Ad
ރައްޔިތުންގެ އިއްތިޙާދުގެ ރައީސް އިބްރާހީމް މުޙައްމަދު-: ފޮޓޯ: ޕީއެސްއެމް
ރައްޔިތުންގެ އިއްތިޙާދުގެ ރައީސް އިބްރާހީމް މުޙައްމަދު-: ފޮޓޯ: ޕީއެސްއެމް

ފަހުގެ ތާރީޚެއްގައި ދިވެހިރައްޔިތުން ނިކުމެ ވީދާލާނެ ޤާނޫނަކީ ސެކިއުލަރ ބިލަށް ވެގެން ދާނެކަން ޔަޤީން: ރައްޔިތުންގެ އިއްތިހާދުގެ ރައީސް

ފަހުގެ ތާރީޚެއްގައި ފަސާދައެއް ޤާނޫނެއްގެ ނަމުގައި ފާސްކޮށްގެން އެ ޤާނޫނެއް ދިވެހިރައްޔިތުން ނިކުމެ ވީދާލާނެ ޤާނޫނަކީ ލާދީނީ ސެކިއުލަރ ބިލަށް ވެގެން ﷲ އިރާދައާއެކު ދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އަރުވާކަމަށް ރައްޔިތުންގެ އިއްތިޙާދުގެ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ފާއިތުވެދިޔަ މަޖްލިސް އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރަށްވައި ހަނިތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އިބްރާހީމް މުޙައްމަދު މިފަދައިން ވިދާޅުވެ ސަރުކާރަށް އިންޒާރެއް ދެއްވާފައި މިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖޭގެ ތިރީހަށްވުރެ ގިނަ މަދަނީ ޖަމިއްޔާތަކާއި އަދި ދީނީ ޢިލްމުވެރިން ގުޅިގެން އުފައްދާފައިވާ މަދަނީ ޙަރަކާތެއްކަމަށްވާ "ރައްޔިތުންގެ އިއްތިޙާދު" ގެ ރައީސް ކަންވެސް ކުރަށްވާ އިބްރާހީމް މުޙައްމަދު ކުރެއްވި މި ޓްވީޓުގައި އެމްޑީޕީ ސެކްރެޓޭރިއޭޓްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ޓެގްކުރަށްވާފައި ވެއެވެ.

އިބްރާހީމް މުޙައްމަދު މިފަދަ ޓްވީޓެއްކުރަށްވާފައި ވާއިރު، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމަށް ރައްޔިތުންގެ މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ މިބިލާ ގުޅިގެން ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމުރައްޔިތުންގެ ގިނަ ބަޔަކުވެސް ނުރުހުންފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުން އެބަ ގެންދެއެވެ.

ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށްޓަކައި ޤާނޫނުގެ ދަށުން އުފެދިފައިވާ ގުނަވަން ކަމުގައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން ވެސް މި ބިލާ ދެކޮޅުހަދާފައި ވާއިރު، އިސްލާމިކް މިނިސްޓްރީ އިން ވެސް މި ބިލަށް އިޢުތިރާޒުކޮށްފައި ވެއެވެ.

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ މަޤްޞަދުގައި ކަމަށް ބުނެ ސަރުކާރުން ހުށައެޅުއްވި މި ބިލު އެކުލަވާލާފައި ވަނީ ކޯލިޝަން ޕާރޓްނަރުންކަމުގައިވާ ޢަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާރޓީ އާ ވެސް މަޝްވަރާކުރުމަށް ފަހުގައި ކަމަށް ބިލާމެދު ބަޙުސްކުރަށްވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް އިއްޔެ ވިދާޅުވި ވާހަކަތައް އެ ދެޕާރޓީ އިން ވެސް ދޮގުކޮށް މި ބިލަށް އިންކާރުކޮށްފައި ވޭމެއެވެ.

ޚުދު އެމްޑީޕީ އަށް ނިޞްބަތްވެވަޑައިގަންނަވާ މަޖްލިސް މެމްބަރުންތަކެއް މި ބިލު ބޭރުކޮށްލުމަށްވެސް އިއްޔެ ވޯޓުދެއްވާފައި ވާއިރު، ބިލު ފާސްކުރަން ތާޢީދު ނުކުރަށްވާނެކަމަށް، އެ ޕާރޓީގެ އެހެނިހެން މަޖްލިސް މެމްބަރުންވެސް އެ މެމްބަރުންގެ ދާއިރާތަކުގެ ރައްޔިތުންނަށް ވަޢުދުވެވަޑައިގަންނަވަމުން ގެންދަވާކަން ވެސް ތަފާތު މަޞްދަރުތަކުން މި ނޫހަށް ކަށަވަރުވެފައި ވެއެވެ.

ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިން ނިޞްބަތްވެވަޑައިގަންނަވާ ޢިލްމުވެރިންގެ ކޯލިޝަން އެއް ކަމުގައިވާ "ޢިލްމުވެރިންގެ ގުޅުން" ފަރާތުން ދާދިފަހުން ނެރުނު ނޫސްބަޔާނެއްގައި ޢިލްމުވެރިން މި ބިލު ޞިފަކުރަށްވާފައި ވަނީ ހިންގެމުންދާ އަޑިނުބައި ރޭވުމެއްގެ ގޮތުގައެވެ.

އަދި މި ބިލާ ދެކޮޅަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި އެކުއެކީގައި ތެދުވަވަޑައިގެން ޤާނޫނޫ ތަންދޭ އެންމެ ފުޅާ މިނެއްގައި އިޙްތިޖާޖުކޮށް އަޑު އުފުލުމަށްވެސް ޢިލްމުވެރިންގެ ބަޔާނުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވާއިރު، މިހާތަނަށް ރާއްޖޭގެ 60 ކައުންސިލަކުން ވެސް ވަނީ މި ބިލާ ދެކޮޅަށް ބަޔާންތައް ނެރެ، މި ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައި ކަންވެސް ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ އިއްތިޙާދުގެ ރައީސް އިބްރާހީމް މުޙައްމަދު-: ފޮޓޯ: ޕީއެސްއެމް

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *