Ad

އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް ހަމަލާދޭން ތައްޔާރަށް: ފުލުހުން

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް ހަމަލާދޭން ތައްޔާރަށް ފުލުހުން ބުނެފިއެވެ.

ހަމަލާގެ މަޢުލޫމާތު ހާމަކުރުމަށް މިހާރު ބައްވަމުންގެންދާ ޕްރެސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ތަހުޤީޤަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް މިހަމަލާދޭން ތައްްޔާރުވެގެން ކަމަށެވެ. މި ޕްރެސްކޮންޕަރެންސްގައި ހަމަލާގައި އިސްކޮށްއުޅުނު މީހުންގެ ހަރަކާތްތަކުގެ ސީސީޓީވީ ފުޓޭޖާއި ހަމަލާ ދޭން މަސައްކަތްކުރި ގޮތް ފުލުހުންދަނީ ދައްކަމުންނެވެ.

ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ހޯދުން ތަކުން މިހާތަނަށް ދައުވާކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނު ގޮއްވާލައިގެން ނަމަވެސް އެ ހަމަލާ ދޭން ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފައިކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ފާހަގަވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައިކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *