Ad
ހަރުކަށި ފިކުރާ ގުޅިގެން ދާދިފަހުން ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 
ހަރުކަށި ފިކުރާ ގުޅިގެން ދާދިފަހުން ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 

ޙަޤީޤީ "މެދުމިން" ނަމަ "ހަރުކަށި" ފިކުރުގެ ފަރުވާއެވެ!

"އިސްލާމް ދީނަކީ މެދުމިނުގެ ދީންކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. ޙަޤީޤީ މެދުމިނުން ނައްޓާލައިފި ނަމަ، ނޫކަށިތައް، ހަރުކަށްޓަކަށް ނުވަތަ މަޑުކަށްޓަކަށް އިސާހިތަކުމެ ވެގެން ހިނގައިދާނެ އެވެ. ދީނީ ތަރާދުގައި ކިރާނަމަ "ދެ ކަށި" ވެސް ގޯހެވެ." 

ޙަޤީޤީ "މެދުމިން" ނަމަ "ހަރުކަށި" ބަލީގެ ފަރުވާއެވެ!

އިސްލާމް ދީނަކީ މެދުމިނުގެ ދީންކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. ޙަޤީޤީ މެދުމިނުން ނައްޓާލައިފި ނަމަ، ނޫކަށިތައް، ހަރުކަށްޓަކަށް ނުވަތަ މަޑުކަށްޓަކަށް އިސާހިތަކުމެ ވެގެން ހިނގައިދާނެ އެވެ. ދީނީ ތަރާދުގައި ކިރާނަމަ "ދެ ކަށި" ވެސް ގޯހެވެ.

އަދި ހަމަ އިސްލާމް ދީނަށް ނިސްބަތްކޮށް "މެދުމިން" މާނަކުރުމުގައި ސަމާލުވާންވެސް ޖެހެއެވެ. އެދީނުގެ ތަރާދުގައި މެނުވީ މެދުމިން މާނަކުރެވިގެން ނުވާނެއެވެ. ނޫންނަމަ "ޙައްޤު މިންވަރު"  އަށް ވެގެން ނުދާނެކަން ކަށަވަރެވެ.

އިސްލާމް ދީނަކީ "މެދުމިން" ގެ ދީނޭ ބުނެވޭ ބަހުގެ މާނައަކީ، އެ ދީން އައިސްފައިވަނީ ހުރިހައި މަކާނަކާއި ޒަމާނެއް ޝާމިލުވެގެން، އިންސީންނާއި ޖިންނީންގެ މުޅި ނަޞްލަށްވެސް ފެތޭގޮތަށް އެންމެހައި މަސްލަޙަތުތައް ޙިމާޔަތްކުރެވިގެން، ޢަދުލުވެރި މެދުމިނުގައި ކަމެވެ. ކަލްކިޔުލޭޓްކުރެވޭ "ހާފް" މިނުގައި ނޫންކަމެވެ.

އިސްލާމް ދީނުގައި އައިސްފައިވާ އަޅުކަންތަކާއި މުއާމަލަތްތަކުގެ އެންމެހައި ޙުކުމްތަށްވެސް އައިސްފައިވަނީ މެދުމިނުގައެވެ. މެދުމިނުގައި އޮތް އެއްޗަކުން އިތުރަށް މެދުމިން ނެރެން ވެއްޖެނަމަ، ނުކުންނާނީ ހަތަރު ބައިކުޅަ އެއްބައި ނޫންހެއްޔެވެ؟!

ތަފާތު އެކިއެކި ސަބަބުތަކާއި ހުރެމެ، ދީނަށް ލޯބިއުފެދިފައިވާ ނޫކަށިފުރައިގެ، މަދު ބައެއް ޒުވާނުންގެ ފިކުރު، އިންޙިރާފް ނުވަތަ ޞައްޙަ ގޮތާއި ފެޔަށްޖެހިފައި ވާކަން ޤަބޫލުކުނުކުރަނީއެއް ނޫނެވެ. ކުރަމެވެ. އަދި އެއްޔަކީ އިއްޔައަކު މިއަދަކު ފެށިފައިވާ ކަމެއްވެސް ނޫންމެއެވެ. "ޚަވާރިޖު" ފިކުރޭ ކިޔުނު މިޒާތުގެ ފިކުރަކީ، ރަސޫލު ޒަމާނުންސުރެމެ މިއުންމަތުގެ ތެރޭގައި ދޭތެރެއަކުން މަދުންނަމަވެސް ފެންމަތިވެފައިވާ، ފުރިހަމަ އަދި މަތިވެރި އިސްލާމް ދީނުގައި ކުޑަވެސް ނަޞީބެއް އެފިކުރަށް ލިބިގެން ނުވާ މުންޙަރިފް (ޑީވިއޭޓަޑް) ފިކުރެކެވެ.

އިސްލާމް ދީނަށް ނިޞްބަތް ކުރެވިގެން އުފެދޭ އެފަދަ ފިކުރެއް ނުވަތަ އެއިން ފިކުރަކުން އުފެދިގެން ހިނގައިދާނެ ނުރައްކާތެރި ނަތީޖާތައް ނަފީކޮށް ނެތިކޮށްލުމަށް އެންމެ ކާމިޔާބު މަންހަޖަކީވެސް، ސަލާމަތް ބުއްދިއަށް ފާޅުވެގެންވާ ގޮތުގައާއި އަދި އިންސާނީ ވިސްނުމަށް ވަންހަނާވެގެންވާ ބީދައިންވެސް، އިލާހީ ޙިކްމަތުން ފުރިގެންވާ އިސްލާމް ދީނުގެ ޞައްޙަ މަންހަޖު ކަމާއިމެދު ދެބަސް ވެވިއްޖެނަމަ، ފަލާޙާއި ކާމިޔާބީއަށް ވާޞިލުވުމަކީ ހައްދެއްނެތް މިންވަރަށް ބަޢީދު ނުވަތަ ޙާޞިލުވުން ދުރު ކަމެއްކަން ކަށަވަރެވެ.

އިސްލާމް ދީން އުނގަންނައި ދެވޭހިނދު، އެ ދީނަކީ، "ދެކޮޅުން ބުރިކުރާ" ދީނެއްކަމުގައި މީސްތަކުންނަށް ވިސްނިގެން ހިނގައިދާނެ ގޮތަކަށް ކަންކަން ނުކުރުމީވެސް އަދި ބަހެއްވެސް ނުބުނުމީވެސް، އިސްލާމީ ޞާފް ޞައްޙަ މަންހަޖެވެ. ޕިއޯ ފެކްޓެކެވެ.

އިސްލާމްކަން ޤަބޫލު ކުރާހިނދު ފިރިހެނުން ޚިތާނު ކުރެވެއެވެ. އަދި ދީނުން ބޭރުވާ ހިނދު ޤަތުލުކުރުން (ކަނދުރާއާ ބޯ ވަކިކުރުން) ޝަރުޢުވެގެން ވެއެވެ.

އިސްލާމް ދީނަކީ ޙައްޤު ދީންކަމާއި ތިމާގެ ރައްބަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާ ކަމަށް ޤަބޫލުކުރެވި ޔަޤީންވެގެން ދިއުމަށް ފަހުފައި، އެފަދަ ބޮޑު ޙަޤީޤަތެއް އިންކާރުކޮށް ދޮގުކުރި މީހަކު އިތުރަށް ދުނިޔޭގައި ހުރުމަކީ، ކިތަންމެ ބޮޑު ބާޠިލު ކަމަކާއިގެން އައިސް މުޅި އިންސާނިއްޔަތަށްވެސް ގެއްލުމެއް ދީފާނެ މީހެއްކަން ކަށަވަރުވުމުން، އޭނާ ދުނިޔޭގައި އިތުރަށް ހުރުމުގެ މަޞްލަޙަތަށްވުރެ ފަސާދަ ބޮޑުވެގެން ދާނެތީވެ އެފަދަ އަބާއްޖަވެރިއެއްގެ މައްޗަށް މުރުތައްދު ޙައްދު ޤާއިމުކުރުމަކީ، މީސްތަކުންނާއި މުޅި ކާއިނާތުގެ ޢާއްމު މަޞްލަޙަތާއި ރައްކާތެރިކަން ހިފަހައްޓައި ދެމެހެއްޓުމަށް އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙުކުމެއް ކަމާއިމެދު ދެބަހެއް ނުވަމެވެ. އަދި އެއްވެސް މީހަކަށް ނުވެސް ވެވޭނެއެވެ.

އިސްލާމް ދީނަކި ދެކޮޅުން ބުރިކުރާ ދީނެއްކަމަށް މީސްތަކުންނަށް ހީވެގެންގޮސް، އެދީނަށް ޝަޢުޤުވެރިވެ ހިތްޖެހުމާ ދުރަށް ދެވޭގޮތް ވަނީ، އެ ދީނުގެ އުނިކަމަކުން ނޫނެވެ. މިއަދު އިސްލާމްވާ މީހަކަށް ޝަހާދަތް ލައިދިނުމާއެކު، އާނ، ދެން ކަލޭ ދީނުން ބޭރުވެ މުރުތައްދު ވެއްޖެނަމަ އޮތީ ކަރު ބުރިކުރުމޭ ބުނެފި ނަމަ، ދީނުގެ ގިނަ ނުވަތަ އެއްވެސް ވަރެއްގެ މައުލޫމާތުތަކެއް ލިބިފައި ނުވާ މީހަކަށްނަމަ ބުނެވޭނީ، "ހޯހޯ" ނޫން ހެއްޔެވެ؟

އެއާއި ޚިލާފަށް، ޝަހާދަތް ލައިދިނުމާއިއެކު ހިނައިގަންނަން ބުނެވި، ނަމާދާއި ރޯދަ ފަދަ ރުކުންތަކަށް އަހުލުވެރިކުރެވި ތައުޙީދުގެ ފޮނި މީރުކަން އިޙްސާސްކުރެވޭ ދަރަޖައަށް މީހާ ދިއުމުން، މުރުތައްދުވުމުގެ ޙައްދު އެ މުސްލިމަކަށް ބަޔާންކޮށްދިނުމުން، ހިތުން ރުހުމާއިއެކު އެއްވެސް ޝައްކެއްނެތި ހިތުގެ އަޑިން އެކަމާ އެއްބަސްވެ ޤަބޫލު ވާނެކަން ކަށަވަރެވެ. ކުޑަވެސް މިންވަރަކަށް އެކަމާއި ދެކޮޅު ހަދައި، "އޭމް އަގެއިންސްޓް ޑެތް ޕެނަލްޓީ" ޖަހައި ޓްވީޓެއްގެ މިންވަރުވެސް ކޮށްނުލާނެކަންވެސް ޔަޤީނެވެ.

ވީހިނދު އިސްލާމް ދީނުގެ ޞައްޙަ މަންހަޖަކީ، ދީނީ ގޮތުން ނުވަތަ ޝަރުޢީ ގޮތުންވެސް ނޭދެވޭ ކަންކަން ހިނގަމުންދާނަމަ އެކަން އިޞްލާޙުކޮށް ޙައްޤުމަގަށް ރުޖޫޢަ ކުރުމާއި ކުރުވުމަށް މަސައްކަތް ކުރުމެވެ. އަދިހަމަ މިގޮތަށް ކުރެވޭ މަސައްކަތްތައްވެސް ބިނާކުރެވެން ޖެހޭނީ ޙިކުމަތުގެ މައްޗަށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރަށްވަވައި ބާޔަން ކުރަށްވަވާފައިވާ، ޙިކުމަތާއި، ހެޔޮ ވަޢުޡުގެ ބަސްތަކާއި، ރިވެތިވެގެންވާ ޖަދަލު ކުރުންތަކާއެކު އެވެ. ހަރުކަށިކަމާއެކު ޢަމަލުކޮށް ނަފްރަތްތެރިކަމާއި ރުޅިވެރިކަން އުފެއްދުމެއްނެތި، މަޑުމައިތިރިކަމާ އޯގާތެރިކަމާއި، މަޢާފްކުރުމާ ހަނދާންކޮށްދީ އިރުޝާދު ދިނުމާއި އަދި ވަޢުޡުގެ ބަސްތަކާއިއެކު ތަރުބިއްޔަތުގެ ޢަމަލުތަކުންނެވެ.

ޚުޠުބާ ފެށިގެން ދާއިރު މިސްކިތްދޮށުގައި ތިބެ އަތުގައި އޮންނަ ފޯނުން "ހޮޓް ބާ"  ޖަހައި ޓްވީޓްކުރާ ހިސާބަށް ޤައުމުގެ ޒުވާނުން ގޮސްފައިވުމީ، ހަމައެކަނި އެޒުވާނުންނާއި ހަމައިން ހުއްޓާލެވޭނެ ކަމެއްނޫނެވެ. އެތަކެއް ބައެއްގެ އިހުމާލު އެކަމުގައި ހިމެނޭނެކަން ކަށަވަރެވެ.

ޤުރުއާނުގެ އާޔަތެއް ތަރުޖަމާއާއިއެކު ބުނެދެވޭ ހިނދުވެސް، އިލާހީ ވަޙީގެ މައްޗަށް އަހަރެމެންގެ އުނި ބުއްދިއާއި ކޮށިވިސްނުން އިސްކޮށް، ޖަދަލުކުރެވޭ މަންޒަރު ފެނިގެން ދިއުމަކީ ކޮޅާއިކޮޅު ނުފެންނަވަރަށް އިންތިހާއަށް ނުރައްކާތެރި ވެއްޖެކަން އަންގައިދޭ ރަނގަބީލެކެވެ. އެކަމަކުވެސް އެފަދަ ޖަދުލުކުރާ ފަރާތް ހަމައެކަނި ކުށްވެރި ކުރުމަކީވެސް އިސްލާމީ މަންހަޖެއް ނޫނެވެ. އިޞްލާޙުގެ މަޤްޞަދެއްވެސް ނޫނެވެ.

ކުރުކޮށް ބުނަނީނަމަ، އިސްލާމްދީނުގައި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުން އައިސްފައިވާ އެންމެހައި ކަންކަމަށް އިޖްމާލީ ގޮތެއްގައި ނަޒަރުހިންގައިލައިފި ނަމަ ހާމަވެގެންދާނެ ޙަޤީޤަތަކީ، އިސްލާމް ދީނަށް ވަނުމަށް އެހެން ދީންތަކުގައި ތިބި މީހުންނަށް ދަޢުވަތު ދިނުމުގައާއި، މުސްލިމުންނަށް ކުށްކުރެވޭހިނދު އިސްލާޙު ކުރުމަށް އިރުޝާދު ދިނުމުގައިވެސް، ދީނާއިމެދު އިތުރަށް ނަފްރަތު އުފެދިގެން ނުދާނެ ފަދަ ގޮތަކަށް ވަޢުޡުގެ ބަސްތަކުން، އޯގާތެރިކަމާއި މަޑުމޮޅިކަމާއެކު މުޚާޠަބު ނުވަތަ މުޢާމަލާތް ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމެވެ. މުސްލިމު އުޚްތާ ނުވަތަ އަޚާއަށް އަރައިގަނެވިފައިވަނީ ކިތަންމެ ބޮޑު ފާފައަކަށް އަދި ތަކުރާރުކޮށް ނަމަވެސް، އިޞްލާޙުކޮށް ދަޢުވަތު ދިނުމުގެ މަންހަޖަކީވެސް އެއީކަމެވެ.

ފާފަތައްކުރުމުގައި އަމިއްލަ ނަފްސުގެ މައްޗަށް އިސްރާފުވެގެން ގޮސްފައިވާ މިންވަރަށް ފާފަކޮށްފައިވާ މުސްލިމް އަޅާއާ މުޚާޠަބުކޮށް، ގާތްކޮށް ލެއްވުމުގެ އިންތިހާ ދަރަޖައިގެ މޭރުމަކުން، "އޭ ތިމަން އިލާހުގެ އަޅުންނޭ" މިފަދައިން، އެފަދަ އަޅުންނާވެސް ﷲ މުޚާޠަބު ކުރަށްވާ ހިނދު، ކުށެއްކުރެވޭ މުސްލިމް އަޚަކަށް ނުވަތަ އުޚްތަކަށް ނިސްބަތްކޮށް "ކާފިރެކޭ"، "ލާދީނީއޭ"، "ވަގެކޭ"، "އެތީސްޓެކޭ"، "ހަރުކައްޓެކޭ"، "ޓެރަރިސްޓެކޭ"  ވަގުތުން ވަގުތައް ބުނެލުމުގެ ކުރިން، އެއަޚާ ނުވަތަ އުޚްތާ އެފިކުރުގައި ނުވަތަ ނޭދެވޭ އެ ޢަމަލު މަތީގައި ދެމިހުރިޔަ ނުދިނުމަށް ތިމާއަށް ކުރެވިފައި އޮތް މަސައްކަތަށް ނިކަން ވިސްނަވާލަށްވާށެވެ.

ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގައި، ޝަރުޢީ ކޯޓުތަކުން ކަނޑައެޅި، ދައުލަތެއްގެ ސިފައިގައި ތަންފީޒުކުރަން ޖެހޭ ކަންކަން ފަރުދީ ލެވަލެއްގައި އަމިއްލައަށް ތަންފީޒު ނުކުރާށެވެ. ކުރުމަށް ހިތްވަރުވެސް ނުދޭށެވެ.

ފަރުދުންނަށް އޮތީ އިޞްލާޙުވުމާއި އަދި އިޞްލާޙުވުމަށް އެހީތެރިވުމެވެ. ޙުކުމްޖަހައި އަދަބު ކަނޑައެޅުމެއް ނޫނެވެ. އެއްފަހަރު ބުނެލުމަކުން އިސްލާޙު ނުކުރެވިދާނެއެވެ. ދެވަނަ ފަހަރުން އަދި ތިންވަނަ ފަހަރުން ވެސްއެއެވެ. އެހެންނަމަވެސް 70 ފަހަރު ބުނަން ޖެހުނަށް ފަސްނުޖެހޭށެވެ. ހަނދާންކޮށްދީ އިރުޝާދު ދޭށެވެ. ރުޅި ނާންނާށެވެ. އަދި ރުޅިނާރުވާށެވެ. ހަރުކަށިކަން އިސްނުކުރާށެވެ. ހަރުކަށިވާންވެސް ފުރުޞަތު ނުދެއްވާށެވެ.

ހެޔޮމަގަށް ގޮވާލުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ ޢަމަލުގައި ދެމިހުރުމަށް، އެ ޢަމަލުން ނުކުންނަ ނަތީޖާ އަށް ބަރޯސާވެ ނުލަށްވާށެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގުގައި، އެންމެ މުހިންމުކަމަކީ ތިމާ ބުނާ ބަސް އިޚްލާޞްތެރި ކުރުމާއެކު އެކަމުގައި ކެތްތެރިވުމެވެ. އިޚްލާޞްތެރި ހިތަކާއިގެން ޙިކުމަތްތެރި ބަސްތަކާއި ޢަމަލުތަކަކުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުމުގައި ކެތްތެރިކަމާއެކު ދެމިހުރެއްޖެނަމަ އެކަމުގެ ނަތީޖާ ފެންނާނެކަން ކަށަވަރެވެ.

މިއަދު ދުނިޔެމަތީގައި ތިބި އެންމެ ހިތްހެޔޮ އަހުލުވެރިންކަމަށް މަޝްހޫރު ޠާއިފުގެ އަހުލު ވެރިންގެ ޙާދިޘާއަށް ވިސްނާލަމާ ހެއްޔެވެ؟ ބަލާޣާތްތެރި ޙިކުމަތްތެރި ޙައްޤުބަސްފުޅާއި އަދިހަމަ އިލާހީ މުޢުޖިޒާތްތަކާއެކު، މެންދުރުގެ އިރުފަދައިން ފާޅުކަން ބޮޑޮގޮތެއްގައި ޙައްޤު ބަޔާން ކޮށްދިނުމުން ވެސް، ޙައްޤު ގޮތް ޤަބޫލުކުރަން ދެކޮޅުހަދައި، ޚުދު މާތްނަބިއްޔާގެ ސާފު ޖިސްމުފުޅަށް އަނިޔާތައްދީ ޠާހިރު ލޭފޮދޫ އޮހޮރުވާލި ޠާއިފުގެ އޭރުގެ އަހުލުވެރިންނަށް އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ހަނދުމަކުރަމާހެއްޔެވެ؟

ގަދަކީރިތިވަންތަ އިލާހުގެ ފުރިހަމަ އިޒުނައާއި އަމުރުފުޅާއިއެކު، ގަދަފަދަވެގެންވާ މަލާއިކަތާ ޖިބްރީލުގެފާނު ވަޑައިގެން އުންމަތުގެ ނަބިއްޔާއަށް ނަޞްރުދެއްވުމުގެ ގޮތުން، ހިލަޔާއި ގަލުން އެ ނަބިއްޔާއަށް ހަމަލަދީ ޒަހަމްކޮށްލި ޠާއިފްގެ އަހުލުވެރިންނަށް ޙައްޤު އަދަބު ދިނުމުގެގޮތުން، ރަށްބޭރުގައިވާ ދެފަރުބަދައިގެ ދެމެދަށް އެބައިމީހުން ލަށްވައި އެއުރެން ނެތިކުރެއްވުމުގެ އިޒުނަފުޅަށް މާތް ނަބިއްޔާގެ ކިބައިން ޖިބްރީލުގެފާނު އެދިވަޑައިގެންނެވިއެވެ. ޖަވާބުގައި، ޠާއިފްގެ އަހުލުވެރިންނަށް ނިސްބަތް ކުރަށްވައި ރަޙްމަތުގެ ނަބިއްޔާ ވިދާޅުވީ؛ "އެބައި މީހުންނަށް ނޭނގެނީއެވެ"

ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 17 ވަނަ އާޔަތާއި، އެއާޔަތް ތަފްސީރު ކޮށްދެއްވުމުގައި އުންމަތުގެ މުފައްސިރުން ކަމުގައިވާ، ނަބިއްޔާގެ ޞަޙާބީންގެ ބަސްފުޅަށް ނަޒަރުހިންގާލުން މުނާސަބު ކަމުގައި ދެކެވެ.

(إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ)

"ތައުބާ ލެއްވުން ﷲގެ ޙަޟްރަތުގައި އޮތްކަން ކަށަވަރީ ނޭނގި ތިބުމާއެކު ނުބައިކަންތައްތައް ކޮށްއުޅޭ މީހުންނަށެވެ"

މި އާޔަތުގެ ތަފްސީރުގައި، ތަފްސީރުލް ޤުރުއާންގެނަމުން މަޝްހޫރު ވެވަޑައިގެންނެވި މާތް ޞަޙާބީ ޢަބްދުﷲ ބިން ޢައްބާސްގެފާނު ވިދާޅުވެފައިވާ ބަސްފުޅު، ބޮޑެތި ތަފްސީރު ފޮތްތަކުކައި ގެނެސްފައި ވެއެވެ.

މާތް ﷲ ރުއްސުންލެއްވި މާތް ޞަޙާބީ ވިދާޅުވިއެވެ: "من عمل السوء فهو جاهل، من جهالته عمل السوء"

"ކުށެއް ކުރާ ކޮންމެ މީހަކީ ނޭނގޭ މީހުންނެވެ. އޭނާއަށް ނޭނގުމުގެ ސަބަބުން އޭނާ ކުށް ކުރީއެވެ"

ހުށިޔާރުވާށެވެ! ތަފްސީރު ޢިލްމުގައި އަރައިހުންނެވި މާތް ޞަޙާބީގެ ބަސްފުޅު އޮޅިދާނެތީވެ އިންތިހާއަށް ސަމާލުވާށެވެ. ﷲގެ ވަހީ ބަސްފުޅެއް މީސްތަކުންނާއި ހަމައަށް ނުބައި މަފްހޫމެއް ލިބިގެންދާގޮތަށް ތަރުޖަމާ ކުރެވިގެން ނުދިއުމަށް ﷲ ގެ ޙަޒްރަތުން މިއަޅާ ވާގި އެދޭ ޙާލު ބުނެލަމެވެ.

