Ad
ރާއްޖޭގައި ކޮވިޑް ވެކްސިން ދެވެނީ
ރާއްޖޭގައި ކޮވިޑް ވެކްސިން ދެވެނީ

ދެނަވަ ޑޯޒް ފަސްކުރުމަކީ ފައިދާ ކުޑަވާނެކަމެއް ޔޫރަޕްގައި އެކަން ނުކުރޭ: ޑރ. އަޒްލީނާ

"މުއްދަތު ދިގުވީވަރަކަށް އެންޓި-ބޮޑީސް އުފެއްދުން ދަށްވާނެ....ފުރަތަމަ ޑޯޒްގެ އަސަރު ފިލައިގެން ދިއުމުގެ ކުރިން (ދެވަނަ ޑޯޒް) ޖެހުމަކީ މުހިންމު ކަމެއް. ޔޫރަޕް އަދި ޖަރުމަނުގައި އެކަން އެގޮތަށް ނުކުރޭ." ޑރ. އަޒްލީނާ

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާކުރުވަނިވި ބައްޔެއްކަމަށްވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ދެވޭ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހުގައި ދެވަނަ ޑޯޒް ދިނުމަށް ކަނޑައެޅިފައިވާ މުއްދަތައްވުރެ ފަސްވާނަމަ ވެކްސިން އިން ލިބޭ ރައްކާތެރިކަން ކުޑަވެގެންދާނެކަމަށާއި، ޔޫރަޕްގެ ޤައުމުތަކުގައި އެކަން އެގޮތަށް ނުކުރައްވާކަމަށްވެސް ޑރ. އަޒްލީނާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނިޞްބަތުން ވެސް އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ޤައުމެއްކަމަށްވާ ޖަރުމަނުގައި ދިރިއުޅުއްވާ ޑރ. އަޒްލީނާ މިފައިން ވިދާޅުވެފައި މިވަނީ، "ދުޅަހެޔޮ ޞިއްޙަތު" މި ނަމުގައި ދިވެހި ޑޮކްޓަރުންތަކެއް އިސްނަންގަވައިގެން "ކްލަބް ހައުސް" ގައި މިއަދު ކުރިއަށް ގެންދެވި ހޭލުންތެރިކުރުމުގެ މައުލޫމާތު ފޯރުކޮއްދިނުމުގެ ޙަރަކާތެއްގައި ޢާންމުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ.

ޖަރުމަނުގައި ދިރިއުޅުއްވާތާ 35 އަހަރު ވެފައިވާ، މެޑިކަލް އިކޮނޮމިކްސް އާއި ރޭޑިއޮލޮޖީއާއި ޑައިބެޓިކްސް ގެ ދާއިރާއިން ސްޕެޝަލައިޒްޑްވެވަޑައިގެންފައިވާ އަދި ޔޫރަޕްގެ ތަފާތު އިންސްޓިޓިއުޓުތަކުގައި ރިސާޗްތައް ހެއްދުމުވުގެ އިތުރުން ޓެލެމެޑިސިންގ ދާއިރާއިން މަސައްކަތް ކުރައްވާ ޑރ. އަޒްލީނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ކޮވިޑް ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި މުއްދަތު ދިގުވުމަކީ އެންޓި-ބޮޑީސް އުފެދުން ދަށްވެގެންދާނެ ކަމެކެވެ.

"މުއްދަތު ދިގުވީވަރަކަށް އެންޓި-ބޮޑީސް އުފެއްދުން ދަށްވާނެ….ފުރަތަމަ ޑޯޒްގެ އަސަރު ފިލައިގެން ދިއުމުގެ ކުރިން (ދެވަނަ ޑޯޒް) ޖެހުމަކީ މުހިންމު ކަމެއް. ޔޫރަޕް އަދި ޖަރުމަނުގައި އެކަން އެގޮތަށް ނުކުރޭ."

ވަކި މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ޖެހުމަށް އެވެކްސިނެއް އުފައްދާ ކުންފުނިން ދީފައިވާ މުއްދަތުގެ ފަހުން ކޮވިޑް-19 ވެކްސިން ޖެހުމާބެހޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަޒްމީލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި ފުރަތަމަ ދެވިފައި ވަނީ އެސްޓްރާޒެނެކާއާއި ސީރަމް އިންސްޓިޓިއުޓް ގުޅިގެން އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ޑިޕްލޮމެޓިކް ޕްރައިއޮރިޓީގެ ދަށުން ކޮވިޝީލްޑް އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމަކަށް ރާއްޖެ ވެފައި ވުމާއިވެސް އެކުއެވެ.

އެހެންނަމަވެސް، އިންޑިއާގައި ފެތުރެންފެށި ކޮވިޑް19 ގެ އައު ވައްތަރާއެކު އެ ޤައުމުގެ ޙާލަތު އިންތިހާއަށް ދަށަށް ގޮސް ވެކްސިންގެ އިތުރުން އޮކްސިޖަން އަށް ވެސް މުޅި ޤައުމު ޖެހިގެން ދިއުމުގެ ސަބަބުން ކޮވިޝީލްޑްގެ އިތުރު ވެކްސިން ރާއްޖެއަށް ލިބުމަށް ހުރަސްތައް ކުރިމަތިވެގެން ދިޔައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ވެކްސިލް ލިބުމުގައި ދަތިތައް ކުރިމަތިވެފައި ވީނަމަވެސް، ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން ދެވަނަ ޑޯޒް ޖެހުން ފަސްވެގެން ދިޔުމުގެ މައްސަލައާ ކުރިމަތިލާން ޖެހިގެން ގޮސްފައިނުވާ ސަބަބުވެސް ޑރ. އަޒްލީނާ ސާފުކޮއްދެއް ވިއެވެ.

އަޒްލީނާ ވިދާޅުވިގޮތުގައި ޔޫރަޕް ނުވަތަ ޖަރުމަނުގައި ފުރަތަމަ ޑޯޒް ދެވޭއިރު ދެވަނަ ޑޯޒް ދޭނެ ތާރީޚުކަނޑައެޅި، ފުރަތަމަ ޑޯޒް ދެވުނު މީހާގެ ދެވަނަ ޑޯޒް ރިޒާވްކުރެވެއެވެ. ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން ދެވަނަ ޑޯޒް ނުދެވެން ރާއްޖޭގައި މެދުވެރިވީ ވެކްސިން ދިނުމުގެ ނިޒާމު ކުރިއަށް ގެންދެވުނީ އެންމެ އެކަށޭނަ ގޮތަކަށް ނުވާތީ ކަމަށްވެސް ޑރ. އަޒްލީނާ ފާހަގަކުރެއްވި އެވެ.

އަދިހަމަ އެހެންމެ، ޑރ. އަޒްލީނާގެ އިތުރުން ސުވާލަށް ޖަވާބުދެއްވި ޑރ. ރުޚްސާނާ ވެސް ވިދާޅުވި ގޮތުގައި، ދެވަނަ ޑޯޒް ލަސްކޮށް ދެވުމަކީ އެކަމުގެ ސަބަބުން ޞިއްޙީ ގޮތުން ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫންކަމަށްވެސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވުނު މީހުންގެ ޢަދަދު 3 ލައްކައަށްވުރެ މަތީގައި އުޅުނުނަމަވެސް، ދެ ޑޯޒް ފުރިހަމަކުރެވިފައިވާ މީހުންގެ ޢަދަދު 2 ލައްކައަށްވެސް ނާރައެވެ. ދެވަނަ ޑޯޒް ނުދެވިވާ މީހުންގެ ބޮޑު ނިޞްބަތަކީ ވެކްސިން "ނެތުމުން" ދެވަނަ ޑޯޒް ފުރިހަމަ ކުރެވިފައި ނުވާ ފަރާތްތަކެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދެވުނު އެތަކެއް ހާސް ބަޔަކު، މަސްތަކެއް ވެގެންދާއިރުވެސް ދެވަނަ ޑޯޒް ނުދެވި ވާކަންވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *