ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ރަށާއި އަތޮޅު އަދި ސިޓީތަކުގެ ތަރައްގީ އާއި ލޭންޑް ޔޫސް ޕްލޭން ކައުންސިލްތަކުން ގެންދަނީ ހަދަމުންނެވެ. ޕްލޭން ހަދަމުންދާއިރު އެކައުންސިލްތަކަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ އެ ޕްލޭންތައް ހަގީގަތަކަށް ހެދުމަށް ފައިސާ ހޯދޭނެ ގޮތެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މާލިއްޔަތު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ލޯނު ނެގުމާއި، ލޯނު ދޫކުރުމުގެ ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ދީފައިވާއިރު، ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ ބާރު ލިބިދެއެވެ. އަދި ދޫކުރެވޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން އަނބުރާ ނުދައްކާނަމަ، އެ ފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ވަނީ ދީފައެވެ.
ލޯނު ދޫކުރުމާއި ލޯނު ނެގުމުގެ އުސޫލުތައް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާނެއެވެ.
ލޯނުތައް ދޫކުރާއިރު، ކައުންސިލަކުން ދޭ ލޯނާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ލޯނު އަނބުރާ ދައްކަމުންދާ ގޮތުގެ ތަފްޞީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީއާ ގަވާއިދުން ޙިއްޞާކުރަންޖެހެއެވެ.
އިސްލާހުގައިވާ ގޮތުން ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ. އަދި ދަރަންޏަށް ގެރެންޓީ ދިނުމާއި، ކައުންސިލުން ގެރެންޓީ ދެވޭނީ ކައުންސިލުން ނަގާ ދަރަންޏަކަށް އެ ދަރަންޏެއް ނަގާ ބޭންކަކުން ނުވަތަ އިދާރާއަކުން ގެރެންޓީއެއް ދިނުމަށް ޝަރުޠުކުރާނަމަ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ.
މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ބިލަށް ތާޢީދު ކުރައްވާފައެވެ.