މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2019ވަނަ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 143599 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައި 139338އާ އަޅާބަލާއިރު %3.1 އިތުރު ޢަދަދެކެވެ.
އޮގަސްޓްމަސްވެފައިވަނީ އަހަރުގެ މިހާތަނަށް އެއް މަހެއްގެތެރޭ އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައި މަަހަށެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މާރޗް މަހު ރާއްޖެ އައީ 109585 ފަތުރުވެރިންނެވެ. އޭޕްރިލް މަހު 91200 ފަތުރުވެރިން އަދި މެމަހު ރާއްޖެއަށް އައިސްފައިވަނީ 64613 ފަތުރުވެރިނެވެ.
ރާއްޖޭގެ ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން ޖޫންމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެގޮތުން ޖޫންމަހު ރާއްޖެއަށް އައިސްފައިވަނީ 56166 ފަތުރުވެރިންނެވެ. އަދި ހާލަތު ރަނގަޅުވެ ޖުލައިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުުރިއެރުމެއް ލިބިގެންދިޔައެވެ. ޖުލައިމަހު ރާއްޖެއަށް 101818 ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 755966 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4639 ފަތުރުވެރިން އާދެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 159873 ފަތުރުވެރިން އައިސްފައެވެ.
ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށްވަނީ 157289 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 43833 ފަތުރުވެރިންނާއި އެކު 3ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަރުމަންވިލާތުންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހާރު ރަނގަޅުވަމުން އަންނައިރު، މިއަހަރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.