Ad
އަކުރަމާއި މަހްލޫފް
އަކުރަމާއި މަހްލޫފް

މަހްލޫފާއި އަކުރަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ!

ދެ ބޭފުޅުން ވެސް ވިދާޅުވަނީ ވާދަކުރެއްވުމުގެ ހައްގު އެބައޮތް ކަމަށް

މޯލްޑިވެސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، މިވަގުތު ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ފުރުސަތު ގެއްލިއްޖެއެވެ.

އެމްޑީޕީން މިނިސްޓަރ މަހްލޫފަށާއި އަކްރަމަށް ފޮނުވި ސިޓީއެއްގައި ބުނީ އެދެބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން ދެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވާދަކުރެވޭ ކެނޑިޑޭޓުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފްއަށާއި، އަކްރަމްއަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވުމުންނެވެ. ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެވެނީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިނުވާ މީހުންނަށާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުން ބަރީއަވެގެންވާ މީހުންނަށް ކަމަށެވެ. މީގެއިތުރުން އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށް ވާދަ ނުކުރެވޭނެ ކަމަށް ހިންގާ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން މަހްލޫފު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައިވެރި ނުވެވޭންވީ ސަބަބެއް ވިސްނި ވަޑައި ނުގަންނަވާ ކަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ނަން ބޭނުންކޮށްގެން އޭނާއާ ދެކޮޅަށް ހިންގަނީ ސިޔާސީ ހަރަކާތެއްކަން ވެސް މަހްލޫފު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އަކުރަމުވެސް ވިދާޅުވެފައި ވަނީ އޭނާއަށް އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތް އެމްޑީޕީން ހެދީ އެމްއެމްޕީއާރްސީގެ މައްސަލައަކާ ގުޅިގެން ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިނިސްޓަރ މަހުލޫފަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، މިމައްސަލާގައި ދައުވާ ކުރުމާއިމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. މިމައްސަލާގައި އަކްރަމްގެ މައްޗަށް އަދި މިހާތަނަށް ދައުވާ ކުރުމަށް ފޮނުވާފައި ނުވެއެވެ.
ދައުވާކުރުމާމެދު ގޮތެއް ނުނިންމަވާ ޕީޖީ އޮފީހުގައި މައްސަލަ ބާއްވަވާތީ މަހްލޫފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭނާއާމެދު ޕީޖީ އޮފީހުން ވެސް ތަފާތު ކުރުން ގެންގުޅޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *