ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ބައެކެވެ. އެމީހުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކުރުމެވެ. އެ އެންމެން މަސްވެރިކަން ކުރަނީ އެއް ދޯންޏެއްގައެވެ. މަސްވެރިކަން ދަށްވާ ދުވަސްވަރު އެމީހުންގެ ވިސްނުން މުޅިން އެހެން ދިމާލަކަށް އަނބުރާލައެވެ. އެއީ ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި އަތޮޅުގެ އެހެން ރަށްރަށަށް އަރައި، ފިހާރަތަކުންނާއި ގުދަންތަކުންނާއި ގޭގޭގެ ބަދިގެއިން ވައްކަންކޮށްގެން އެމުދާތައް ހިފައިގެން ދަނީ އެވެ. އެނބުރި ރަށަށް ގޮސް ބުނަނީ ބޭނި މަސްކޮޅު ކިރާލާފައި މިފަހަރު ކޮންމެވެސް ރަށަކުން މުދާ ގަނެގެން ގެނައީ ކަމަށެވެ.
ފާއިތުވި ރޯދަމަހުގެ ކުރިން އެއް ރަށުން ވަނީ ވަގު ހިފާފައެވެ. ދަންވަރު ރަށަށް އެރި ބަޔަކަށް ފާރަލަމުން ގޮސް، ފިހާރައެއްގެ ތަޅު ހަލާކުކޮށްލައި އެ ފިހާރައަށް ވަދެ ތިއްބައި އެމީހުން އަތުލިއެވެ. ރަށުގެ ގިނަ ބަޔަކު އެއްވެ، އެމީހުންނާ ސުވާލުކުރުމުން ބުނީ "އަހަރެމެން ޣަނީމާ މުދާ މި އެއްކުރަނީ. ހަރާމް އެއްވެސް ކަމެއް، މަނާ އެއްވެސް ކަމެއް ނުކުރަން" ކަމަށެވެ. މިއަދު އިވުމާއެކު އެއްވެފައިވާ މީހުން އިތުރަށް ލޭ ހޫނުވެ، މި މީހުންނަށް އަނިޔާވެސް ކުރިއެވެ.
"އެއީ އަޖައިބެއް ކަހަލަ ބައެއް. ހަމަ ކަނޑައެޅިގެން ވައްކަން ކޮށްފަ އެބުނަނީ ޣަނީމާ އެއްކުރަނިއްޔޭ. އެމީހުން ދެކޭ ގޮތުގައި ވިޔަފާރި ގޭގައި ހުންނަ މުދާ އެގޮތަށް ހޯދުން އެމީހުންނަށް ހުއްދަ،" އެކަންކަމުގެ ހަގީގަތް ދަންނަ ރ. އަތޮޅުގެ ރައްޔިތަކު ކިޔައިދިނެވެ. "ދެން މިމީހުން ކުރާ ކަމަކީ ރަށްރަށުގައި ތަންކޮޅެއް ދަތިކޮށް އެކަނި އުޅޭ އަންހެންވެރިންނާ ގުޅާލައިގެން އެމީހުންނާ ނާޖާއިޒު ގުޅުން ހިންގުން. އަންހެން މީހާ ކައިރީގަ މިބުނަނީ އިންނާނެ ކަމަށް ވަޢުދުވުމަށް ފަހު، ޓެސްޓް ކުރުމަކީ ހުއްދަ ކަމަކޭ. ކީކޭ އަޅެ ބުނާނީ."
ލ. އަތޮޅުގައިވެސް އެކަން އެބަ ތަޖުރިބާކުރެއެވެ. ގަމުގައި އުޅޭ މީގެ މީހުން، ގުޅިފައިވާ އެހެން ރަށްރަށަށް އަރައި، ވައްކަންކޮށް ހަދައެވެ. ގޭގޭގައި އެއްކޮށްފައި ހުންނަ ކާށިކޮޅާއި ބަދިގޭގައި ހުންނަ ކާޑުގެ ބާވަތްތަކާއި ބައެއް ފިހާރަތަކަށް ވަގަށް ވަދެ، އެކި ބާވަތުގެ ސާމާނު ގެންދެއެވެ.
ފޮނަދޫގައި ދިރިއުޅޭ ޒުވާނަކު ކިޔައިދިން ގޮތުގައި އެ އަތޮޅުގައި ޣަނީ މުދާ އެއްކުރާ ޒާތުގެ މީހުންގެ އަމަލުތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
"ބައެއް ސޮރުން ހިފިފަ އެބަހުރި ވައްކަން ކުރަނިކޮށް. ހަމަ ބުނަނީ ޣަނީމާ ކުރަނިއްޔޭ. މުޅިން ގޮވާފަ އެސޮރުމެން އެތިބެނީ. ދެރަވެސްވޭ. އެކަމަކު އެމީހުންނަކީ އެހެން މީހަކު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާ ބައެއް ނޫން. ބިރެއް ގަންނަ ބައެއް ނޫން. ކޮންމެ ފަދަ ކަމެއް ވެސް ހަމަކޮށްފާނެ. ކުރިން ޑްރަގަށް ގޮސް ހުސްވެފަ ތިބި މީހުން މިހާރު މި ގްރޫޕުތަކާ އެކުވެ، ވަރަށް ބާރުވެރިވެފަ އެމީހުން ތިބެނީ،" ލ. އަތޮޅުގެ ޒުވާނާ ކިޔައިދިނެވެ.
ދާދ ފަހުން ފުލުހުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ތޭރަ ސަތޭކައަށްވުރެ ގިނަ މީހުން އުޅެއެވެ. ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މީހުންނަކީ އޭގެ އެއް ސެލްއަށް ނިސްބަތްވާ ބައެއް ކަމަށް ވެއެވެ. އެމީހުންގެ ނަޒަރުގައި ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަކީ ތޯއޫތުންނެވެ. ދިވެހި ދައުލަތް ގަބޫލެއް ނުކުރެއެވެ. ވިޔަފާރިކުރުން އެމީހުންގެ ވިސްނުމުގައި ހަރާމެވެ.
One Response
ކަމާއި ނުބެހޭ ބައެއްގެ ފޮޓޯ ޖަހައިން އަބުރު ކަތިލެވެނީ މި އިގޭތޯ.