Ad
ތައިލެންޑުގެ މުޒާހަރާގެ ބައިވެރިން އެމްބީކޭ ސަރަހައްދުގައި އިށީނދެގެން: ފޮޓޯ ޓްވިޓަރ
ތައިލެންޑުގެ މުޒާހަރާގެ ބައިވެރިން އެމްބީކޭ ސަރަހައްދުގައި އިށީނދެގެން: ފޮޓޯ ޓްވިޓަރ

ސަރުކާރުގެ އިންޒާރުތަކަށް ބެލުމެއް ނެތި ބެންކޮކުގައި މުޒާހަރާތައް ވަރުގަދަ ކުރަނީ

މުޒާހަރާގެ ބައިވެރިން ބުނަނީ ކޮވިޑަށްވުރެ ސަރުކާރުގެ ނުރައްކާ ރައްޔިތުންނަށް ބޮޑު ކަމަށް

ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ތައިލެންޑުގެ ސަރުކާރު އޮތީ ނުކުޅެދިފައި ކަމަށާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހައްދުން ނެއްޓިއްޖެ ކަމަށް ބުނެ، އާންމުން ވެރިރަށް ބެންކޮކުގައި އަނެއްކާވެސް މުޒާހަރާތައް ވަރުގަދަ ކުރަން ފަށައިފިއެވެ.

ތައިލެންޑުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިލެންޑުގެ މުޒާހަރާތައް މިހާރު ސިފަވަނީ މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރާ މުޒާހަރާތަކާ އެއްކަހަލަ ގޮތަކަށެވެ.

ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުން ތައިލެންޑުގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް ބެންކޮލުގެ ލޭންޑްމާކުތަކުގެ ގޮތުގައި ބެލެވޭ އެކި ހިސާބުތަކުގައި އާންމުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި ދެބައި މީހުންނަށް ވެސް އެކި ކަހަލަ ގެއްލުންތައް ލިބެމުންދެއެވެ.

އިދިކޮޅުގެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ކުރީގެ ބޮޑުވަޒީރު ތަކްސިންއެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ ތައިލެންޑުގެ ރައްޔިތުން ނިކަމެތިވެ، ދަރަނިވެރިވެ، ވިޔަފާރިތައް ބަނގުރޫޓުވެ ގައުމުގެ އިގްތިސާދު ވަޅުޖަހައިގެން ދިޔައިރުވެސް މިހާރުގެ ސަރުކާރަށް ލިރެވުނު އެއް ކަމެއް ވެސް ނެތް ކަމަށެވެ.

ޚާއްސަކޮށް ތައިލެންޑުގައި ވެކްސިން ދިނުން ލަސްވުމުން މީހުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ ހައްޔަރު ކުރިއަސް، އަނިޔާކުރިއަސް، ޖަލަށް ލިއަސް، ތައިލެންޑަށް ކުރިމަތިވެފައިވާ ތަދުމަޑުކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމުން ގައުމު ސަލާމަތްކުރުމަށް އެންމެ ފަހު މީހާއާ ޖެހެންދެން ވެސް އަޑު އުފުލާނެ ކަމަށެވެ.

މުޒާހާރާތައް މިހާރު ކުރިއަށް ގެންދަނީ ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން މީޑިޔާތަކަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވަނީ ތައިލެންޑުގެ މިހާރުގެ ސަރުކާރު ކޮވިޑަށްވުރެ ވެސް ރައްޔިތުންނަށް ނުރައްކާ ބޮޑު ކަމަށެވެ.

މިހާރު އެވްރެޖްކޮށް ދުވާލަކު ވިހި ހާސް މީހުންނަށް ތައިލެންޑުގައި ވެކްސިން ޖެހޭ ކަމަށް ރެކޯޑުތަކުން ދައްކައެވެ. ވެރިރަށް ބެންކޮކުގައި އެ އަދަދު ހުރީ ތިން ހާހުން މަތީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *