Ad
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް

ނަފްރަތުގެ ބިލުގެ ސަބަބުން ނަފްރަތާއި ރުޅިވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް

ބިލުން ހާސިލުކުރަން ސަރުކާރުން ބޭނުންވާ މަގުސަދަށް ވާސިލުވެވުމުގެ ފުރުސަތު ކުޑަ

ނަފްރަތު އުފެއްދުމާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މުޖުތަމަޢުގައި ނަފްރަތާއި ދެކޮޅުވެރިކަމާއި ނުތަމަވަސްކަން ކުޑަކުރުވުމެވެ. ޚާއްސަކޮށް ދީނީ ކަންކަމާއި ސިޔާސީ ކަންކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ބިލުގެ ކޮމިޓީގެ މަސައްކަތްތައް ނިންމާ ނުލެވެނީސް އެ ބިލުގެ ސަބަބުން މުޖުތަމަޢުގައި ނަފްރަތާއި ރުޅިވެރިކަމާއި ނުތަނަވަސްކަން އޭގެ އިންތިހާއަށް ހިނގައްޖެއެވެ. ބައިބައިވުން އުފެދިއްޖެއެވެ.

މުންކަރާތް ނަހީކުރުމުގެ މަގުސަދަށް ވާސިލުވުމުގެ މަގުސަދުވެސް ހިމަނައިގެން ހުށަހަޅާފައިވާ ބިލު، ބައެއް ދީނީ ޢިލްމުވެރިން ސިފަކުރަނީ "ސެކިއުލަރ ބިލު"ގެ ގޮތުގައެވެ. އަދި ގިނަ ޢިލްމުވެރިންނާއި އާންމުން ވެސް ވަނީ އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައެވެ. އަދި އެބިލު އަނބުރާ ގެންދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން ވެސް ހުށަހަޅައިފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާ ގުޅިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ބިލު މަޖިލީހަށް ދިއުމާއެކު މުޖުތަމަޢުގެ ބޮޑު ބައެއްގެ ވިންދު އަވަސްވެ، އެކި ގޮތްގޮތަށް ގުރޫޕުތައް ލޭބަލް ވެގެން ދިޔައެވެ. ބިލަށް ތާޢީދުކުރަނީ ސެކިއުލަ ވިސްނުމާއި ލާދީނީ ފިކުރުގެ މީހުން ކަމަށް ކަނޑައެޅި ބަޔަކުވެސް އެބައުޅެއެވެ. ބިލާ ދެކޮޅީ ތޯލިބާނުންގެ ވިސްނުމުގެ މީހުން ކަމަށް ސިފަކުރި ބަޔަކު ވެސް އެބައުޅެއެވެ. އަދި ދީނުގެ ނަމުގައި މުޖުތަމައުގައި ފަސާދަ އުފެއްދުމަށް އެ ބިލާ ދެކޮޅު ވަނީ ކަމަށް ބަލާ ބަޔަކުވެސް އެބައުޅެއެވެ. އަދި ބިލު ގާނޫނު އަސާސީއާ ޚިލާފުކަމަށް ދެކޭ ގާނޫނީ ވަކީލުންވެސް އެބަތިއްބެވެ. މި އެންމެންވެސް ސޯޝަލް މީޑިޔާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށްފައިވާ އަދި ކުރަމުން ގެންދާ މެސެޖުތަކަށް ބަލާއިރު ފެންނަނީ ނަފްރަތާއި ރުޅިވެރިކަމާއި ނުތަނަވަސްކަމުގެ އިންތިހާއެވެ.

އާންމު ރައްޔިތުންގެ މައިގަނޑު ވިސްނުމަށް ބަލާއިރު، ބިލާ ގުޅިފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ ދީނީ ޝިޔާރު ފާޅުކުރުމާއި ދީނާ ޚިލާފުކަންކަން ހިންގާ މީހުންނާ ބެހޭ ގޮތުން ބަސްނުމުގެ މިނިވަންކަން ގެއްލިދާ ގޮތަށް ބިލު ފަރުވާކޮށްފައި އޮތުމެވެ. އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ޤާނޫނު އޭގެ ފުރިހަމަ މާނައިގައި ތަންފީޒުނުކޮށް، ދީނަށް ފުރަށްސާރަކުރުމާއި ނަބިއްޔާއަށް ހަޖޫ ޖެހުން ފަދަ ހާލަތްތައް މެދުވެރިވެގެން ދިޔައިރުވެސް، ގާނޫނުގެ ދިގުއަތް އެމީހުންނާ ހަމައަށް ފޯރާފައި ނެތުމެވެ. އޭގެ ސަބަބުން އުފެދުނު ނަފްރަތާއި ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ނުތަނަވަސްކަން އަދިވެސް މުޖުތަމައުން ކެނޑިގެން ނުދަނީސް، ސަރުކާރުން ނަފްރަތުގެ ބިލު ހުށަހެޅުމުން ޢިލުވެރިންނާއި ދީނަށް ލޯބިކުރާ އެތައް ބަޔެއްގެ ޖަޒުބާތުތައް ކެކިގަތެވެ. މިހާރު މިއޮތީ ނަފްރަގެ މައްޗަށް ނަފްރަތުގެ، ރުޅިވެރިކަމުގެ މައްޗަށް ރުޅިވެރިކަން، ނުތަނަވަސްކަމުގެ މައްޗަށް ނުތަނަވަސްކަން ވެރިވެފައެވެ.

މިހާރު މުޖުތަމަޢުގެ އާންމު ވިންދު ހުރި ގޮތުން އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުކުރުމުގެ ފުރުސަތު ކުޑައެވެ. އެ ބިލު ފާސްވެ، ރައީސް ތަސްދީގުކުރައްވައިފިނަމަ މުޖުތަމަޢުގައި އެތައް ނުރައްކަލެއްގެ ހުޅުފަޅައިގެން ދިއުމުގެ ފުރުސަތު އިންތިހާއަށް އެބައޮތެވެ. މިހިސާބުން، މިއީ މި ހިނދަށް ކޮންމެހެން މުހިއްމު ބިލެއްތޯ ސުވާލު އުފައްދަން ޖެހިއްޖެއެވެ. މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތައް އަޑުކިޔާ ވަރަށް ތަންފީޒުކޮށްގެން ނަފްރަތުގެ ގާނޫނުގެ މަގުސަދު ހާސިލު ނުކުރެވޭނެތޯ ދެވަނަ ވިސްނުމަކުން ވިސްނާލަން މަޖުބޫރުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވާ ހައްލަކީ ކޮބައިތޯ ވެސް ބަލާލުމަކުން ގޯހެއް ނެތެވެ. އެކަމަކު ކޮންމެ ލަސްވުމަކީ ބައެއް ފަހަރު ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވެސް ވެދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *