ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ސައުތު އޭސިޔާއަށް ނިސްބަތްވާ ބިދޭސިން ކަރަންޓީނު ކުރުމަށް އެޗްޕީއޭ އިން އެކުލަވާލައިފައިވާ އުސޫލުގައި ވެސް ޒަމާނުންސުރެ މާލެ ރާއްޖެތެރޭގެ އޮންނަ ތަފާތުކުރުން ދަމަހައްޓައި އަތޮޅުތެރެއަަށް ގެންނަ މަސައްކަތްތެރިޔާ ވެސް މާލެގައި ކަރަންޓީންވުން މަޖުބޫރު ވަނީ ކޮށްފަ އެވެ.
އެޗްޕީއޭއިން އާއްމްކޮށްފައިވާ އުސޫލުގައިވާ ގޮތުން ރ. އަތޮޅު ދުވާފަރަށް މަސައްކަތު ގެންނަ މީހާ ވެސް ކަރަންޓީން ވާންޖެހޭނީ އެޗްޕީއޭއިން ހުއްދަދީފައިވާ ހާއްސަ ހޮޓަލެއްގައި ބޮޑު އަގު ދައްކައިގެން މާލޭގަ އެވެ.
މަސައްކަތު އަންނަ މީހާ މަސައްކަތް ކުރަން ޖެހޭ މަސައްކަތު ސައިޓް އަދި ޒިންމާދާރު ފަރާތް ހުންނަނީ ކޮންމެ ރަށެއްގައި ނަމަވެސް "ގްރޭޓަރ މާލެ " މި ކިޔާ ސަރަހައްދު ފިޔަވައި އެހެން ނޫން އެހެން ސަރަހައްދެއްގައި ކަރަންޓީނުވުމުގެ ކުޑަވެސް ފުރުސަތެއް ނޯންނާނެ ކަމަށް އެ އުސޫލު ބުނެ އެވެ.
މާލޭގައި ކަރަންޓީން ވުމަށް ފަހު އޭނާ ކަރަންޓީނުން މިންޖުވެ، ދެވަނަ ޑޯޒް ފުރިހަމަ ނުކުރާނަމަ އަނެއްކާ އޭނާ މަސައްކަތު ސައިޓު ހިމެނޭ ރަށަށް ގޮސް އެރަށުގައި ވެސް ކަރަންޓީނު ވާންޖެހޭނެ ފަދަ ގޮތަށް އެކުލަވާލައިފައިވާ މި އުސޫލުން ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ދަންތުރައަަކަށް ވެފަ އެވެ.
މާލޭ އޭރިޔާ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ކުރާ ވިޔަފާރިއެއް ނަމަވެސް އަދި މާލެ އާއި އެ ވިޔަފާރިއަކާއި އެއްެވެސް ގުޅުމެއް ނެތް ނަމަވެސް އަދި މަސައްކަތު އަންނަ މީހާ އާއި މާލޭން ހަވާލުވެ ހުންނާނެ ފަރާތެއް ނެތް ނަމަވެސް އެޗްޕީއޭ ގަވައިދު ބުނާ ގޮތުންނަމަ އެމީހާ ހުންނަށް ޖެހޭނީ މާލޭގައި ކަރަންޓީނުވެގެން ނެވެ.
ގދ. ތިނަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެއްގެ ވެރިއަކު ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ބުނީ މި ގަވައިދުގެ ސަބަބުން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި މާލެ ނޫން އެހެން ރަށްތަކަށް މަސައްކަތު އަންނަ ފަރާތްތައް މަސައްކަތު ސައިޓު ހުންނަ ރަށެއްގައި ވެރިމީހާގެ ބެލުމުގެ ދަށުގައި ކަރަންޓީނުވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.
" މި ހާދަ އެއްވާ ގަވައިދެކޭ. މަސައްކަތު މީހާ ރާއްޖެ އެތެރެ ވަނީ ވަކި ފަރާތެއްގެ ނަމުގައި ވަކި ރަށެއްގައި މަސައްކަތް ކުރަން. ކަރަންޓީނު ވާން ޖެހެނީ ހަމައެކަނި މާލޭ އޭރިޔާގައި. ރާއްޖޭގެ ހަމަ އެކަނި އޮންނަ ތަނަކީ މާލެއެއް ނޫންކަން ސަރުކާރަށް އެބަޖެހޭ ސާފްވާން. އަޅުގަނޑުމެންގެ ވިޔަފާރިތަކުން ވެސް ސަރުކާރަށް ދައްކަނީ ހަމަ ޓެކްސް ފައިސާ." އޭނާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ހަމައެކަނި މުޅި ރާއްޖެ މާލެއަށް ބަރޯސާ ކުރުމުގެ ސިޔާސަތު މިހާރު ދޫކޮށްލަންޖެހޭ ކަމަށާއި ކޮވިޑް ބަލި މަޑުކަމުގައި އެގޮތަށް އަމަލްކޮށްފައިވާ ކަމުގެ ހިތި މިގައުމު ދެކެފައިވާ ކަމަށެވެ.
ރިސޯޓްތަކާއި އެހެންވެސް ސިނާއީ މަސައްކަތް ކުރާ ބޮޑެތި ކުންފުނި ތަކަށް ހާއްސަ ގޮތެއް ހަމަ ޖައްސައިފައި ވީނަމަވެސް މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ސަރަހައްދުތަކުގައި ވިޔަފާރި ކުރާ ފަރާތައް އެޗްޕީއޭ ގަވައިދުން ވަނީ ދަންމަޅި ޖައްސާފަ އެވެ. މާލެއަށް ބަރޯސާ ވުމަށް ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތު ތަކަށް މިވަނީ އިތުރު ބާރެއް ދީފަ އެވެ.