ރާއްޖޭ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓަރ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ތަހްގީގް ނިންމައި ދައުވާ ކުރުމަށް ފުލުހުން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
މިހާރު ލާމް އަތޮޅުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މަސްއޫދުއަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އެ މައްސަލާގައި ހައްޔަރުވެސް ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް)ގެ މައްޗަށެވެ. އޭނާ އަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލައިގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދު ކާރުގައި ރޯކޮށްލައި ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލުމުން ވެސް އާއްމުންގެ ފަރާތްތަކުން ވަނީ ސޯސަލް މީޑިޔާގައި ވަރަަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާއްމްވެފައިވާ ވީޑިއޯ ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެރޭ މަސްއޫދު ވަނީ ގަން ރީޖަންލް ހޮސްޕިޓަލުން ފަރުވާ ވެސްހޯދާފަ އެވެ.
މަސްއޫދު ލާމް އަތޮޅުގައި ބޭނުން ކުރަމުންދާ ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ދިހަ މަސް ދުވަސް ވެފައިވާއިރު، މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ކާރު މައްސަލާގައި ވެސް އަހުމަދު ސަމީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ މައްޗައް ދަނީ ތަހްގީގް ހިންގަމުންނެވެ.
މިފަދަ ބޮޑެތި މައްސަލަތަކަށް ފުލުހުން ތުހުމަތުކޮށް ތަހްގީގް ހިންގާ ފަރާތްވެސް މުޖުތަމައަށް ދޫކޮށްލާފައިވާތީ ގިނަބައެއް އޭރު ވެސް ގެންދިޔައީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަނަވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.