އިބްނު ޢައްބާސްގެ ތަފްސީރުގައި "ނޭނގުން" މި ބަސްފުޅުގެ މުރާދަކީ، ކުށުގެ ދީނީ ޙުކުމް، ނުވަތަ އެކުރެވޭ ކަމަކީ ދީނީގޮތުން މަނާކަމެއް ނުވަތަ ޙަރާމް ކަމެއްކަން ނޭނގުން އެކަންޏެއް ނޫނެވެ. ނަމަވެސް އިންތިހާއަށް ފުން މާނައެއް އެބަސްފުޅުގައި ހިމެނިގެން ވެއެވެ.

އެކުރެވޭ ކަމަކީ އަދި ދީނީގޮތުން ޙަރާމް ނުވަތަ މަނާކަމެއްކަން އެނގުނެއްކަމަކު، އެކަމުގެ ޙަޤީޤީ ބޮޑުމިނާއި، އެކުށް ކޮށްފިނަމަ އާޚިރަތުގެ ކުރިމަތި ލާންޖެހޭނެ ޢަޛާބާއި ދުނިޔެ މަތީގައިވެސް ކުރިމަތިވާނެ މުޞީބާތްތަކާއި، އަދި ނުކޮށް ދޫކޮށްލައިފި ނަމަ ޢާޚިރަތުގެ އިތުރުން ދުނިޔެ މަތީގައިވެސް ލިބޭނޭ ނިޢުމަތްތައް ނޭނގޭ ވާހަކައެވެ. އަދި، އެކަމަކީ ކުށެއް ކަމުގައި ކަނޑައެޅުއްވި ފަރާތްކަމުގައިވާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޤުދުރަތްތެރިކަމާއި މަތިވެރިވެ ވޮޑިގެންވުންމާއި ގަދަކީރިތިވަންތަކަން ނޭނގޭ ވާހަކައެވެ.

ވީހިނދު، އިސްލާމް ދީނަށް ނިޞްބަތްކޮށް އުފައްދައިގެން އުޅޭ "ހަރުކަށި" ފިކުރާއި، އަދިހަމަ، މި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ތިބެނަމަހީވެސް އިސްލާމް ދީނަށް އިހާނެތިކޮށްހިތޭ ޢަމަލުތައްކުރެވޭ "ސެކިއުލަރ" ނުވަތަ "އެތީސްޓު" ފިކުރު ހުއްޓުވުމަށް، އިޚްލާޞްތެރި ޒިންމާދާރު މަސައްކަތްތަކެއް، ޢާންމު ފަރުދުންގެ ފެންވަރުގައާއި، ޢިލްމުވެރިންގެ އިތުރުން މުޅި ދަޢުލަތުގެ ފެންވަރުގައި ކުރުމުގެ ވަގުތު ޖެހިއްޖެއެވެ.

ޢިލްމުވެރިންނާއި، ކަމުގެ އެންމެހައި ފަންނުވެރި މާހިރުން ޝާމިލުވާ ނިޒާމަކުންނެވެ. އިސްލާމް ދީން އައިސްފައިވާ މެދުމިނުގައި ހިފެހެއްޓިގެން، "ހަރުކަށި" ފިކުރުތައް އަށަގަތުން ނެތިގޮސް، މުޅި ގައުމުގެ އެންމެ މަތީ މަޞްލަޙަތުތަށް ޙިމާޔަތް ކުރެވި، 400000 އެއްހައި މުސްލިމް ރައްޔިތުންނާއި މުޅި މިދިވެހި ދައުލަތުގެވެސް، ދެމިގެންދާ ޙަޤީޤީ ފަލާޙާއި ކާމިޔާބު އޮތީ އެމަގުން ކަން ކަށަވަރުވާ ހިނދުއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މިކަހަލަ މަޒުމޫނުތައް ގިނަގިނައިން ނޫސްތަކުގަ ޝާއިޢު ކޮށްދެއްވާ މީހުން ހޭލުންތެރި ކުރުވުމަކީ ވަރަށް ރަނގަޅުކަމެއް، ވަރަށް ބަރާބަރު ވަރަށް ރަނގަޅު ކަމެއް ޚާއްސަކޮށް އެމް.ޑީ.ޕީ ގެމެމްބަރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *