Ad
ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި މިިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ ހަފުލާއެއްގައި
ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި މިިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ ހަފުލާއެއްގައި

ފުލުހުންގެ އޮފިސަރުން ވަޒީފާއިން ވަކިކުރުން: ގާނޫނުގައިވާ މަގުސަދު ހާސިލްކުރެވިދާނެތަ؟

ކޮންމެ ވެރިކަމެއް ފެށުމާއެކުހެން އެންމެ ބޮޑު އިސްކަމެއްދޭތަން ފެންނަނީ ފަނޑިޔާރުގެ އެބަޔަކު ރުހޭ ގޮތަކަށް ތަރުތީބުކޮށްލުމަށެވެ. އެއާދަ ފިސާރި ރަނގަޅަށް ދިވެހި ސިޔާސީ ވެށީގައި ހަރުލައިފިއެވެ. އެކަން ކުރުމަށްޓަކައި ގާނޫނަށް ކުދިކުދި ބަދަލު ގެނައުމާއި ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ބާރުތައް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރެއެވެ. އެއްވެރިކަމުން އަނެއް ވެރިކަމަށް ފުރޮޅިގެންދާއިރު ފަނޑިޔާރުގެއަށް ޚާއްސަކޮށް ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނާނެކަން ދިވެހިން މިހާރު ގަބޫލުކުރެއެވެ. ވެރިކަމުގެ ފަރާތުން އެ ބަދަލުތައް ގެންނަނީ އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމްކުރުމުގެ ނަމުގައެވެ.

މިހާރު އަނެއްކާ އާ ކަމެއް ފެށުނީއެވެ. އެއީ ފުލުހުންގެ އޮފިސަރުން ވަކި ކުރުމެވެ. ނުވަތަ މަގާމުގައި ބައިތިއްބަން ކަމުނުދާ ކަމަށް ހުނިޖަހާ ބަޔަކު ހޮވުމެވެ. އެއީ ފުލުހުންގެ ގާނޫނަށް ގެނެސްފައިވާ ބަދަލެއްގެ ނަތީޖާއެވެ. ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ފުލުހުންގެ އިސް އޮފިސަރުން މަގާމަށް ކުފޫ ހަމަވޭތޯ ބެލުމަށްޓަކައި ޚާއްސަ ބޯޑެއް އެކުލަވާލައި، އެބޯޑުން ވަކި ތާރީޚެއްގެ ކުރިން އެކަންކޮށް ނިންމަން ޖެހުނެވެ. މި މަހުގެ އަށް ވަނަ ދުވަހަކީ އެ ތާރީހެވެ. ގާނޫނުގެ ދަށުން އެކުލަވާލި ބޯޑުން މިހާރު ވަނީ އެބޭފުޅުންގެ މަސައްކަތްކަތްތައް ނިންމަވައި ބައެއް އޮފިސަރުން އެމީހުން މަގާމުގެ ކުފޫ ހަމަނުވާ ކަމަށް ނިންމަވައި ޕޮލިސް ކަމިޝަނަރަށާއި ހޯމް މިނިސްޓަރަށް އެކަން ހުށަހަޅާފައެވެ. އެކަން ކަމިޝަނާ އޮފް ޕޮލިސް މިހާރު ދިރާސާކުރައްވަމުން ގެންދަވާ ކަމަށްވެއެވެ. ބޯޑުގެ އެ މަސައްކަތުގެ މަގުސަދެއް ކަމަށް ގާނޫނުން ފެންނަން އޮތީ ފުލުހުންގެ މަސައްކަތްތައް ޕްރޮފެޝަނަލްކުރުމަށް މަގު ފަހިކުރުމެވެ. އެހެންވެ ކޮމިޓީގެ ހުށަހެޅުއްވުމަކީ އެބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކި ކުރެއްވުމެވެ.

މިއީ ފުލުހުންގެ އޮފިސަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނު ކަމެކެވެ. ފުލުހުންގެ އޮފިސަރުން ހިމެނޭ ބައެއް ގްރޫޕުތަކުގައި ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު އެބޭފުޅުންގެ ކަންބޮޑުވުމަކީ ފުލުސް އޮފިސަރުން މަގާމަށް އެކަށީގެންވޭތޯ ބެލުމަށް އައްޔަންކުރައްވާފައިވާ ބޯޑުގެ މެންބަރުންގެ ތެރޭގައި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކާއި ފުލުހުންގެ އޮޕަރޭޝަނެއްގައި ހޮނޑައިދޫގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ޖިނާއީ މައްސަލައެއްގެ ތުހުމަތުވެވުނު ފަރާތެއް ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނުމެވެ. އެހެންވެ ބައެއް އޮފިސަރުން ގަބޫލުކުރަނީ ބޯޑުން ރަނގަޅު އެތިކަލް ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި އެއީ ފުލުހުންގެ ޚިދުމަތަށް ކޮށްފައިވާ ސާފު މަލާމާތެކެވެ.

ފުލުހުންގެ ބޯޑުގެ މަސައްކަތް ނިންމާ ތާރީޚުގައި ފުލުހުންގެ ބައެއް އޮފިސަރުންގެ ވަޒީފާ ގެއްލޭނެ ކަމުގެ އަޑުތައް އިވުމާއެކު އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން އެކަމުން ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ސޯޝަލް މީޑިޔާގައި ކެމްޕޭންތައް ހިންގިއެވެ. އަދި ފުލުހުންގެ އޮފިސަރުންނާ ގުޅިގެން ފުލުހުން ތެރެ ގަޑުބަޑުކޮށްލުމަށް ވިސްނުންތައް ފެތުރިއެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބު ވެސް ކުރިއެވެ. ފުލުހުންގެ އެކި ދަރަޖައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވެސް ޖަޒުބާރުގައި ޖެހުނުކަން އެނގިފައިވެއެވެ. އަދި މާޒީގައި ހިނގާދިޔަ ނުކިޔަމަންތެރިކަމުގެ އަމަލު ތަކުރާރުކުރުމަށް ސިޔާސީ ބައެއް ބޭފުޅުން ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް ސިއްރިއްޔާތުގައި ރޭވި ރޭވުންތައް މިވަގުތަށް އޮތީ މަޑުޖެހިލާފައެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށް ފުލުހުންގެ ބޯޑުން ނިންމަވާފައިވާ އޮފިސަރުންނާމެދު އާންމުންގެ މެދުގައި އޮތީ މަސްހުނި ހިޔާލުތަކެކެވެ. އެއް ބަޔަކު ބުނަނީ މާޒީގައި އެ އޮފިސަރުންގެ ކިބައިން ފެނިފައިވަނީ ފުލުސް އޮފިސަރުންގެ ކިބައިން ފެނިގެން ނުވާނެ އަންއެތިކަލް އަމަލުތަކެކެވެ. އަނެއް ބަޔަކު ދެކެނީ އެ އޮފިސަރުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށެވެ. ބައެއް ގާނޫނީ ވަކީލުން ބުނެފައި ވަނީ އެ އޮފިސަރުން ވަޒީފާއިން ވަކި ކުރަނީ ގާނޫނު އަސާސީގެ ދަށުން ލިބިދޭ ޖަވާބުދާރީވުމުގެ ހައްގުން އެފަރާތްތައް މަހުރޫމް ކުރުވާފައެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އަލަށް މި އަޅާ ފިޔަވަޅުގެ ނިޔަތަކީ ފުލުހުންގެ މަސައްކަތްތައް ޕްރޮފެޝަނަލްކުރުން ކަމުގައި ވިއަސް، މިކަމާ ގުޅިފައިވާ ހެޔޮ ނިޔަތް މިހާރު ވަނީ ތަޣައްޔަރުކޮށްފައެވެ. ބޭނުމަކީ މިކަމުގެ ނަތީޖާ އަކީ ސިޔާސީ ގޮތުން ފައިދާއެއް ހޯދުމަށް ސަރުކާރުން ހިންގާ ކަމެއްގެ ގޮތުގައި އާންމުންނަށް ދެއްކުމެވެ. މިކަމުން ދޭހަކޮށްދެނީ މިއީ ކޮންމެ ވެރިކަމެއްގައި ތަކުރާރުވާނެ ޢަމަލެއް ކަމެވެ. ސިޔާސީ ފަރާތްތަކަށް ބޯނުލަނބާނަމަ އެބައެއްގެ ވެރިކަމުގައި އެ އޮފިސަރުން ގާނޫނުގެ ދަށުން މަގާމުން ވަކިކުރާނެ ކަމެވެ. ފަނޑިޔާރުން ވަޒީފާއިން ވަކި ކުރާހެން ގާނޫނަށް ކުޑަ ބަދަލެއް ގެނެސް ދެން ބޭނުން ކުރާނީ ލަފާދޭ ބޯޑެއްގެ ބާރެވެ. އެމީހުން ކަނޑައަޅާ ގޮތަކަށް ފުލުހުންގެ ވަޒީފާއިން އޮފިސަރުން ވަކިކުރާނެއެވެ. މިއީ ނުރަނގަޅު މިސްރާބަކަށް ފުލުސް އޮފީސް ގެންދިއުމަށް މަގުފަހިވާނެ ކަމެކެވެ. މިކަމަށް ހަރުދަނާ ބަދަލެއް ގެނެސް، ސްކްރީނިން ޕްރޮސެސްގެ ފަށަލަތައް ގިނަކޮށް ވަރުގަދަކުރުން މުހިއްމެވެ. އޭރުން އެކަމުގެ މަގުސަދު ހާސިލްކުރުމަށް ފަސޭހަވާނެއެވެ. އެހެން ނޫންނަމަ ކޮންމެ ވެރިކަމެއްގައި ވެސް ފުރަތަމަ އޮންނާނީ ފަނޑިޔާރުން ބަދަލުކުރުމާއި ފުލުސް އޮފިސަރުން ވަޒީފާއިން ވަކި ކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *