އިސްލާމިކް މިނިސްޓްރީ އިން އެ މިނިސްޓްރީގެ އަޞްލު ހައިބަތާއިގެން ތެދުވެވަޑައިގަތުމަށް ވަރަށް އާދޭހާއެކު ދަންނަވައި ޖަމްޢިއްޔަތުއް ސަލަފް އިން އިސްލާމިކް މިނިސްޓަރަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.
ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުންފަދަ ދީނީ ޝިޢާރުތައް ނަގަހައްޓާ، އިސްލާމްދީން ޙިމާޔަތްކޮށް ދެމެހެއްޓުމަށް އެންމެހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ޚާއްޞަކޮށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ ވުޒާރާތަކުން ކުރަން ރާވާކަންކަމުގައި ދީނީގޮތުން ރަނގަޅު ނުރަނގަޅު ބަލައި، ލަފާއެރުވުމާއި، އަމްރު މަޢުރޫފް ހިންގުމާއި މުންކަރާތްތައް މަނާކުރުމުގައި، ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން ގޮވައިގެން، ބެލެނިވެރިއެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރައްވާން އޮތް ތަނަކީ އިސްލާމިކް މިނިސްޓްރީކަމަށާއި އެ މަސްއޫލިއްޔަތާއިގެން އިސްލާމިކް މިނިސްޓްރީގެ އަޞްލު ހައިބަތުގައި ތެދުވެވަޑައިގެންދެއްވުންއެދި ޢިލްމުވެރިންގެ މި ސިޓީގައި އިސްލާމިކް މިނިސްޓަރުގެ އަރިހުން އާދޭސްދަންނަވާފައި ވެއެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ ޢިލްމުވެރީން ނިޞްބަތްވެވަޑައިގަންނަވާ މަދަނީ ޖަމިއްޔާއެއްކަމަށްވާ ޖަމްޢިއްޔަތުއް ސަލަފް އިން އިސްލާމިކް މިނިސްޓަރަށް މިފަދަ ސިޓީއެއް ފޮނުއްވާފައި މިވަނީ، ޤާނޫނުލްޢުޤޫބާތައް ގެނައުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިޞްލާޙުތަކާ ގުޅިގެން ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމު ރައްޔިތުންގެ ގިނަ ބަޔަކުވެސް އެ ބިލާމެދު ފާޅުގައި ދެކޮޅުހަދައި އެބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ސަލަފް ޖަމިއްޔާގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓުގައި ޢާންމުކޮށްފައިވާ މި ސީޓީގައި، ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަޖްލީހަށް ހުށައަޅުއްވައި މަޖްލީހުން ބަލައިގަނެފައިވާ ބިލަކީ ރާއްޖޭގައި ތިއްބެވި ގިނަގުނަ ޢިލްމުވެރީން އެ ބިލާމެދު އިންތިހާޔަށް ކަންބޮޑުވެ، އިންކާރުފާޅުކުރަމުންދާ ބިލަކަށް ވީހިނދު، އެ ބިލުއެއީ ބަލައިނުގަނެވޭނެ ބިލެއްކަމުގައި ސަރުކާރަށް ދަންނަވައިދެއްވުމަށް ޢިލްވެރީންގެ ފަރާތުން އިސްލާމިކް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައި ވޭމެއެވެ.
އަދި، މި ބިލު ޤާނޫނަކަށް ބަދަލުވެއްޖެނަމަ ނަފްރަތުގެ ޢަމަލުތައް ހުއްޓުމުގެ ބަދަލުގައި ރައްޔިތުންގެ ހިތްތަކުގައިވާ އިސްލާމްދީނާމެދު އޮތް ޣީރަތްތެރިކަން އުތުރިއަރައި، ޤައުމުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި، ރައްޔިތުންގެ އުދާސްތައް ހަމައިން ނެއްޓުމުގެ ބިރުވެރި ޙާލަތަށް ފުރުސަތު ނުދެއްވުމަށްވެސް ޢިލްމުވެރިންގެ ދީނީ ޢިލްމުވެރިން އިސްލާމިކް މިނިސްޓަރަށް ފޮނުއްވި މި ސިޓީގައި ނަޞޭޙަތެރިވެވަޑައިގެންފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.