Ad

ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށް ރައީސް ސޯލިހު އެގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން: ނާޝިޒް

ކުޑަރަށެއް ބޮޑު ރަށެެއް ނުބައްލަވާ އެއްވެސް ތަފާތުކުރުމެއްނެތި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު އޮމަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، ރައީސް ސޯލިހުގެ ނަންފުޅު ތާރީހުގައި ލިޔެވިގެންދާނީ އޮމަދޫ ރައްޔިތުންނަށް އަދި މި ކޮޅުމަޑުލުގެ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށް އެންމެ ފުރިހަމައަށް މަސައްކަތްކޮއްދެވި ރައީސްގެ ގޮތުގައި ކަމަށެވެ.

"ކުޑަރަށެއް ބޮޑު ރަށެެއް ނުބައްލަވާ އެއްވެސް ތަފާތުކުރުމެއްނެތި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު އެގެންދަވަނީ ކަނޑިނޭޅި މަސައްކަތް ކުރައްވަމުން. މިއީ ނޫންތޯ ވެރިއެއް އިންތިހާބުކުރުމުގެ ބޭނުމަކީ. މިއީ ނޫންތޯ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކޮއްދިނުމަކީ. މިއީ ނޫންތޯ އަޅުގަނޑުމެން ބޭނުންވާ އިންސާފާ ހަމަހަމަ ކަމަކީ. ޝުކުރިއްޔާ ރައީސް ސޯލިހު،. އެހެންވީމަ އަޅުގަނޑު މި ދަންވަނީ މިއީ ރައްޔިތުންގެ ރައީސޭ. އަޅުގަނޑުމެން މިތިބީ، އަދި ތިބޭނީވެސް މަނިކުފާނާ އެކީ. މަނިކުފާނު ރައްޔިތުންނަށް ކޮއްދެއްވަމުން ތިޔަ ގެންދަވާ ޚިދުމަތްތަކުގައި އަޅުގަނޑުމެންނަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައީސްއަށް އަރުވަން." ނާޝިޒް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، ކޮވިޑުގެ މިހާލަތުގައިވެސް ޤައުމު އާރާސްތު ކުރުމަށް ރައީސް ސޯލިހު ކޮއްދެވި ޚިކުމަތްތެރި ބުރަ މަސައްކަތްތަކަކީ ތައުރީފާއެކު ބަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި ހަމައެކަނި ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރެއްވި މަސައްކަތަށް ބެލިކަމުގައި ވިޔަސް އެމަނިކުފާނުގެ ނަން ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

އޮމަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި ނާޝިޒް ވަނީ މި ސަރުކާރުން އޮމަދޫގެ ތަރައްޤީއަށް ކޮއްދެއްވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.

"އޮމަދޫގެ ހާލަތު ރަނގަޅުކުރެއްވުމަށްޓަކާ ރައީސް ސޯލިހުގެ ސަރުކާރުން މިހާތަނަށް އެކިއެކި ޕްރޮޖެކްޓްތަކަށް ސަތޭކައެއްހާ މިލިޔަން ރުފިޔާ ޚަރަދު ކުރަމުން އެބަދޭ. މި ހިތްގައިމު ބަނދަރު ހެދުމަށް 40 މިލިޔަން ރުފިޔާ ޚަރަަދު ކުރެވިފައިވޭ. އަދި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް 32 މިލިޔަން ރުފިޔާއަށް ކުންފުންޏަކާ މަސައްކަތް މިހާރު ވަނީ ހަވާލުކުރެވިފަ. މިސަރުކާރުން ވަނީ ޒަމާނީ އިންޖީނުގެއެއް އަޅާ ރަށު މެދުގައި ހުރި އިންޖީނުގެ އެތަނަށް ބަދަލުކޮއްފަ. މުޅި އޮމަދޫގެ ކަރަންޓް ނެޓްވޯކް މިހާރު ވަނީ މުޅިން އަޕްގެރޭޑް ކޮއްފަ. މިއާއެކު ފެނަކައިގެ އާ އޮފީސް އިމާރާތެއްވެސް ޒަމާނީ ވަސީލަތްތަކާއެކު ދާދި އަވަހަށް ހުޅުވިގެންދާނެ." ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ، މިހާރު އޮމަދޫއަށް ވާރޭވެހި ފެންބޮޑުވެގެން ކަރަންޓް ޝޯޓްވުމުގެ ސަބަބުން ކަރަންޓެއް ނުކެނޑޭނެކަމަށާއި، ރައްޔިތުން ބޭނުންވާ މިންވަރަށް ކަރަންޓް ނުލިބިއެއްވެސް ނުދާނެކަމަށެވެ.

"އިންޖީނުގޭ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރައްޔިތުން ތަހަންމަލް ކުރަމުން ގެންދިޔަ ދަތި އުނދަގޫ ހާލަތު ރައީސް ސޯލިހުގެ ޒައާމަތުގެކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ބަދަލުވެގެން ގޮސްފަަ. ރައީސް ސޯލިހަކީ އޮމަދޫ ބަދަލުކުރެއްވި ރައީސް. އޮމަދޫ ރައްޔިތުންނަށް ތަރައްޤީގެ ފޮނި މީރުކަން ހޯއްދަވައިދެއްވި ރައީސް. ޝުކުރިއްޔާ ރައީސް." ރައީސް ސޯލިހާ ގާތްގުޅުމެއް އޮންނަ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ މުޙައްމަދު ނާޝިޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ފާހަގަވެފައިވަނީ ރައީސް ސޯލިހާ ވަރަށް ގާތުން މަސައްކަތް ކުރައްވާ މެމްބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ދުވަސްވަރު ކިނބިދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ނާޝިޒް ހޮވުމުގެ މުހިންމު ކަމާމެދު ވާހަކަފުޅު ދައްްކަވާފައެވެ. މިގޮތުން ބަޖެޓާއި މާލީ ކަންކަމާ ގުޅޭ ބިލްތައް ތައްޔާރުކުރުމަށް ނާޝިޒް މަޖިލީހުގައި އިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *