Ad

ހައްލަކީ ކުއްލި ނުރައްކާ އިޢުލާންކޮށް ގިނަ ބަޔަކު ހައްޔަރު ކުރުންތަ؟

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަކީ ދިވެހި ތާރީޚުގައި ކަޅު އަކުރުން ދާއިމަށް ލިޔެވިފައި އޮންނާނެ ހަގީގަތެކެވެ. އެއީ ހަގީގީ އިސްލާމްދީނުގެ އަސްލުތައް ގަބޫލުކުރާ އަދި އިންސާނިއްޔަތުކަން ހުރި އެކަކުވެސް ޤަބޫލު ނުކުރާނެ ހާދިސާއެކެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާ ދިނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ ރޭވުމާއެކު އެފިކުރު ގަބޫލުކުރާ ބައެއް ކަމަށް ދިވެހި ފުލުން ދާފި ފަހުން ވަނީ ހާމަކޮށްފައެވެ. އެ ވިސްނުމުގެ މީހުން ދިވެހި ދައުލަތް ގަބޫލެއް ނުކުރެއެވެ. ދައުލަތުގެ އާމްދަނީ ހަރާމެވެ. އެމީހުންގެ ވިސްނުމާ ޚިލާފު މީހުންގެ ލޭ ހަލާލުކުރެއެވެ. ދައުލަތުގެ ވެރިންނާއި ދައުލަތުގެ މުވައްޒަފުންނަކީ ތޯއޫތުން ކަމަށް އެމީހުން ވަނީ ކަނޑައަޅާފައެވެ. ހަގީގީ ނުރައްކާ އުފަންވަނީ މި ހިސާބުންނެވެ.

ބޮމުގެ ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެ ވަޑައިގެންނެވި ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާ މިހާރު އެވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުގައި "ހަނގުރާމަ" އިއުލާންކުރައްވާފައެވެ. ފުރަތަމަ ގޮވައިލެއްވީ ހަރުކަށި ފިކުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު އެކީ އެއް ފަހަރާ ހިފާ ހައްޔަރުކުރުމަށެވެ. އެކަމަށް ސަރުކާރުން އިޖާބީ ޖަވާބެއް ނުލިބުމުން، ސަރުކާރު ވަނީ "އަނދިރި ދައުލަތުން" ހިސޯރުކޮށްފައި ކަމަށް ތުހުމަތު ކުރައްވައި، ނުރުހުމުގެ ޓްވީޓްތައް ތަކުރާރުކޮށް ކުރެއްވިއެވެ. އަނދިރި ދައުލަތަކީ ހަރުކަށި ފިކުރުގެ މީހުންނަށް އެމަނިކުފާނު ނިސްބަތްކުރައްވާ ނަމެކެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާވެސް އެމަނިކުފާނުގެ ލިސްޓުގައި ފާޅުގައި ވަނީ ހިމަނުއްވައި ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުން ތިބީ ޖާނު ގޮއްވާލައިގެންވެސް އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރުވެގެން ކަމަށް ފުލުހުން ހާމަކުރުމާއެކު ރައީސް ނަޝީދު ސަރުކާރަށް ގޮވައި ލެއްވީ ވަގުތުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވިވުމުގެ ހުރިހާ ބާރެއް ދިވެހި ފުލުހުންނަށް ދިނުމަށެވެ. އެކަމަށް ބާރުއެޅުމުގެ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. އެއީ ކުއްލި ނުއްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުއެޅުމުގެ ގޮތުންނެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ހަރުކަށިކަން ދައްކައިގެން ކާމިޔާބު ލިބުނު އެއްވެސް ގައުމެއް އަދި ނެތެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގައި އަސްކަރީ ހަރަކާތްތައް ހިންގައި، ހަރުކަށި ފިކުރާ ދެކޮޅަށް ހަނގުރާމަކުރާނެ އެގައުމުގެ މީހުން އުފައްދައި މުޖުތަމަޢުއަށް ދޫކުރުމާއި ރިޝްވަތާއި އިނާޔަތްތައް ދީގެންވެސް އެމީހުން ބަލިކޮށްލެވޭ ގޮތެއް ނުވިއެވެ. އެ ހުރިހާ ކަމެއްގެ އާޚިރު ނަތީޖާއަކަށްވީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް އޮތް ނުރައްކާ ބޮޑުވުމެވެ.

އެމެރިކާއިން ހައްޔަރުކުރި ހަރުކަށިފިކުރުގެ ބައެއް މީހުންނާ އިންޓަވިއުކޮށް އެމީހުންގެ ހަރަކާތްތައް ބެލުމަށް ފަހު ނަފްސާނީ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރަކީ ބާރުގަދަ މަސްތުވާއެއްޗެއް ފަދަ ވިސްނުމެކެވެ. އެމީހުންނަށް އެއާ ނުލާ ނޫޅެވެއެވެ. އަދި ވަގުތުކޮޅަކަށް އެކަމާ ދުރަށް ޖެހިލެވުނަސް، އަލުން އަސްލަށް ރުޖޫރަވެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރިލެޕްސް ވާ އުސޫލުންނެވެ. އަދި ހަރުކަށި ވިސްނުމުގެ މީހަކު މުޖުތަމަޢުގެ އާންމު ވިސްނުމާ އެއްގޮތަށް ހާނާލަން މަދުވެގެން ފަސް އަހަރު ނަގާނެ ކަމަށް އެމެރިކާގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކައެވެ. އެއީ މެދުނުކެނޑި ނަފްސާނީ ތެރަޕީ އާއި ނަސޭހަތާއި ލޯބި ދީގެންނެވެ. ދެވަނަ ކަމަށް އެމީހުން ފާހަގަކޮށްފައިވަނީ ހަރުކަށި ފިކުރުގެ ތެރެއަށް އިންޓެލިޖެންސްގެ މީހުން ވައްދައި، އެމީހުންގެ އަމަލުތަކަށް އަބަދުމެ ފާރަވެރިވެ، އެމީހުންގެ ލީޑަރުންނަށް ބިސްމަޅިލުމެވެ. އަދި ހެޔޮ ވަގުތުގައި ސިއްރުން ހައްޔަރުކޮށް މުޖުތަމައުން އެކަހެރިކުރުމެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިން އީސްޓަ ބޮމުގެ ހަމަލާއަށް ފަހު އެ ގައުމުން އެންމެ ބޮޑު އިސްކަމެއްދިނީ ހަރުކަށި ފިކުރުގެ ސެލްތަކަށް ފާރަވެރިވާނެ ޚާއްސަ އިންޓެލިޓެންސް ޓީމުތައް ގާއިމްކޮށް އެކަމަށް ބަޖެޓް ޚާއްސަކުރުމެވެ. ހަރުކަށިކަމާއެކު އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބަދަލުގައެވެ.

ހަރުކަށި ފިކުރާ ގުޅޭ ގޮތުން އިޒްރޭލުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބޭރަށް ފެންނަން ތިބޭ މީހުން ހިފާ ހައްޔަރުކޮށްގެން އެ ނުރައްކާ ނައްތާލެވޭނެ އެއްގޮތްވެސް ނެތެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެމީހުންގެ ހަގީގީ ލީޑަރުންނަކީ ބޭރުފުށުގެ ސިފައިން ހަރިކަށި ފިކުރުގެ ބައެއްކަން ފާހަގަ ނުކުރެވޭހާ ސްމާޓް ބަޔަކަށް ވުމެވެ. އަދި އެމީހުންނާ ގުޅިފައި ވަނީ ދުނިޔޭގެ ބޮޑެތި ކްރިމިނަލް ގޭންގްތަކާ ކަމަށްވުމެވެ. އޭގެ ތެރޭގައި ހިއުމަން ޓްރެފިކިން އާއި ހަތިޔާރާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި މަނީ ލޯންޑަރިން ހިމެނެއެވެ.

ތުރުކީ ވިލާތުން ކުރި ދިރާސާއަކުން ދައްކަނީ އެމީހުން ރީހެބިލިޓޭޓް ކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިޔާސީ ވިސްނުންތަކާ ދުރު، ނަފްރަތުގެ ވިސްނުމާ ދެކޮޅު ސާފު ދީނީ ޢިލްމުވެރިންނަށެވެ. އެހެން ނަމަވެސް ހަރުކަށި ވިސްނުމުގެ މީހުންނަކީ އާންމު ދީނީ ޢިލްމުވެރިންގެ ބަސް އެހުމަށް ދެކޮޅު ހަދާ ބައެއް ކަމުން، އެކަން ވެސް ކާމިޔާބު ކުރެވޭނީ ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު އެމީހުންގެ ސިކުނޑިތަކަށް ވެރިވެ ގަނެގެންނެވެ. ތުރުކީގެ ތަޖުރިބާކާރުން ވެސް ދެކެނީ ހަނގުރާމަ އާއި ގަދަބަދަވި ކަމުން އެމީހުން ބަލިކަށި ނުކުރެވޭނެ ކަމަށެވެ. އަދި ހަރަދު ބޮޑުވިއަސް، އިންޓެލިޖެންސް ފުޅާކޮށް އެމީހުންގެ ޢަމަލުތަކަށް ފާރަވެރިވުމަކީ އެމީހުންގެ ސަބަބުން މުޖުތަމަޢުއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވާން އޮތް ހައްލެއް ކަމަށް ތުރުކީގެ ތަޖުރިބާކާރުން ވެސް ދެކެއެވެ.

ހަރުކަށި ފިކުރުގެ ގިނަ މީހުންނަކީ އޭގެ ޒާތުގައި ވެސް "ބޮމެކެ"ވެ. ހަށި ގޮއްވާލައިގެން ހަމަލާދޭން އެމީހުންގެ ސިކުނޑި ހުސްކޮށްލާފައި ހުންނާތީއެވެ. އެހެން ކަމުން މިފަދަ ނާޒުރު ކަމަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އޭގެ ފަހުގެ ނަތީޖާތަކަށް ބެލުމެއް ނެތި ޢަމަލުކޮށްފިނަމަ މުޅި މުޖުތަމައަށް އޮތް ނުރައްކާ އޭގެ އިންތިހާއަށް ހިނގައިދާނެއެވެ. އެމީހުންނަކީ މަޑުން ތިބެ، މުޅި ގައުމަށް ސިހުން ގެންނަވަރުގެ ނުރައްކާ ކަންކަން ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ބައެކެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމީހުން އެންމެ ބިރުގަންނަ އަދި ޖެހިލުންވާ ހަތިޔާރަކީ އިންޓެލިޖެންސެވެ. ސިއްރުން އެމީހުންގެ ޢަމަލުތަކަށް ފާރަވެރިވުމެވެ. އެހެންވެ އެމީހުން އަބަދުވެސް ގައުމުތަކުގެ އިންޓެލިޖެންސް ނެޓްވޯކު ތެރެއަށް އެމީހުންގެ މީހުން ވެއްދުމަަށް މަސައްކަތްކުރެއެވެ. އެއީ އިންޓެލިޖެންސްގެ ރޭވުންތައް ދުރާލާ އޮޅުންފިލުވައި، އެދަލުގައި ނުޖެހި ރައްކާތެރިވެ ތިބުމަށްޓަކައެވެ. މިއީ ރައީސް ނަޝީދު އެވިދާޅުވާ ހަގީގީ "އަނދިރި ދައުލަތެ"ވެ.

އެހެންކަމުން މިހާރު ވިސްނާލަމާ ހެއްޔެވެ؟ އެއްފަހަރާ ގިނަ ބަޔަކު ހައްޔަރު ކުރުމާއި ކުއްލި ހާލަތު އިޢުލާންކޮށް އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުން އެއީ ހައްލެއް ހެއްޔެވެ؟ ނުވަތަ އެކަންކަމުން ސަލާމަތްވުމަށް އިސްކުރަން ޖެހެނީ ހިކުމަތާއި ހެޔޮވިސްނުމާއި މުޖުތަމައަށާއި އިގްތިސާދަށް އެންމެ ނުރައްކާ ކުޑަވާނެ ގޮތްތައް ނޫން ހެއްޔެވެ؟. އެހެން ނޫނީ ކަތިލުންތަކާއި ގޮއްވުންތަކާއި ބޮޑު ހުޅާއި ރަހީނު ކުރުން ފަދަ ކަންކަމުން މުޅި މުޖުތަމަޢުގެ އަމާންކަން ދާއިމަށް ގެއްލުވާލާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *