Ad

ޔޫރޯ 2020: ނޮކައުޓް ބުރު ފެށޭއިރު، ޓީމުތަކުގެ ޙާލަތު!

ޔޫރޯ ނޮކައުޓް ބުރު ފެށޭއިރު ޓީމުތަކުން ދަނީ ދުރާލައި ފަރިތަކުރުންތަށް ފަށައި ކުރިޔަށް ގެންދަމުންނެވެ. ނޮކައުޓް ބުރަކީ ބަލިވާ ޓީމުތަށް މުބާރާތާއި އަލްވަދާޢު ކިޔާ ގޮތަށް އޮންނަ ބުރެވެ. އެކު ޖުމްލަ 16 ޓީމަކުން ނޮކައުޓް މަރުޙަލާގައި ވާދަކުރެއެވެ. އަނިޔާގެ މައްސަލަތަކާއި ސަސްޕެންޝަނުގެ މައްސަލަތަކެއް ބައެއް ޓީމުތަކަށް ކުރިމަތިވެފައިވެއެވެ.

ފްރާންސް / ސްވިޒަލޭންޑް:

ފްރާންސް: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވާދަކުރާނީ ސުވިޒަލޭންޑާއެވެ. ސްވިޒަލޭންޑަކީ ގްރޫޕް އޭ ގެ 3 ވަނަ ޓީމެވެ. މެޗަށް ކުރިމަތިލާއިރު ފްރާންސަށް އަނިޔާގެ މައްސަލަތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. ހަންގޭރީ މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑެމްބެލޭ އަށް އަނިޔާވެ ޔޫރޯ ނުކުޅެވޭނެކަން ޔަޤީންވެފައިވާއިރު، ލެފްޓްބެކް ލޫކަސް ޑީނޭ އަށް ޕޯޗުގަލް މެޗުގައި ފަލަމަސްގަނޑު އިރައިގެން ދިޔުމުގެ ސަބަބުން ދެން ޔޫރޯގައި ކުޅެވިދާނެކަމަކަށް ނުބެލެވެއެވެ. ލެފްޓް ބެކަށް ދެންކުޅޭ ލޫކަސް ހެނާންޑޭޒްގެ ކަކޫ ދުޅަވުމާއި ގުޅިގެން ލޫކަސް ހެނާންޑޭޒްވެސް މެޗަށް ފިޓުވާނެކަމަކަށް ނުބެލެވެއެވެ. އަނެއްކޮޅުން، މެދުތެރެއަށްކުޅޭ ރެބިއޮޓްގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވާއިރު، އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތޯމަސް ލެމަރ އަދި މާކަސް ތުރާމްވެސް ވަނީ އަނިޔާގެ ސަބަބުން ފަރިތަކުރުންތަކާއި ވަކިވެފައެވެ.

ސްވިޒަލޭންޑް: ސްވިޒަލޭންޑަށް ބަލާއިރު، އަނިޔާގެ އެއްވެސް މައްސަލައެއް އެޓީމަކަށް ކުރިމަތިވެފައިނުވެއެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ 2016 ގައިވެސް ފްރާންސާއި ސްވިޒަލޭންޑވަނީ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައެވެ. އެމެޗު ވީ އެއްވަރެވެ.

ޖަރމަނީ / އިންގްލޭންޑް:

ޖަރމަނީއަށް ބަލާއިރު ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިޔަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިނުވެއެވެ. އެހެން ނަމަވެސް، ލޫކަސް ކްލޮސްޓަމަން ފަލަމަސްގަނޑު އަނިޔާއެއްގައި ހުރިއިރު ޖޯނަސް ހޮފްމަން ކަކުލުގެ އަނިޔާއެއްގައި ފަރިތަކުރުންތަކުގައި ބައިވެރިނުވެއެވެ.

އިންގްލޭންޑް އަށް ބަލާއިރު، ޗިލްވެލް އާއި މެސަން މައުންޓް ކޮވިޑަށް އައިސޮލޭޓްވެފައިވާތީ ޖަރުމަނު މެޗުގައި ނުކުޅެވޭނެއެވެ.

ބެލްޖިއަމް / ޕޯޗުގަލް:

ބެލްޖިއަމް ވާދަކުރާނީ ޕޯޗުގަލް އާއެވެ. އަނިޔާގެ ސަބަބުން މިމެޗުގައި ބެލްޖިއަމްގެ ޓިމޮތީ ކަސްޓެގްން އަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

ޕޯޗުގަލް އަށް ބަލާއިރު، ނޫނޯ މެންޑޭސްގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާތީ ބެލްޖިއަމް މެޗުގައި ނުކުޅެވޭނެއެވެ.

އިޓަލީ / އޮސްޓްރިއާ:

އޮސްޓްރިއާއަށް ބަލާއިރު ވެލަންޓީނޯ ލޮޒާރޯ އަދި ބައުމްގެލިންގަރ އަށް އަނިޔާވެފައިވާއިރު އިޓަލީގެ މެޗުގައި ކުޅެވޭނެކަން މުޅިއަކު ޔަޤީނެއްނުވެއެވެ. މިދެކުޅުންތެރިންނަކީ އޮސްޓްރީއާގެ ފުރަތަމަ 11 ގެ މުހިންމު ދެ ކުޅުންތެރިންނެވެ.

އިޓަލީއަށް ބަލާއިރު، ކިއެލީނީ އަދި ފްލޮރެންޒީއަށް އޮސްޓްރިއާ މެޗުގައި ނުކުޅެވޭނެއެވެ. ކިއެލީނީގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާއިރު، މެޗަށް 100 ޕަސެންޓް ފިޓުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. ފްލޮރެންޒީގެ ކުޑަކަޅުވާ އަނިޔާއެއްވެފައިވިޔަސް މެޗު ސްކޮޑަށް ނަގާނެކަމުގައި ބެލެވެއެވެ.

ކްރޮއޭޝިއާ / ސްޕޭން:

ކްރޮއޭޝިއާ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ދިމާވެފައިނުވެއެވެ. އެހެން ނަމަވެސް، ޑިފެންޑަރ ލޮވްރެންއަށް ސްޕެއިން މެޗުގައި ނުކުޅެވޭނެއެވެ. ސަބަބަކީ، ގްރޫޕް ސްޓޭޖު ފަހު މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ދެ ކާޑު ހަމަވެފައިވުމެވެ.

ސްޕޭން ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއްނެތެވެ. ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިއެއްވެސް ނެތެވެ.

ނެދަލޭންޑްސް / ޗެކް ރިޕަބްލިކް:

ނެދަލޭންޑްސްގެ ޑި ޔޯންގެ ގެ ކަކުލަށް އަނިޔާވެފައިވާއިރު، ޗެކް ރިޕަބްލިކް މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަޤީންވެފައެވެ. ސަސްޕެންޝަނުގެ މައްސަލައެއް ޓީމުގައި ނެތެވެ.

ޗެކް ރިޕަބްލިކުގެ ޓީމުގެ އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް، ގްރޫޕް ސްޓޭޖު ފަހު މެޗުގައި ބޮރިލް އަށް ދެއްކި ރަތްކާޑުގެ ސަބަބުން ނެދަލޭންޑްސް މެޗުގައި ނުކުޅެވޭނެއެވެ.

ވޭލްސް / ޑެންމާކް:

ވޭލްސް އަށް ބަލާއިރު އެތަން އަމްޕަޑޫއަށް ދެއްކި ރަތްކާޑާއެކު ޑެންމާކު މެޗަށްވަނީ ސަސްޕެންޑްކުރެވިފައެވެ. އަނިޔާގެ އެއްވެސް މައްސަލައެއް ޓީމުގައި ނެތެވެ.

ޑެންމާކުގެ ޓީމަށް ބަލާއިރު، ކްރިސްޓެން އެރިކްސެން ފިޔަވައި ޓީމުގެ ހުރިހާ ކުޅުންތެރިންތިބީ ވޭލްސް މެޗުގައި ކުޅެވޭ ޙާލަތުގައެވެ.

ސްވިޑްން / ޔޫކްރެއިން:

ސްވިޑްން އަށް ބަލާއިރު، އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި ސަސްޕެންޝަނުގައި ހުރި ކުޅުންތެރިއެއްވެސް ނެތެވެ.

ޔޫކްރެއިން ޓީމަށް ބަލާއިރު، އަނިޔާގެ ސަބަބުން ދެ ކުޅުންތެރިޔަކަށް ސްވިޑްން އާއި ދެކޮޅަށް ނުކުޅެވޭނެކަން ވަނީ ޔަޤީންވެފައެވެ. އެއީ، ޑެނިސް ޕޮޕޯވް އަދި ޒުބްކޯވް އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *