ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިނިޝިންގެ މަސައްކަތްތައް ދޫކުރާ ސޯޝަލް ފްލެޓް ނުވަތަ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ލޯނުތައް އަމާޒުކޮށްފައި ހުރީ މުސާރަވެރިންނަށެވެ. މަޢާފްކުރައްވާށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މުސާރަ ބޭންކަށް ޖަމާވެފައިވާ މީހުންނަށެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ލޯނުން މަރުހޫމުވެފައެވެ.
ބައެއް މީހުންގެ އެކައުންޓަށް ލޯނަށް ޝަރުތުހަމަވާ ވަރަށް ފައިސާ ޖަމާވެ، ދައުރުވެފައި ހުރި ނަމަވެސް "ސެލަރީ ކޯޑް"ގައި މުސާރަ ޖަމާވެފައި ނެތުމުން އެމީހުންނަށް ލޯނެއް ނުލިބެއެވެ.
މިސާލެއް ނަގަމާ ހެއްޔެވެ؟ މަސްމާރުކޭޓުގައި މަސް ކަނޑާ މީހާއަށް މުސާރަ ކޯޑުން މުސާރަ ޖަމާކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އޭނާއަށް ލިބޭ އާމްދަނީ އެ ގެންދަނީ ބޭންކަން ޖަމާކުރަމުންނެވެ.
އެމްޕީއެލްގައި މުދާ ކުލިއަކުރަން އުޅޭ މީހުންނަކީ އެދުވަހަކު ލިބޭ އާމްދަނީއެއް ހަމަ އެދުވަހު ބަހާލާ ގޮތަށް މަސައްކަތްކުރާ މީހުންނެވެ. އެމީހުން ސެލަރީ ކޯޑުގައި މުސާރަ ޖަމާކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެފަދަ ބައެއް މީހުންގެ އާމްދަނީ އާއި އެކައުންޓު ދައުރުވެފައިވާ ގޮތަށް ބަލާއިރު ލޯނަށް ޝަރުތު ހަމަވެއެވެ. އެހެންނަމަވެސް ބޭންކުން ކަނޑައަޅާފައިވާ އުސޫލުގެ ރޮދިފަށުގައި އަޅައިގަނެ، ނެއްޓެވޭނެ ގޮތެއް އެމީހުންނަކަށް އަދި ނެތެވެ.
މަސްވެރިންނަށް ލިބޭ އާމްދަނީ ބޭންކަށް ޖަމާވަނީ މުސާރައިގެ ގޮތުގައި ހެއްޔެވެ؟ މާރުކޭޓު ގޮޅީގައި މަސައްކަތްކުރާ މީހުންގެ ދުވަހުގެ އާމްދަނީ ބޭންކަން ޖަމާކުރަމުން ގެންދެއެވެ. އެހެންނަމަވެސް މަސް ހަމަވުމުން، ބޭންކުން ގަބޫކުރާ ގޮތަށް ލިޔެކިއުންތައް ހަދައި، ޗެކުން މުސާރަ ޖަމާކުރުމުގެ ސަގާފަތެއް ނެތެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުންނެވެ.
އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަކީވެސް ބޭންކުން ގަބޫލުކުރާ ގޮތަށް ބޭންކަން މުސާރަ ޖަމާވެފައިވާ މީހުނެއް ނޫނެވެ. އެމީހުންނަށް ވެސް ލޯނާ ހަމައަށް ވާސިލްވެވޭނެ ގޮތެއް އަދި ނެތެވެ.
ދިވެހިންގެ ބޭންކުން، ހިޔާ ފްލެޓުގެ ފިނިޝިންއަށް މިހާރު ހުޅުވާލާފައިވާ ލޯނުތަކުގެ ޝަރުތުތައް ލުއިކޮށް ނިކަމެތިންނާ ރައްޓެހި ލޯނުތަކަކަށް ހެދުން މުހިއްމެވެ. އެހެން ނޫން ނަމަ ދުވަސް ހަމަވާއިރުވެސް، ފްލެޓްގެ ފިނިޝިން ނުނިންމި ދިރިއުޅުން ވޭނަކަށް ވެގެން ހިނގައިދާނެއެއެވެ.
މިފަދަ ބަދަލެއް ގެނައުމަކީ ބޭންކަށް މާބޮޑު ކަމެއް ނޫނެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މިކަން ރިވިއުކޮށް، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީ މިދަނޑިވަޅުގައި ފްލެޓް ލިބުނު ނިކަމެތިންގެ ހައްގުގައި ކޮށްދެވޭނެ ވަރަށް މުހިއްމު ކަމެކެވެ.