މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާ އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް މިއޯޑިއޯތަކުގައި ވާހަކަދައްކަވާފައި ވާކަމަށްބުނާ ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުން ވިދާޅު ވެއްޖެއެވެ.
ތިން ފަނޑިޔާރުން މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގައި އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވި ކަމަށް އެ ފަނޑިޔާރުން ވިދާޅުވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ކުރިއަށްގެންދާ ތަހުޤީގަށް ދެއްވި މަޢުލޫމާތުގައެވެ.
މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤު ކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. މި ތަޙުޤީގާއި ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައި ވާކަމަށެވެ.
މިމައްސަލައިގެ ތަޙުޤީގުގައި ތިން ފަނޑިޔާރުން ވެސް ވަނީީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަ ތަކެއް ދައްކާފައި ނުވާނެ ކަމަށް ވިދާޅުވެފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނި ވަޑައިގަންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށްފައިވެއެވެ. އެ ދެ ފަނޑިޔާރުންވެސް، އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގު ކުރައްވާފައި ކަމަށްވެއެވެ.
ޖޭއެސްސީން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރު ވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި އެ ކޮމިޝަނުން މިހާރު ވާނީ އެދިފައި ކަމަށެވެ. . މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެ ފަނޑިޔާރުން ކަމަށް ބުނާ ފަނޑިޔާރުން ރުހުން ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.