Ad
މިނިވަންކަމުގެ ދިފާޢުގައި ދިވެހިންގެ ނަމުގައި ޕީޕީއެމުން ފެށި ކެމްޕޭނުގައި އަދުރޭ ވާހަކަ ދައްކަވަނީ: ފޮޓީ ޕީޕީއެމް މީޑިޔާ
މިނިވަންކަމުގެ ދިފާޢުގައި ދިވެހިންގެ ނަމުގައި ޕީޕީއެމުން ފެށި ކެމްޕޭނުގައި އަދުރޭ ވާހަކަ ދައްކަވަނީ: ފޮޓީ ޕީޕީއެމް މީޑިޔާ

ޕީޕީއެމްގެ ދައުވަތަށް ޕާޓީތަކުގެ ވެރިން ވިދާޅުވީ ނޫނެކޭ!

ގައުމުގެ މިނިވަންކަން އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށްބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިނިވަންކަމުގެ ނަމުގައި ހިންގަން ރާވާފައިވާ ކެމްޕޭނުގައި ބައިވެރިވުމަށް އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތަކެއްގެ ވެރިންނަށް ދައުވަތު ފޮނުވި ނަމަވެސް ޕާޓީތަކުގެ ވެރިންގެ ޝައުގުވެރިކަމެއް ނެތްކަން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިވެފައިވާ ޕާޓީތަކުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ހާލަތެއް އަދި ކުރިމަތިނުވާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ ގައުމު މިނިވަންކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު ހަރަކާތެއް ހިންގާނެ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ގައުމު ހިނގައިދާނެކަމަށް އެޕާޓީއަށް ގަބޫލުކުރެވޭނަމަ ވަކި ބަޔަކު ނުބުނިކަމުގައިވިއަސް، ގައުމުގެ ދިފާއުފައި އެޕާޓީން ނުކުންނާނެކަން މާޒީ ހެކިވާނެކަމަށް ވެސް އަދާލަތުން ބުނެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަޒަރުގައި އިދިކޮޅުން މަސައްކަތްކުރަނީ "ސަރުކާރާ ތޮޅެން"ށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިދަނޑިވަޅަކީ ގައުމު ހަލަބޮލި ކުރުމުގެ ބަދަލުގައި ކޮވިޑްގެ ހާލަތުން އަރައި ގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ވަގުތެކެވެ.

އެމްއާރްއެމްގެ ބައެއް އިސް ބޭފުޅުން ދެކިލައްވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ނިޔަތް ރަނގަޅެއް ނޫނެވެ. މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ހިންގަން އުޅޭ ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވަނީ ސަރުކާރަށް ޕްރެޝަރުކޮށްގެން ރައީސް ޔާމީން މިނިވަން ކުރުމަށް މަގުފަހި ކުރުމެވެ. އެހެންކަމުން ގައުމަށް ހެޔޮ އެދިގެން އިދިކޮޅުން ކަމެއް ނުކުރާނެ ކަމަށް އެމްއާރްއެމުގެ ބައެއް އޮފިޝަލުން ދެކިލައްވައެވެ.

ޕާޓީތަކުގެ ބައެއް އިސް ބޭފުޅުން ދެކިލައްވާ ގޮތުގައި މި ދަނޑިވަޅުގައި ގައުމު ހަލަބޮލިކޮށް ހެދުމަކީ ކޮވިޑުގެ ހާލަތުން ގައުމު އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މިސްރާބު އަނބުރާލައި، މަކަރުވެރި ސިޔާސީ މަންފާއެއް ހޯދުމަށް އިދިކޮޅުން ޖަހާ މަތީގައި ނުބެދި ކުރިއަށް ދިއުމަކީ ރައްޔިތުންނާ ގައުމަށް މިހިނދަށް އެންމެ ފައިދާ ހުރި ގޮތެވެ.

އިދިކޮޅުން ބުނާ ގޮތުގައި ގައުމުގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި އެންމެ އެކީގައި މަސައްކަތް ނުކޮށްފިނަމަ ގައުމުގެ މިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށެވެ. އިދިކޮޅުން މިގޮތަށް ތުހުމަތުކުރަނީ ސަރުކާރުން އިންޑިޔާއާ ގާތް ގުޅުމެއް ބާއްވާތީ ކަމަށްވެއެވެ. އަދި އިންޑިޔާގެ ނުފޫޒު ރާއްޖޭގައި މާބޮޑަށް ގަދަވެ މިނިވަންކަމަށް ނުފޫޒު އަރާ ހިސާބަށް ކަންކަން ދާކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ގައުމުތަކާ ގުޅުން ބަދަހިކުރާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންނުވާނެކަން ކަށަވަރުކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *