Ad

ވަރި ކުރުން މަދު ކުރެވޭތޯ ބަލަމާތޯ އެވެ!

މީސްކޮޅު މަދު ދިވެހި ރާއްޖެ އަކީ ވަރި ގިނަ ކަމަށް ނަން ކިޔޭ އެއް ޤައުމެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ދިވެހިންގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ޝިކާރަ އަކަށް ވެފައިވާ ކުޑަކުދިންނާއި އަދި ބޮޑެތި މީހުން ގިނަ ވާން ޖެހޭ ވެސް މައިގަނޑު އެއް ސަބަބު ކަމުގައި ވަރި ގިނަވެ ޢާއިލާތައް ރޫޅުން ވުމީވެސް ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ޢާއްމު ގޮތެއްގައި ދިވެހި ރާއްޖޭގައި ވަރަށް ޅަޢުމުރުގައި ކައިވެނި ކުރެއެވެ. މިއީ އަދި ވަރި ގިނަ ވާން ޖެހޭ ސަބަބެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. މީގައި ވިސްނަންވީ އަންހެން ކުއްޖެއް ވިޔަސް އަދި ފިރިހެން ކުއްޖެއް ވިޔަސް ކައިވެނި ކުރާއިރު މިކުރެވޭ ކަމުގެ ޒިންމާ ރަނގަޅަށް އެނގިގެން، ވިސްނިގެން ނޫނީ އެފަދަ ބޮޑު ފިޔަވަޅު ނޭޅުމަށެވެ. (މިއީ ވަކި އުމުރުގެ ދޮށި ކަމަކުން އެކަނި މީހަކަށް ވިސްނޭ ކަމެއް ނޫނެވެ. މި ޒިންމާގެ އިޙްސާސް މީހަކަށް ވުމަށް ޓަކައި ބޭނުންވާނީ "މެންޓަލް މެޗޫރިޓީ" އެވެ. ނުވަތަ ސިކުނޑި ތަރައްރަފު ފުދުމެވެ.)

މީގައި ބެލެނިވެރިންގެ ޒިންމާވެސް ވަރަށް ބޮޑެވެ. ފުރާ ފުރިހަމަ ވެފައި ހުރި ދަރިއެއް ކައިވެނި ކުރަން އެދުމުން އެކަން މަނާ ކުރާކަށް ނުވާނެ އެވެ. ނަމަވެސް އެ ކުއްޖަކަށް ކައިވެންޏަކީ ރައްޓެހި ކުއްޖެގެ ގެއަށް "ސްލީޕް އޯވަރ" އަކަށް ދިއުން ހާ ފަސޭހަ ކަމެއް ނޫން ކަން ވެސް ބުނެ ދޭން ޖެހޭނެ އެވެ. ހަމަ ޖެހޭ ކުޑަ މައްސަލަޔަކާ ހެދި ކައިވެނި ރޫޅާ ނުލެވޭނެކަން ބުނެދޭން ޖެހޭނެއެވެ. ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކައިވެނީގެ ގުޅުމުގެ ހަގީގީ މާނައާއި މަގުސަދު ބުނެދީ ރޯފިލުވައިދޭން ވާނެއެވެ.

ރާއްޖޭގައި އޮންނަ ގޮތުން ކައިވެނި ކުރާނެ ބައިވެރިއަކު މި ހޯދަނީ އެކުދިން އަމިއްލަ އަށެވެ. ގިނަ ފަހަރަށް މައިން ބަފައިން މިކަމާ ފާޑުކިޔާ ގޮތް ކިޔާ ނަހަދައެވެ. ކުރީގައި އަޅުގަނޑު ވަރަށް މިކަމަށް ތާއީދު ކުރީމެވެ. ނަމަވެސް މިހާރު މި ހިތަށް އަރަނީ ކައިވެނި ކަހަލަ ބޮޑެތި ނިންމުން ހަމަ އެކަނި ކުދިންގެ އަތް މައްޗަށް ދޫކޮށްލަން ވާނެބާއެވެ؟ ކުދިން މީހުންނާ ރައްޓެހިވާއިރު ގިނަ ފަހަރަށް ބެލިފައި އޮންނަނީ ބޭރު ފުށުން ފެންނަ ސިފައަށެވެ. ދެކުއްޖަކު އަލަށް ރައްޓެހި ވެގެން އުޅޭ ދުވަސް ކޮޅަކީ އެއްގޮތަކަށް ވެސް އަނެއް ކުއްޖާ އަށް އަސްލު "ސިފަ" ދައްކާނެ ދުވަސް ކޮޅެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި އަދި ރައްޓެހި ވެގެން ކިތަންމެ ގިނަ ދުވަހު އުޅުނަސް ކައިވެނި ކުރެވުނީމަ ނޫނީ ދެ ކުއްޖެއްގެ "ގުޅޭ މިންވަރު" ނޭނގޭނެ އެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް މެއެވެ.

ވަރި ކުރުން މަދު ކުރުވުމަށްޓަކައި އަންބެއް ނުވަތަ ފިރިއެއްގެ ކިބައިގައި ހުންނަން ތިމާ ބޭނުންވާ ސިފަތައް ވަރަށް ރަނގަޅަށް އެ ކުއްޖަކަށް އެނގެން ބޭނުން ވެއެވެ. އަދި މީހަކާ ރައްޓެހިވުމުގެ ކުރިން އެ ކުއްޖެއްގެ ކިބައިގައި މި ސިފަތައް ހުރިތޯ ބެލުން ވެސް މުހިންމެވެ. ރަނގަޅު ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ޓަކައި ބަލާނެ ބައެއް ސިފަތައް ލިޔެލަމެވެ. މިއީ ވަރަށް ކުރު ލިސްޓެކެވެ. މި ޗެކް ލިސްޓް ހަގީގަތުގައި މާދިގުވާނެއެވެ.

  1. ނަމާދު ކުރާ ކުއްޖަކަށް ވުމާއި ދީނީ ކަންކަމަށް ލޯބިކުރުން.

2. ރައްޓެހިންނާ ވާހަކަ ދެއްކުމުގައި ވެސް ދޮގު ނަހަދާ ކުއްޖަކަށް ވުން،

3. ރުޅި އައުމުން ހަޑި ހުތުރު ބަސް ބޭނުން ނުކުރުން. 

4. އެހެން މީހުންނަށް އިޙްތިރާމްކޮށް ކަމޭ ހިތާ ކުއްޖަކަށް ވުން.

5. މައިންބަފައިންނަށް ހެޔޮޮކޮށް ހިތުމާއި އަމިއްލަ ނަފްސަށް އިތުބާރުކުރުން

6. ދިރިއުޅުމަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރުން

7. އަނެކުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުން

ބުރުސޫރައިގެ ރީތި ކަމަކީ ވަރަށް އަވަހަށް ނެތިގެން ހިނގައިދާނެ އެއްޗެކެވެ. މުދަލާއި ފައިސާ އަކީ މާތްالله ދެއްވާ ރިޒްޤް އެކެވެ. މިދެންނެވި ސިފަތައް ކައިވެނި ކުރެވޭ ދެކުދިންގެ ކިބައިގައި ވެސް ހުރި ނަމަ ދެން ދިރިއުޅުމުގައި ދިމާވާ އެހެން މައްސަލަތައް ހައްލު ކުރަން ފަސޭހަވެ، އިންޝާ الله އުފާވެރި ހަމަ ޖެހޭ ދިރިއުޅުމެއް އުޅުމަށް މަގު ފަހިވެގެން ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *