ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވަނީ ކޮންމެ އިރަކުވެސް އެ މަޤާމުން ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަމަށް ޤަބޫލުފުޅުކުރަށްވައިގެން ކަމަށް ޕީޖީ ޝަމީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުތަކެއްގެ ތެރެއިންނެވެ.
އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހުގައި ޕީޖީ އޮފީހުގެ ނުވަތަ ޕްރޮސިކިއުޝަންގެ މަސައްކަތްތަކަށް ގެނެވިފައިވާ ހެޔޮބަދަލުތަކާއި އަދި އެކަންކަން އެންމެ ފުރިހަމަކުރެއްވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ގުޅިގެން ވާހަކަދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، އެމަނިކުފާނު މަޤާމުގައި މާކަގިނަ ދުވަހަކު ނުހުންނަވާނެކަމަށާއި، މަސްއޫލިއްޔަތުތައް އަދާކުރަށްވަނީ ކޮންމެ ވަގުތަކުވެސްމެ މަޤާމުން ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަމަށް ޤަބޫލުފުޅުކުރަށްވައިގެން ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން ކޮންމެ ހިނދަކުވެސް ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ޝަމީމް ވިދާޅުވެފައި ވީނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު ގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، އެ މަޤާމަކީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ޢައްޔަނުކުރެވޭ މަޤާމެކެވެ. އަދި ފުރަތަމަ 5 އަހަރު ހަމަވުމަށް ފަހުގައި ވެސް ރައްޔިތުންގެ މަޖްލީހުން ބޭނުން ވާނަމަ، އިތުރު 5 އަހަރަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ ޓާރމް އިތުރުކުރެވޭނެ އެވެ.
ޕީޖީގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ 5 އަހަރުގެ ދައުރު ހަމަވުމުގެ ކުރިން މަޤާމުން ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އަމިއްލަފުޅަށް މަޤާމުން އިސްތިޢުފާދެއްވުމުން ނުވަތަ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖްލީހުން ނިންމެވުމުން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، މާ ގިނަ ދުވަހަކު މަޤާމުގައި ނުހުންނަވާނެ ކަމަށާއި އަދި ކޮންމެ ވަގުތަކުވެސްމެ މަޤާމުން ދުރަށްވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަމަށް ޤަބޫލުފުޅުކުރަށްވައިގެން ހުންނަވާކަމަށްވެސް ޝަމީމް ވިދާޅުވުމުމަކީ މަޤާމުން އެމަނިކުފާނު "އިސްތިޢުފާ" ދެއްވާނެ ނުވަތަ "ދުރު" ކުރެވިދާނެކަމުގެ ވާހަކަކަމަށް ބެލެވެއެވެ. އެހެނީ، އެމަނިކުފާނު މަޤާމަށް ޢައްޔަނުކުރެވުނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށްވެފައި 5 އަހަރުގެ ދައުރުގެ މުއްދަތު ހަމަވުމަށް އަދި ދެތިން އަހަރު ބާކީ އޮތްހިނދުވެސްމެއެވެ.
ޕްރޮސިކިއުޓަރ ޖެނެރެލްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، ދިފާއީ ވަކީލެއްގެ ގޮތުގައިވެސް ޙުސައިން ޝަމީމު މަސައްކަތްކުރަށްވާފައި ވެއެވެ.
އަލްއުސްތާޛު ޙުސައިން ޝަމީމަކީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވުމުގެ އިތުރުން، އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީ އިން ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.