ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަން އެމަނިކުފާނުގެ އެމައްސަލަ ބެއްލެވި ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ބައެއް ގާޒީންގެ އޯޑިއޯއިން ހާމަވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިހާރު ދައުރުވަމުންދާ ގާޒީންގެ އޯޑިއޯތަކާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮވެގެން ކުރި ހުކުމެއްކަން ސާފުވާނެކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮއްލުމަށް އަބްދުއްރަހީމް ގޮވާލިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިމައްސަލަ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިކަންކަމަށް އިންސާފު ލިބިދާނެކަމަށް ސުވާލު އުފެދޭކަމަށެވެ.
ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ.
ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ އޯޑިއޯ ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ. މިއޯޑިއޯގެ މައްސަލަ ބަލާނެކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.