Ad
އިންޑަސްޓްރިއަލް ވިލެޖް: ޕްލޭނިން މިނިސްޓްރީން ވިދާޅުވަނީ ސިޓީ ކައުންސިލާ އެބިން ހަވާލު ނުކުރާ ކަމަށް... ފޮޓޯ: ސޯޝަލް މީޑިޔާ
އިންޑަސްޓްރިއަލް ވިލެޖް: ޕްލޭނިން މިނިސްޓްރީން ވިދާޅުވަނީ ސިޓީ ކައުންސިލާ އެބިން ހަވާލު ނުކުރާ ކަމަށް... ފޮޓޯ: ސޯޝަލް މީޑިޔާ

ބިމާ ހިފުން

އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން: ޕްލޭނިން މިނިސްޓްރީ

މާލޭ ހުޅަނގު ފަރާތުގައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ހިމެނޭ ބައެއް ބިންތައް މާލޭ ސިޓީ ކައުންސިލުން ކުއްލި ގޮތަށް ހުސްކޮށް، ބައެއް ބިންތަކުގައި ފެންސް ޖަހާ ބެއްދިއެވެ. ދެން އަޑުއިވުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް އިންޑަސްޓްރިއަލް ޒޯނުން ދޫކޮށްފައިވާ ބިމުގައިވާ ފެންސް ނައްޓާލައި އެތަނުގައި ހުރި ބައެއް މުދާ މާލޭ ސިޓީ ކައުންސިލުން ނެގީ ގަވާއިދާ ޚިލާފަށް ކަމުގެ އަޑެވެ. އަދި ސިޓީ ކައުންސިލުން އެ ބިން ހުސްކުރީ ސްޓެލްކޯއަށް އެނގުމެއް ނެތިކަމުން ސްޓެލްކޯއިން އެމައްސަލަ ހުށަހެޅީ ފުލުހުންނަށެވެ. 

ސްޓެލްކޯގެ ބިމުގެ އިތުރުން ގްރޭޓަރ މާލޭ ސަރަހައްދުގެ ބަހުގެ ޚިދުމަތް ދިނުމުގެ ބޭނުމަށް ޚާއްސަކޮށްފައިވާ ބިމުގައި ސިޓީ ކައުންސިލުން ފެންސް ޖަހާ ބެއްދުމުން އެކަމުގެ ޝަކުވާތައް ވެސް މިދިޔަ ހަފުތާގައި ވަރަށް ބޮޑުވިއެވެ. އެކަންވެސް ސިޓީ ކައުންސިލުން ކުރީ އެ ބިން ދޫކޮށްފައިވާ ފަރާތަށް އެނގުމެއް ނެތިއެވެ.

ކައުންސިލުން އެގޮތަށް ޢަމަލުކޮށްފައިވަނީ އެ ބިންތަކަކީ ކައުންސިލުގެ ބިންތަކެއް ކަމަށް ދެކިގެންނެވެ. މިއީ ބިމުގެ ބެލެނިވެރިކަން ކަށަވަރު ކުރަން ޖެހުނު ހިސާބެވެ. މުވައްސަސާތަކުގެ މެދުގައި ބިމާ ހިފަން ފެށުނު ގޮތެވެ.

އިންޑަސްޓްރިއަލް ޒޯނުގެ ބިމުގެ މިލްކްވެރިކަމުގެ މައްސަލަތަކެއް ފެންމަތިވުމުން ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ދާދި ފަހުން ލިޔުމުން އަންގާފައި ވަނީ އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށެވެ. އެހެންކަމުން ޕެލޭނިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އިންޑަސްޓްރިއަލް ވިލެޖުގެ ބެލެނިވެރިކަން ސިޓީ ކައުންސިލަކަށް ނެތެވެ.

ޕްލޭނިން މިނިސްޓްރީގެ ސިޓީގައި ބުނެފައި ވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ގާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތައް ބޭނުންވާ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ވެސް ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއަށް އެނގިފައިވާކަމަށާއި އަދި ބަހުގެ ހިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ ތިން ނަމްބަރު ކޮށިން ވަގުތީ ގޮތުން ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލުން ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

އެހެންކަމުން އިންޑަސްޓްރިއަލް ވިލެޖުގެ ތިން ނަމްބަރު ކޮށީގެ ބިން ބަންދުކޮށްފައިވާ ނަމަ އެކަން ހުއްޓުވުމަށް އެންގުމުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ކައުންސިލުން ނަގާފައިވާނަމަ އެތަކެއްޗާއި ބިން ވެސް އެ ކުންފުންޏާ ހަވާލުކުރުމަށް އަންގާފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސިޓީއަށާއި ސްޓެލްކޯގެ ހުށަހެޅުންތަކަށް ސިޓީ ކައުންސިލުން އަދި އިޖާބަ ދީފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ބިމާ ހިފުމުގެ އެތައް ކަމެއް ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިނގާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *