Ad
ޤައުމީ އިނާމާބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އަނީސާ އަޙްމަދު ވާހަކަދައްކަވަނީ-: ފޮޓޯ: ރައީސް އޮފީސް
ޤައުމީ އިނާމާބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އަނީސާ އަޙްމަދު ވާހަކަދައްކަވަނީ-: ފޮޓޯ: ރައީސް އޮފީސް

ދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކައިގެ ސަބަބުން މުޖުތަމަޢުގައި އަދި މާބޮޑަށް ނަފުރަތު އުފެދޭނެ: އަނީސާ

ސެކިއުލަރިޒަމްއަށް ތާއީދު ލިބޭ ގޮތަށް ދެކެވޭ ވާހަކައާ ދެކޮޅަށް ޚިޔާލުފާޅުކުރުމަކީ ނަފުރަތުއުފެއްދުން ކަމަށް ބަލާނަމަ ގަބޫލުކުރަންޖެހޭ ޙަގީގަތަކީ، އިސްލާމް ދީނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކައިގެ ސަބަބުން މި މުޖުތަމަޢުގައި އަދި މާބޮޑަށް ނަފުރަތު އުފެދޭނެކަން ކަމަށް އަނީސާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައި އުފެއްދެވި، ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އެމް.އާރ.އެމް އަށް ނިޞްބަތްވެވަޑައިގަންނަވާ އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ގިނަ މަޤާމުތަކެއް އަދާކުރަށްވާފައިވުގެ އިތުރުން "އިންޓަރނޭޝަނަލް ވިމަން އޮފް ކަރޭޖް" އެވޯރޑްވެސް ޙާޞިލުކުރަށްވާފައިވާ އަނީސާ އަޙްމަދު މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.

މުސްލިމަކު ކާފިރުކުރުން ކުށަކަށް ހަދާ ބިލުގެ ނަމުގައި އެންމެ ފުރަތަމަ މަޝްހޫރު ކުރެވިގެންދިޔަ ނަމަވެސް މިހިނދު "ސެކިއުލަރ ބިލް" ގެ ނަމުގައި އިޖްތިމާޢީ މަންސަތަކުގައި މަޝްހޫރުވެ، ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ވެސް ސޮއިކުރެވެމުންދާ މި ބިލުގެ ބޭނުމަކީ "ނަފުރަތު" އުފެއްދުން ޖިނާއީ ކުށަކަށް ހެދުންކަމަށް ބިލު ހުށައަޅާ ސަބަބުގެ ގޮތުގައި މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އެހެންނަމަވެސް، ނަފުރަތުގެ ޢަމަލީ ކޮބައިކަން ވެސް ބަޔާންކޮށްދިނުމަކާއި ނުލައި އިންތިހާ ފުޅާ މާނައެއްގައި މި ބިލުގައި ކުށްކަނޑައަޅާފައި ވުމުގެ ސަބަބުން ރާއްޖޭގެ ޤާނޫނުއަސާސީގެ އިތުރުން ޒަމާނީ ޑިމޮކްރެސީގައި އަސާސީ ޙައްޤެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުންވެސް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާ ކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުންވެސް ފާހަގަކޮށްފައި ވެއެވެ.

އަދި ބައިނަލް އަޤްވާމީ މިންގަނޑުތަކުން މަނާކުރުން ލާޒިމުވާ ދަރަޖައިގެ "ނަފުރަތު" ގެ ޢަމަލުތައް މިހިނދުވެސް ރާއްޖޭގެ ތަފާތު ޤާނޫނުތަކުގައި ކުށުގެ ގޮތުގައި ކަނޑައަޅައި ބަޔާންކޮށް އެ ކުށްތަކަށް ބޮޑެތި ޢުޤޫބާތްތައް ކަނޑައަޅާފައިވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރަމުން ގެންދެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތައް މާއްދާއެއް އިތުރުކޮށްގެން ޤާނޫނަށް އިޞްލާޙުގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ރައްޔިތުންގެ މަޖްލީހަށް ހުށައެޅުއްވި މި ބިލާ ގުޅިގެން ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ފަރާތްތަކުންނާއި ޢާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، މިހާތަނަށް ރާއްޖޭގެ 100 އެއްހައި ކައުންސިލަކުން ވެސް މިބިލާ ދެކޮޅަށް ބަޔާންތައް ނެރެފައި ވެއެވެ.

ޚާއްޞަކޮށް އެ ބިލުގައި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެންމެ ފުރަތަމަ ހިމަނާފައިވާ ދެ ނުކުތާކަމުގައިވާ، ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އަދި އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައަޅާފައިވާ ވުމަކީ، އިސްލާމް ދީނުގެ މުހިންމު އަޞްލެއްކަމުގައިވާ ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް ނަހީކުރުމުގެ އަސާސާ ވެސް ޚިލާފު ނުކުތާތަކެއްކަމުގައި ފާހަގަކޮށެވެ.

ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމަށް ހުށައެޅުނު ބިލާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ބަހުސްތައް ކުރެވެމުންދާއިރު ބިލަށް ޚިޔާލުހުށައެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖްލީހުން މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފަ އެވެ. އަދި މި ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވާއިރު، މި ބިލާ ގުޅިގެން އޮންލައިން ދެ ޕެޓިޝަނެއްގައި ސޮއިކުރެވެމުން ދާކަންވެސް ފާހަގަކޮށްލެވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *