ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާކްރާފްޓްތައް ޖެއްސޭވަރަށް ބޮޑުކޮށް އެތަނަކީ އިގްތިސާދީ މުހިއްމު ހަބަކަށް ހެދުމަށްޓަކައި 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ކަނޑައަޅާ އެކަމުގެ ހުރިހާ ޕްލޭންތަކެއްވެސް މިހާރު ވަނީ ނިންމާފައެވެ.
އެއާޕޯޓުގެ ތަރައްގީގެ ޕްލޭން ހަދާފައިވަނީ އެ މަޝްރޫއަށް އިގްތިސާދީ ދިރުން ގެނައުމަށް ބޭނުންވާ އިތުރު ވިޔަފާރިތައްވެސް މުސްތަގުބަލުގައި އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ގާއިމްކުރާ ގޮތަށެވެ. އެހެންކަމުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު ހުށަހެޅި އެވެ. މިކަމާ ރަށުގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމީބުން ބުނަނީ އާންމުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް އޮތް ބިމުން ބޮޑު ބައެއް އެއާޕޯޓު ތަރައްގީއަށް ނެގުމަކީ ރުހޭ ކަމެއް ނޫން ކަމަށެވެ. މިކަން ބޮޑުވުންތަކާ ގުޅިގެން ހަނިމާދޫގެ ކްލަބް ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.
އެ މައްސަލައާ ގުޅޭގޮތުން އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެއާޕޯޓު ތަރައްގީ އަށް ބޮޑު ބިމެއް ދޭން ރަށުގެ ރައްޔިތުން ވެސް ކަންބޮޑުވާތީ އެކަން މި މަހުގެ 6 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ބިން ކުޑަކޮށް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށްގެންދިއުމަށް މަޝްވަރާކުރަމުން އަންނަކަމަށް ބަޔާނުގައި ބުންޏެވެ.
ކައުންސިލުން ބޭނުންވަނީ އެއާޕޯޓް ތަރައްގީއަށް 400،000 އަކަފޫޓުގެ ބިމެއް ދިނުމަށެވެ. އެކަމާ މަޝްވަރާކޮށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
"ކުރިން ވެސް ދެންނެވި ފަދައިން ހަނިމާދޫ އެއާޕޯޓް ޑިވެލޮޕްމަންޓަށް ހަނިމާދޫ ބިމުން މިނިސްޓްރީން އެ ދަންނަވާ ވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ އެދި ދެންނެވުމުން، އެދިލައްވާފައިވާ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަށް 853،937 އަކަފޫޓުގެ ބިމަކީ ވަރަށް މުހިއްމު ބިމެއްކަން ފާހަގަކޮށް މި ކައުންސިލަށް ވަނީ އަންގަވައިފަ އެވެ. ވީމާ ހަނިމާދޫ ކައުންސިލުން މިހާރު މިނިސްޓްރީއާ މަޝްވަރާކުރަމުން މި ގެންދަނީ އެ ވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާ ކަމަށެވެ،" ބަޔާނުގައި ބުންޏެވެ.
އިކޮނިމިކް މިނިސްޓަރު ފައްޔާރު އިސްމާޢީލް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ނުވަތަ ކައުންސިލުން ބޭނުން ނުވާ ނަމަ ހަނިމާދޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓާލައި އެ މަޝްރޫޢު އެހެން ރަށަކަށް ވެސް ބަދަލު ކުރެވިދާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންނާއި ކައުންސިލުގެ ރުހުން ވެސް އޮންނާނެ ގޮތަކަށްކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދާދި ފަހުން މީޑިޔާއަށް ދެއްވާފައިވެއެވެ.
ހަނިމާދޫ ކައުންސިލުން ނެރެފައިވާ ބަޔާނުން އެނގޭ ގޮތުގައި ރަށުގެ އެއާޕޯޓް ތަރައްގީކުރަން އެކައުންސިލުން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެންނަމަވެސް ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ރަށުން ބޮޑު ބިމެއް އެއާޕޯޓް މަޝްރޫއަށް ހާއްސަކޮށްދޭކަށް ވެސް ބޭނުމެއް ނުވެއެވެ.