Ad

ބައެއް ޤައުމުތަކުން ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ރާއްޖެ އެބަ ބޭނުންކުރޭ: ރައީސުލްޖުމްހޫރިއްޔާ

ބައެއް ޤައުމުތަކުން ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ރާއްޖެ އެބަ ބޭނުންކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކީގައި، ރާއްޖެއަށް ޓޫރިސްޓުން އަންނައިރުގައި، ބައެއް ޤައުމުތަކުން ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރަމުންދާކަމަށެވެ.

"އެއީ، ރާއްޖެއިން އެނބުރި ބޭރަށްދާއިރުގައި، ވަރަށް ފަސޭހައިން ބައެއް ޤައުމުތަކަށް އެބަދެވޭ، އެއްވެސް ކަރަންޓީނެއް ނެތި. އެހެންވީމާ، އެ ޤައުމުތަކަށް ދިޔުމަށްޓަކައި ބައެއް ޤައުމުތަކުން ރާއްޖެއަށް އެބައާދޭ. އޭގެތެރެއިން ވަރަށްގިނަ ބަޔަކު ގެސްޓްހައުސްތަކުގައި، އެކި ރަށްރަށުގައި އެބަތިބޭ. ރަނގަޅު ކަމެއް. އާމްދަނީ ލިބޭނެ އޭގެ ސަބަބުން. އެހެން ނަމަވެސް، މިކަން ދެމެހެއްޓޭނީ، އަޅުގަނޑުމެން އެ ކަނޑައަޅާފައި އޮތް އުޞޫލުގެ ތެރޭގައި، ވިސްނުންތެރިކަމާ އެކީގައި އެއަށް ޢަމަލުކޮށްގެން. އެހެން ނޫންނަމަ، އަނެއްކާވެސް ރާއްޖޭގައި ކޯވިޑުގެ އިތުރު ސްޕްރެޑެއް އަތުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ވަރަށްދަތިވާނެ އެކަން ކޮންޓްރޯލް ކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޯވިޑާ ގުޅިގެން ސަރުކާރުން ނިންމާފައިހުރި އުޞޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށާއި އަދި ޓުއަރ އޮޕަރޭޓަރުންނަށާއި، ޓުއަރ އޭޖެންޓުންނަށް ގޮވާލައްވާކަމަށެވެ.

"އަޅުގަނޑުމެން މިއަދުން ފެށިގެން އިންސްޕެކްޝަނެއް އެބަ ފަށްޓަން، ރާއްޖޭގެ ގެސްޓްހައުސްތަކުގައި. މީހުން ތިބީ ރަނގަޅަތޯ ބަލަން. އަދި ޓުއަރ އޭޖެންޓުން މީހުން ގެނެސްފައި ތިބީ ރަނގަޅަށް ބުކިންގ ހަދައިގެންތޯ. އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ވަކިވަކި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން ގެނެސް، އެކިއެކި އަމިއްލަ ގޭގޭގައި މީހުން ބައިތިއްބާ ވާހަކަވެސް. އެއީކީއެއް އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. މިކަން މުގުރާލައި، މިއާ އިދިކޮޅަށް ކަންތައްކުރާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުވެސް އަޅާނަން. އެހެން ނޫންނަމަ، އެނބުރި ކުރީގައި އޮތް ތަނަށް، ކޯވިޑުގެ އެ ދަތި އުނދަގުލުގެ ތެރެއަށް އަޅުގަނޑުމެންނަށް ދެވިއްޖިއްޔާ، މިއިން އަރައިގަތުމަކީ އަނެއްކާވެސް ވަރަށް ވަރަށް ބޮޑު އުނދަގުލަކަށް އަޅުގަނޑުމެންނަށް ވެގެންދާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ކަރަންޓީންވުމަށް އެންމެ ގިނައިން ރާއްޖެ އަންނަނީ އަވައްޓެރި އިންޑިއާގެ ފަތުރުވެރިންނެވެ. މީގެތެރެއިން އެންމެ ގިނައިން ރާއްޖޭގައި ކަރަންޓީންވުމަށްފަހު މެދުއިރުމަތީގެ ޤައުމުތަކަށްދާ އިންޑިއާގެ މަސައްކަތްތެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *