ފަސްދޮޅަހަށްވުރެ ގިނަ ޕީއެސްއައިޕީގެ މަޝްރޫއު ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ކަަމަށް މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ކައުންސިލު މެންބަރުންނާއެކު މިއަދު މެންދުރު ފަހު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޓީ ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމާއި ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ޙިއްޞާކުރައްވާ އެކަންކަމުގައި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.
ސިޓީކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގު ހެދުމާއި ބަނދަރު ހެދުން ފަދަ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭ ގޮތުންނާއި އެކި މަޝްރޫޢުތަކާއި ޚިދުމަތްތަކާ ގުޅުންހުރި ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ އަކީ އާބާދީ ބޮޑު ސަރަހައްދަކަށް ވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވާފައެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަނދަރާއި ޞިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަ ކުރެއްވި ކަންބޮޑުވުން ތަކަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިއަށް ގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހި ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.