އިސްލާމީ ޤައުމެއްގެ ގޮތުގައި 800 އަހަރަށްވުރެ ދިގު ތާރީޚެއް ލިބިފައިވާ މި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ ވެސް ސައްތައިން ސައްތަ މުސްލިމުންނެވެ. ރާއްޖެ އިސްލާމްވީ ތާރީޚުން ފެށިގެން އައިސް އަދާއި ހަމައަށްވެސް މެއެވެ.
މީގެކުރިން އަހަރުތަކެއް ކުރިން ރާއްޖޭގައި ޢަމަލުކުރެވެމުން ގޮސްފައިވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީތަކުގައި ކަނޑައަޅައި ބަޔާންކޮށްގެން، ދިވެހިރައްޔިތަކަށް ވުމުގެ ޝަރުޠެއްގެ ގޮތުގައި މުސްލިމެއްކަމުގައި ވުން ލާޒިމްކޮށްފައި ނުވެމެ ފާއިތުވެ ދިޔަ ދިގު ތާރީޚުގައި ވެސް މުސްލިމަކު މެނުވީ ދިވެހިރައްޔިތެއް ކަމުގައި ވެފައި ނުވުމަކީ ސުރުޚީގައިވާ ސުވާލުގެ ޖަވާބު ނޫން ހެއްޔެވެ؟
އިތުރަށް މިޖަވާބު ތިލަކޮށްދެވޭތޯ ބަލާނަ މެވެ.
އިސްލާމްދީން ފުރިހަމައަށް ޤާބޫލުކުރުމަށް ފަހުގައި ކޮންމެ މުސްލިމެއްގެ ވެސް އެންމެ މުޤައްދަސް އަދި ސްޕްރިމެސީ ދެވިގެންވާ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީ ނުވަތަ ކޮންސްޓިޓިއުޝަން އަކީ އިލާހީ ޤާނޫނެވެ. އިސްލާމް ދީނުގެ އަޞްލުތައް ކަމުގައިވާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އިތުރުން އުންމަތުގެ ދަންނަބޭކަލުންގެ އިޖްމާޢު އެވެ.
ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި މެނުވީ ފޮނުއްވިގެންނުވާ މި އުންމަތުގެ ނަބިއްޔާ މުޙައްމަދުގެފާނާ ހަމައިން ރަސޫލުކަމާއި ނަބީކަންވެސް ޚަތިމްވެ ނިމިގެން ގޮސްފައި ވުމުން، އިސްލާމް ދީނުގައި އިތުރު ޙުކުމެއް ވަޙީގެ ޒަރިއްޔާއިން ބާއްވާލެވިގެނެއް ނުދާނެއެވެ. އިސްލާމް ދީން ވަނީ ނިޢުމަތެއްގެ ގޮތުގައި ފުރިހަމަކޮށްދެއްވައި ބަޔާންކޮށްދެއްވާފަ އެވެ.
އިސްލާމްދީނަކީ ރަޙްމަތުގެ ދީންކަމުގައި ވުމުންނާއި އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށްވެސް ފެތޭނެ ޝުމޫލިއްޔަތު ނުވަތަ އިކްލޫސިވްނަސް ލިބިގެންވާ އެންމެ ފުރިހަމަ ޝަރީޢަތެވެ. އިންސީންނާއި ޖިންނީންގެ ވެސް އުޚްރަވީ އަދި ދުނިޔެވީ މަޞްލަޙަތު ވެސް އެންމެ ފުރިހަމަ އަށް، ފަރުދީ އަދި ޖަމާޢީ ޞިފައެއްގައި ވެސް، އެކަތި އަނެއްކައްޗަށް ފުށުނާރާނެ ބީދައިން، އެންމެ ފުރިހަމައަށް ޙިމާޔަތްކޮށް ރައްކާތެރިކޮށްދެނިވި އުޞޫލުތަކަކާއި އަސާސީ ހަމަތައް، އަދި ޚުދު ބައެއްކަންކަމުގައި ތަފްޞީލުތައްވެސް، ކަނޑައެޅި ބަޔާންވެގެން ވަނީ ހަމައެކަނި އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމް ދީނުގައިވެސް މެއެވެ.
ކީރިތި ޤުރުއާނުގައި ނުވަތަ ނަބިއްޔާގެ ސުންނަތުގައި އަސާސްތަކެއް ކަނޑައެޅުމަށްފަހުގައި ތަފްޞީލުކޮށް ބަޔާންކުރެވުމަކާއި ނުލައި ދޫކޮށްލެވިފައިވާ ކަންކަމަކީ މީސްތަކުންގެ ފަސޭހައަށްޓަކައި ރަޙްމަތެއްކަމުގައި ދޫކޮށްލެވިގެންވާ ކަންކަމެވެ. އެހެންނަމަވެސް، އެކަންކަންމުގައި އިޚްލާސްތެރިކަމާއެކު ފަރުދީ ޒިންމާ އަދާކޮށް އެހެނިހެން ފަރުދުންނާއި މުޖުތަމަޢުގެ މަސްލަޙަތު ފުށުނާރާނެ ހަމަތަކުން މީސްތަކުންގެ އުޅުމާއި ގުޅުން ނުދާހިނދު، މީސްތަކުންގެ ޢަމަލުތައް ފާލުންނެއްޓިގެން ދާނަމަ، މުޖުތަމަޢުގެ މަސްލަޙަތާއި އަފްރާދުންގެ ޙައްޤުތައްވެސް ޙިމާޔަށްކޮށް ރައްކާތެރިކޮށްދިނުމުގެ ބުރަބޮޑު މަސްއޫލިއްޔަތު މަތިކުރެވިފައި ވަނީ ވެރިމީހާ ނުވަތަ ވަލިއްޔުލް އަމްރު އާ އެވެ.
އެއިރެއްގައި މުޖުތަމަޢުގެ އަފްރާދުންގެ އުޅުންތަކާއި ގުޅުންތައް ބަދަލުވެ، ޟަރޫރާތުތަކާއި ޙާޖާތުތައް ނުވަތަ ނެސެސިޓީއާއި ޑިމާންޑްތައް ބަދަލުވެ އިތުރުވެގެންދާ ދިއުމަށް ރިޢާޔަތްކޮށް، ދުނިޔެވީ މަސްލަޙަތާއި އުޚްރަވީ މަޞްލަޙަތު ވެސް، ފަރުދީ އަދި ޖަމާޢީ ޞިފައެއްގައި ވެސް ޙިމާޔަތްކުރުމުގެ ބޭނުމުގައި، އިސްލާމް ދީނުގައި ކަނޑައަޅައި ބަޔާންކުރަށްވާފައިވާ އިންތަކާއި މިންތަކުގެ ޙިމާޔަތުގައާއި އެ ދީނުގައި ކަނޑައަޅައި ތަފްޞީލުކޮށް ބަޔާންވެގެންނުވާ ކަންކަމުގައި، އިސްލާމް ދީނުގެ އުޞޫލުތަކުން ބޭރުނުވާނެ ބީދައިން ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތައް ހެދެމަކީވެސް ޖާއިޒު ކަމެކެވެ. އަދި ބައެއް ޙާލަތުގައި ވާޖިބުވެސް ވެދާނެ މެއެވެ.
ދާވަނި އެޅުވޭ ހިސާބަށް ނޫނަސް ޞިފަކުރެވޭ މިންވަރަށް ތިލަވެއްޖެ ނޫން ހެއްޔެވެ؟
އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވެގެން ދިއުމާއެކު އެކުލަވާލެވުނު 1968 ގެ ޤާނޫނުއަސާސީގަ އާއި އަދި މީގެ ވިއްސަކަށް އަހަރު ކުރިން އެކުލަވާލެވުނު 1998 ގެ ޤާނޫނުއަސާސީގައި ވެސް، މުސްލިމަކަށް ވުމަކީ ދިވެހިރައްޔިތުކަން ލިބުމަށް ޝަރުތެއްގެ ގޮތުގައި އެއިން ދުސްތޫރެއްގެ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައި ނުވެއެވެ.
ފަސްދޮޅަސް އަށެއްގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން "ދިވެހިރައްޔިތް" އަކީ؛ އެ ޤާނޫނުއަސާސީ އިޢުލާނުކުރެވޭއިރު ދިވެހިރައްޔިތެއްގެ ޙައްޤުލިބިފައިވާ ކޮންމެ މީހަކާއި، ދިވެހި އަންހެނަކު ބޭރުމީހަކާ އިނދެގެން ލިބޭ ދަރިއަކުނޫން ކޮންމެ ދިވެހި އަންހެނަކަށް ލިބޭ ދަރިއަކާއި، ދިވެހި ބަފައަކަށް އުފަންދަރިއަކާއި، ބޭރުމީހުންކުރެ ރާއްޖޭގެ ޤާނޫނު އެމީހާއީ ދިވެހިރައްޔިތަކު ކަމުގައިވުން ޤަބޫލުކޮށްފި ކޮންމެ މީހަކާއި، ޤާނޫނުގައިވާ ގޮތުގެމަތިން ރާއްޖޭގެ ރައްޔިތަކުކަމުގައިވުން ޤަބޫލުކޮށްގެން ރާއްޖޭގެ އަންހެނަކާއި ބޭރުމީހަކު އިނދެގެންލިބޭ ދަރީން ނެވެ.
އަދި، ނުވަދިހަ އަށެއްގެ ނޫ ޤާނޫނުއަސާސީގައި "ދިވެހިރައްޔިތް" ބަޔާންކޮށްފައިވާ ގޮތުން ދިވެހިރައްޔިތަކީ؛ އެ ޤާނޫނުއަސާސީ ހިންގަން ފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި، ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީ އެކެވެ.
މިހިނދު ޢަމަލުކުރެވެމުންދާ "ފެހި ޤާނޫނުއަސާސީ" ގައި "ދިވެހިރައްޔިތް" ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު ދިވެހިރައްޔިތަކީ؛ އެ ޤާނޫނުއަސާސީ ހިންގަން ފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި، ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީ އެކެވެ.
އަދި މި ޝަރުޠުތަކަކީ، ނޫ ޤާނޫނުއަސާސީ ގައި ހަމައެގޮތަށް އަދި ފަސްދޮޅަސް އަށެއްގެ ޤާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ޝަރުޠުތައް ނަމަވެސް، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގައި "ދިވެހިރައްޔިތް" ބަޔާންކޮށްފައިވާ 9 ވަނަ މާއްދާގައި، އެ މާއްދާގެ (ހ) ގައި އެ ޝަރުޠުތައް ބަޔާންކޮށް، (ށ) ގައި އެ ޙައްޤު ކަށަވަރުހިފުމާއެކު އަދި (ނ) އިން އެ ޙައްޤު ދޫކޮށްލުން ފަހިކޮށްދިނުމަށް ފަހުގައި، އެ މާއްދާގެ (ރ) ގައި؛ "މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ." މިފަދައިން ކަނޑައަޅައި ޤާނޫނުއަސާސީގެ ސާފު ސަރީޙަ ނައްޞުގައި ކަނޑައަޅިގެން ބަޔާންކޮށްފައި ވެއެވެ!
ޢާންމު އުޞޫލަކުން ބަލާނަމަ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޒަރީއާ އިން އިލްތިޒާމްތައް މަތިކުރެވެނީ، މުޖުތަމަޢުއެއްގެ އަހުލުވެރިންގެ އިރާދަތާއި ވިލްގައި އެކަންކަން ކުރުމާއި ދުރުހެލިވުން އުފަންވެ، ދެބަސްވުންތަކާއި އިޚްތިލާފުތަކާއި ޚުޞޫމާތުތައް އުފެދިގެން ދާހިނދު ނުވަތަ ހިނގައިދާނެހިނދު އެފަދަ ނިޒާޢުތަކަށް ޙައްލެއް ހޯދުމުގެ ބޭނުމުގަ އެވެ.
ވަކިކަމެއް ޤާނޫނެއްގައި ބަޔާންކުރެވިގެން މަނާކުރެވެނީ އެކަމެއް މުޖުތަމަޢުއަށް އުފަންވެ ފެންމަތިވުމުންނެވެ. ނުވަތަ އެ ދެކަމުގެ ބިރު ހީވުމުންނެވެ. ވަކި އިލްތިޒާމުތަކާއި ޝަރުޠުތަކެއްވެސް މަތިކުރެވެނީ އެފަދަ ކަންކަމަށް ބޭނުންވާހިނދުއެވެ. އެހެނީ ޤާނޫނަކީ މަތާރަން ފިލާމަތީގައި ހިރަފުސް އަރައިދިއުމަށް އުފަންކޮށް ބޭއްވޭ ވަޞީލަތެއް ނޫނެވެ. ސަބަބެއް ވުޖޫދުވެ މަޤްޞަދުތަކެއް ޙާޞިލުކުރަންޖެހުން އެއްވެދިއުމަކީ ޤާނޫނާއި ޤަވާޢިދުތައް "ވިއްސުވާ" މެރިއޭޖެވެ.
އާ ސާސްކަފަށް އަލިވުލުނުއިރު ޢާންމު ދިވެހިންގެ ވިސްނުމާއި ޚިޔާލާތުވެސް ވަނީ ގާދޫކޮލުން ބޭރަށް ނުކުމެފައެވެ. ބަވަނަވެފައިވާ ދުނިޔޭގައި ދެމެމުންދާ ތަފާތު އޮއިވަރުތަކުގެ ތެރެއަށް ހުށައެޅިފައެވެ. ކިއްސަރު އޮއިވަރުތަކާއި ނުކިއްސަރު އޮއިވަރުތަކުގެ ތެރެއަށްވެސް މެއެވެ.
އިސްރަށްވެހިންނަށް "ރަން ތިރީސް އަހަރު" ކަމުގައި ވީނަމަވެސް، "ރިހި" ނުވަތަ "އަލިމަސް" އެންމެ އަހަރެއްވެސް ލޮލުންދެކުމުގެ ނަޞީބު ލިބިގެންގޮސްފައިނުވާ ނޫކަށި ފުރައިގެ މައިބަދަތައް "ހިތި ހަކުރެއް" ގައި ޖައްސުވައި ވާވެއްދުނެވެ. ބަޑިބޭސްކޮޅެއް އެތެރެކޮށްނުލެވޭ މިޤައުމަށް ބަސްތަ ބަސްތާގައި "ކާޑު" އެތެރެވާ ދޮރާއްޓެއް ހަމަ ނުފެނެ އެވެ.
މި "ކުޅިގަނޑުގައި" ޤައުމުގެ ޒުވާން ޖީލު ޖެހި، ޗުއިންގަމް ފޮއިލްކޮޅަކާ މަތިކޮށް އުމުރު ދުވަހަށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާންޖެހޭ ޖެހުމާއެކު ޢާއިލާތަކުގެ ނަފްރަތާއި ޒުވާނުންގެ ރުޅިވެރިކަން "އާމަންޒަރެއް" ދެކިލުމަށް ނުހަނު ބޭނުންވިއެވެ. ހަކުޅި ކުރިއަށް ކުޅޭ ސިޔާސީން ތަންވަޅުގެ ބޭނުންހިފައި 6 ގިއަރު ކުރިއަށް ޖައްސާލިއެވެ. ބުޅާ މަސްގަނޑަށް ބަލަހައްޓައިގެން އޮތް ބީދައިން މި އިސްލާމީ ދައުލަތަށް ކަޅިއަޅައިގެން އޮތް ޢަދާވާތްތެރީން ދަނޑިވަޅުބަލައި "މިނިވަންކަމާ" "އިންސާނީ ޙައްޤު" ބޭރުގައި ޖަހައި ލޭބަލްކޮށްފައިވާ "ޕެކޭޖް" ތަކެއް ދިއްކޮށްލި އެވެ.
ބޭރުފުށުގެ ޗާލުކަމާއި އިންތިހާ އޮފްދާރުކަމާއެކު އަރާ ވިދުވަރުގެ ސަބަބުން، ލޯތަކަށް ޙަޤީޤީ މަންޒަރެއް ނުފެންނަހާ ވަރުގަދަ ވިދުވަރެއް ނަމަވެސް ކޮންމެވެސް ބައެއްގެ ލޯތަކަށް، އެގަދަ ވިދުވަރުގެ ތެރެއިންވެސް އޭގެ ފަހަތުގައިވާ ކަޅުއަނދިރިކަން ފެނިގެން ގޮސްފައި ވާކަމީ މިކުޑަ ކުޑަ ދަޢުލަތަށް މާތް ﷲ ލެއްވި ރަޙްމަތަކަށް މެނުވީ ނުވާނެ އެވެ.
އެތެރޭގައި ދަމާ ބާނިތަކުގައި ޖެހިގެންވެސް، މި ޤައުމުގު ޤައުމެއްގެ ގޮތުގައި މިނިވަންކަމާއެކު ދެމިއޮތުމުގެ އަސާސީ ބަހާކަމުގައިވާ އިސްލާމީ ޢަޤީދާ ގާދޫކޮލުން ބޭރުގައި ދަމަމުންދާ ވަރުގަދަ އޮއިވަރުގައި އޮޔާ ނުދާނެ ވަރަށް ދިވެހި "ފަލަރޯނުން" ދިވެހި ފަސްގަނޑަށް މޫލާފައިވާ ދިވެހިރުކުގެ ބުޑުތަކުގައި ބަނދެލި އެވެ.
ތަހުޒީބީ ހަމަތަކާ އެއްގޮތް ޒަމާނީ ޑިމޮކްރެސީ އަކާއެކު އިންސާނީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭ ބާބެއް ފެހި ޤާނޫނުއަސާސީގައި ބަނދެލުމުގެ ކުރިއަށް، އިސްލާމީ މި ދައުލަތުގެ އަސާސީ ބަހާ ޙިމާޔަތްކޮށް، އެއް މާއްދާއަށްވުރެ ގިނަ މާއްދާތަކުން ވަރުގަދައަކަށް ބަނދެލި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ނުވަތަ ދިވެހި ދައުލަތުގެ ދުސްތޫރީ ތަޢާރުފު ނުވަތަ ކޮންސްޓިޓިއުޝަނަލް ޑިފިނިޝަންގައި "އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ" މި ޤައިދާ އެކުވެ.
އަދި، ދިވެހިރައްޔިތް ބަޔާންކޮށްފައިވާ މާއްދާގައި، "މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ" މި ޤައިދު ނުވަތަ ރެސްޓްރިކްޝަން އިންނާއި، ދައުލަތުގެ ދީން ބަޔާންކޮށްފައިވާ މާއްދާގައި، "ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ." މި ޤައިދުތައް ނުވަތަ ރެސްޓްރިކްޝަންސްތަކުން ނެވެ.
މީގެ 14 ވަރަކަށް އަހަރު ކުރިން ކުރެވިފައިވާ މި މަސައްކަތުގެ ހަޤީޤީ އަޤު މިއަދު މިވަނީ އިންތިހާއަށް އުފުލިފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ނުވަތަ ޑޮލަރުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ނޫނެވެ. ނަމަވެސް ޑޮލަރާއި ޔޫރޯ އިން ޖެހެމުންދާ "ފިއްޔަށް" ސިޔާސީން ހާންތިވެފައިވާ ވަރުންނެވެ. އެއުރެންގެ ކަރުހިއްކުން ފިލުވުމަ ށެވެ.
ހިތްމައްޗަށް ނިކަން ގެންނަވާށެވެ. ދިވެހި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ ޤާނޫނެއް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ 23 ވޯޓުންވެސް ފާސްކޮށްލެވިދާނެއެވެ. ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ބަޔާންކުރުމަށް ބަލާއިރުއެވެ. އަދި 91 ވަނަ މާއްދާގެ ބަޔާންކުރުމުގައި ވާގޮތުން އެފަދަ ފާސްކުރުމެއް ތަޞްދީޤުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ދެކޮޅުހެއްދެވި ނަމަވެސް، 44 މެމްބަރުންގެ ވޯޓުން އަލުން ފާސްކުރުމުން އެ ބިލެއް ޤާނޫނަކަށް ވާނެ އެވެ.
އެހެންނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުރުމަކަށް އިޞްލާޙުގެނެވޭނީ ރައްޔިތުންގެ މަޖްލީހުގެ 66 މެމްބަރުންގެ ވޯޓުންނެވެ. އަދި އެފަދަ އިޞްލާޙެއް ގެނައި ނަމަވެސް އެ އިޞްލާޙެއް ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤުނުކުރަށްވައި އަނބުރާ ފޮނުއްވާލައްވައިފި ނަމަ އެ އިޞްލާޙެއް ޤާނޫނަކަށް ވެގެންދާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ޤާނޫނުއަސާސީގެ 12 ވަނަ ބާބުގައި ކަނޑައަޅާފައިވާ ދުސްތޫރީ ހަމަތަކުން އެނގިހާމަވެގެންދާ ގޮތުގައެވެ.
ދާވަނިއަޅުވައި ނެގޭހިސާބަށް ތިލަވެއްޖެކަމަށް ހީކޮށް ކުރުކޮށްލަމެވެ. މުސްލިމެއްކަމުގައި ވުމަކީ ދިވެހި ރައްޔިތަކަށް ވުމަށް ޝަރުޠެއްކަމަށް ކުރީގެ ޤާނޫނުއަސާސީތަކުގައި ބަޔާންކޮށްފައި ނުވަނީ ކީއްވެގެން ކަމެވެ.