ބިލު ހުށައެޅުމާ ގުޅިގެން ޢިލްމުވެރިންނާއި ޢާންމުރައްޔިތުން ކުރަމުން ގެންދާ ތުހުމަތުތައް ބިލު ހުށައެޅުއްވި މެމްބަރުގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުން ގެންދަވަނީ ދޮގުކުރަށްވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *