Ad

ތައިލެންޑުގެ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް

ތައިލެންޑުގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެއެވެ.

ތައިލެންޑުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ކޮވިޑް-19 އަށް ދުވާލަކު އެގާރަ ހާހަހްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. އަދި ވެރިރަށް ބޭންކޮކުން ދުވާލަކު ދެހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ޝޮޕިން މޯލްތަކާއި ސްޕާ އާއި ސެލޫންތަކާއި ޖިމްތައް ބަންދުކޮށް، ގޭގައި ތިބެގެން އޮފީހުގެ މަސއްކަތްތައް ކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ރޭގަނޑު ނުވައަކުން ފަތިހު ހަތަރެއް ޖަހަންދެން ކާފިއު އިއުލާންކޮށްފައިވެއެވެ.

ހާލަތު އެންމެ ގޯސްކަމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ބެންކޮކާއި ބެންކޮކުގެ ވަށައިގެންވާ އަވަށްޓެރި ސިޓީތަކެވެ. މި ސަރަހައްދުގެ ބޮޑު ބައެއް ފާހަގަ ކޮށްފައި ވަނީ "ޑާކް ރެޑް"ގެ ގޮތުގައެވެ. އެއީ ހާލަތު އެންމެ ގޯސްވުމުން ދޭ ކުލަ ކޯޑެވެ.

މިހާރުގެ ހާލަތުން އަރައި ގަތުމަށްޓަކައި ތައިލެންޑުގެ ސަރުކާރުން ގެންދަނީ ވީހާވެސް ގިނަ ބަޔަކަށް އަވަހަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ މިންވަރަށް ވެކްސިން ނުލިބޭތީ، ވެކްސިން ޖެހުމަށް އެދިފައިވާ މީހުންގެ ލިސްޓްތައް ހުރީ މިލިއަނުން މަތީގައެވެ. ބައެއް މީހުންނަށް ވެކްސިން ކިއު ނަމްބަރު ލިބިފައިވަނީ އަންނަ އަހަރުގެ މެދުތެރެއަށެވެ.

ތައިލެންޑުގައި އެންމެ ބާރަށް ފެތުރޭ ކަމަށް ވަނީ އިންޑިޔާގެ ޑެލްޓާ ވޭރިއަންޓާއި އިނގިރޭސިވިލާތާއި ސައުތު އެފްރިކާގެ ވޭރިއަންޓެވެ.

ކޮވިޑްގައި މިހާރު ތައިލެންޑުން ދުވާލަކު ސަތޭކަ އަށް ވުރެ ގިނަ މީހުން މަރުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *