އެ ވައިރަސް އެއްގެ ސަބަބުން މުޅި ދުނިޔެ ވެސް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާ ވައިރަސް އުފަންވެގެން އައިގޮތް ހޯދުމަށް ކުރެވޭ މަސައްކަތައް އެއްބާރުލުން ނުދޭނަމަ، ބައިނަލް އަޤްވާމީ ދުނިޔޭގައި "އެކަހެރިކުރެވުން" އާ ކުރިމަތިލާން ޗައިނާއަށް ޖެހޭނެކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލެވަން ވިދާޅުވެއްޖެ އެވެ.
"ދެގޮތުން ކުރެއް އެއްގޮތެއް އެ މީހުން (ޗައިނާ) އަށް އޮތީ. މިއީ (ކޮރޯނާ ވައިރަސް) އަކީ ކޮންތަނަކުން އުފެދިގެން އައި އެއްޗެއްކަން ދެނެގަތުމަށް ތަހުގީގުކުރާ ފަރާތްތަތަކަށް ހުއްދަދީ އެފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން. ނޫންނަމަ ބައިނަލްއަޤްވާމީ ދުނިޔެއާ އެކަހެރިކުރެވުމާ ކުރިމަތިލާންޖެހުން"
ރައީސް އޮބާމާގެ ދައުރުގައި ވެސް ސަލާމަތާބެހޭ ކަންކަމުގައި އިސްތިޝާރީ ލަފާދެއްވުމުގެ މަޤާމުތަކުގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސްމަޤާމުތައް ވެސް ފުރުއްވާފައިވާ ޖޭކް، ފޮކްސް ނިއުސް އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.
ދާދިފަހުން ބޭއްވުނު ޖީ-7 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި މި މައްސަލާގައި ބައިޑަން ކުރެއްވި މަސައްކަތައް ތަޢުރީފުކުރަށްވައި ވެސް ޖޭކްގެ މި ބަސްދީގަތުމުގައި ވާހަކަދައްކަވާފައި ވެއެވެ.
"ހިނގަމުން މިދާ ހަފްތާގައި ޔޫރަޕްގައި ޖޯ ބައިޑެން ކުރެއްވި މަސައްކަތަކީ ފުރަތަމަ ފަހަރަށް މި މައްސަލައިގައ ިޑިމޮކްރެސީގެ ދުނިޔޭގެ އަޑު އެއް އަޑަކުން އަޑުއުފުލުވުން. ރައީސް ޓްރަމްޕް އަށް އެކަން ނުކުރެއްވުނު. ރައީސް ބައިޑެން އެކަން އެ ކުރެއްވީ" މުޝީރު ޖޭކް ވިދާޅުވި އެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅުގައި ޗައިނާގެ ވޫހާން ސިޓީ ގެ މާރުކޭޓަކުން އެންމެ ފުރަތަމައިން ފެނުނުކަމަށް ބެލެވޭ ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ތަފާތު ރިޕޯޓުތައް ކޮށްފައި ވާއިރު، ފުރަތަމަ އެ ވައިރަސް ފެނިފައި ވަނީ ޔޫރަޕުންކަމުގައި ވެސް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެމެރިކާ އިން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި މި ވައިރަސް އަކީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ގައިި އުފައްދައިގެން އުޅޭ ވައިރަސް އެކެވެ.
ކޮރޯނާ ވައިރަސްގެ ބަދަލުގައި އެމެރިކާގެ ރައީސް ޓްރަމްޕް މި ވައިރަސްއަށް "ޗައިނާ ވައިރަސް" އޭ ކިޔުއްވާތީވެ ޑަބްލިޔުއެޗްއޯ އިން އެކަމަށް ފާޑުކިޔާފައި ވާކަންވެސް ފާހަގަކޮށްލެވެ އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ގޮސް މިހާރު ތަފާތު ކަފިތަކަށް ބެހިގެން ގޮސްފައިވާ ކޮރޯނާ ވައިރަސްގެ ވެކްސިން އުފެއްދިފައި ވީނަމަވެސް މި ބަލީގެ އެއް ރާޅަށްވުރެ ގިނަ ރާޅުތަކާ ދުނިޔޭގެ ގައުމުތަކުން އަދިވެސް ކުރިމަތިލާންޖެހެމުން ދާއިރު މިހާތަނަށްވެސް އެތަކެއް މިލިއަން މީހުންގެ ފުރާނަ މި ބަލީގައި ގެއްލިގޮސްފައި ވެއެވެ.
ރާއްޖެއިންވެސް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މިބަލީގައި ނިޔާވެފައި ވާއިރު، އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރުވެސް މުޅި ރާއްޖޭގައި ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު މިވަނީ ދެމެހެއްޓި ދަތުރުފަތުރުކުރުން ހަނިކުރަން މަޖުބޫރުވެފައެވެ. ފަތުރުވެރިކަން ދަށްވެ އިޤްތިޞާދަށް އިންތިހާ ހީނަރުކަން އައިސް ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއްކޮށް އަދި ކުރަމުން ދާކަންވެސް ފާހަގަކޮށްލެވެ އެވެ.
(ފޮކްސް ނިއުސް)