Ad

ޖުޑިޝަރީ އިޞްލާޙުކުރުމުގެ ގޮތުން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް: ޤާނޫނީ ވަކީލު ޝަޒީމް

ޖުޑިޝަރީ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި، އަދުގެ ސަރުކާރުން ވެރިކަން ލިބުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ޖުޑީޝިއަލް ސަރވިސް ކޮމިޝަން އެކުލެވޭގޮތް އިޞްލާޙު ކޮށްފައިނުވާކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ހިންގައި ޙުކުމްކުރި ބެންޗުގައި ހިމެނުނު ފަނޑިޔާރު ފާއިޒުގެ އޯޑިއޯ އެއް މީޑިއާގައި ލީކުވެފައިވާއިރު، އެކަމަށް އިޝާރާތްކޮށް ވަކީލު ޝަޒީމު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޖޭ. އެސް. ސީ އިން ފަނޑިޔާރު ފާއިޒުގެ ސުލޫކީ މައްސަލަ ބެލުމަށްވުރެ، ސަރުކާރުގެ ތެރެއިން ރައީސް ޔާމީން މައްސަލާގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ފަރާތްތަށް ހޯދައި ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ.

ޖުޑީޝިއަރީ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުންވެފައިވާ ވަޢުދު އަދިވެސް ނުފުއްދައެވެ. ރައީސް ސޯލިޙުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ، ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ މެމްބަރުން އެކުލެވޭގޮތް އިޞްލާޙުކޮށް، ސިޔާސީ ނުފޫޒުން އެކޮމިޝަން މިނިވަންކުރާނެކަމުގައި އޭރު ރިޔާސީ ކެމްޕެއިނުގައި ރައީސް ޞޯލިޙު ވިދާޅުވި ނަމަވެސް، ވެރިކަން ލިބުނު ފަހުން ސަރުކާރުން މިއަދާއި ހަމައަށްވެސް ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ މެމްބަރުން އެކުލެވޭގޮތް އިޞްލާޙުކޮށްފައިނުވެއެވެ. އެއިޞްލާޙަށް ސަރުކާރު ކޯލީޝަނުން ވަނީ ދެކޮޅު ހަދައި މަޖިލިސް ތަޅުމުންވެސް ބޭރުކޮށްލާފައެވެ.

ޖުޑީޝިއަލް ސަރވިސް ކޮމިޝަނު ހިމެނޭ ގޮތް އެކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ތިއްބެވީ މުޅިންވެސް ސިޔާސީ މަޤާމްތަށް ފުރަމުން އަންނަ ބައެކެވެ. އެގޮތުން، އެކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރަކާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ހިމެނޭއިރު، މިބުނެވުނު މެމްބަރުންނަކީ މުޅިންވެސް ސިޔާސީ ގޮތުން އެމަޤާމަށް އައިސްފައިވާ ބައެކެވެ. ވީމާ، ޖުޑީޝިއަލް ސަރވިސް ކޮމިޝަން މިނިވަންނުވެ މިނިވަން ފަނޑިޔާރުގެ އެއް މިޤައުމަކު ނޯންނާނެއެވެ. މިހާރު ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ ގިނަ މަޤާމުތަކެއް ފުރަމުން ގެންދަނީވެސް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލުންތަކެކެވެ.

މީޑިއާގައި ފަނޑިޔާރު ފާއިޒުގެ އޯޑިއޯ އެއް ލީކުވެފައިވާއިރު، ރައީސް ޔާމީން މައްސަލާގައި ޙުކުމް ކުރެއްވިއިރު ބެންޗުގައި ތިއްބެވި ފަނޑިޔާރު ސަމީރު އަދި ފަނޑިޔާރު ޢަލީ އާދަމްގެ އޯޑިއޯ ތަކެއްވެސް ލީކުވެފައިވެއެވެ. އޯޑިއޯ ކްލިޕްތަކުގައި ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާކަން އެނގެއެވެ. އަދި އޭރުގައި ކުރިމިނަލް ކޯޓުގައި ބެންޗުގައި އިސް ފަނޑިޔާރަކަށް އިންނެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދުގެ މައްޗަށްވެސް ތުހުމަތުތަކެއް ކޮށްފައިވެއެވެ. މިކަމަށް ސަރުކާރުން އެއްވެސް އެއްޗެއް އަދި މިހާތަނަށްވެސް ބުނެފައިނުވެއެވެ. އަދި ކުރިމިނަލް ކޯޓުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *