Ad

ފަނޑިޔާރުކަމުގެ މަޤާމަށް މީހުން ހޮވުމުގައި މިހާރަށްވުރެ ހަރުދަނާ އުޞޫލުތަކެއް ޤާއިމްކުރަން ވެއްޖެ!

ދިވެހިރާއްޖޭގައި ދަށު ކޯޓުތަކާއި ހައި ކޯޓަށް ފަނޑިޔާރުން ހޮވަނީ ޖުޑީޝިއަލް ސަރވިސް ކޮމިޝަނުންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަނުކުރަނީ ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އެވެ. އޭގެ ކުރީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނުން ފޮނުވާ ފަރާތްތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އަޢުލަބިއްޔަތު ލިބި ފާސްވާންޖެހެއެވެ.

ފަނޑިޔާރުކަމަށް މީހުން ހޮވުމުގައި ޝަރުޠުތަކެއް ކަނޑައެޅިފައިވާއިރު، އެޝަރުޠުތަކަކީ ހަރުދަނާ ޝަރުޠުތަކެއްކަމުގައިވާންޖެހޭނެއެވެ. ތަޢުލީމީގޮތުން، ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމަކީ އަސާސީ ޝަރުޠެވެ. އެހެން ނަމަވެސް، ތަޢުލީމު ލިބިފައިވިޔަސް ޤާނޫނީ ވަކީލުކަމާއި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ އެކަމުގެ ޤާބިލްކަމާއި ތަޖުރިބާހުރި ފަރާތްތަކަށެވެ. މިބުނެވުނު ދެ ދާއިރާއަކީ ގުޅިލާމެހިފައިވާ ދެ ދާއިރާއެވެ. ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ ފަނޑިޔާރުކަމުގައި މަސްއޫލިއްޔަތު އަދާކުރުމުގައި އެތަށް ގުނައެއް ފަސޭހަވެގެންދާނެކަމެކެވެ. މިއީ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް ފަނޑިޔާރުކަމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑެކެވެ.

ކުރިމިނަލް ކޯޓަކީ، ޖިނާޢީ މައްސަލަތަކުގެ ތެރޭން އެންމެ ބޮޑެތި ޖަރީމާގެ މައްސަލަތަކުން ފެށިގެން، ޖިނާޢީ އެންމެ ކުދި މައްސަލަތަށްވެސް ހުށަހެޅެމުންދާ ކޯޓެވެ. ޖިނާޢީ މައްސަލަތަކުގައި ދައުލަތުން ދަޢުވާކުރާއިރު، ދަޢުވާލިބޭ ފަރާތްތަކުގެ ދިފާޢީ ވަކީލުން ބައިވެރިވެއެވެ. ޝަރީޢަތުގެ މަޖިލީހުގައި ކުރެވޭނީ ޝަރުޢީ އަދި ޤާނޫނީ ބަހުސްތަކެވެ. ވީމާ، ދެފަރާތުން ދައްކާ ވާހަކަތަށް ފަހުމްވާފަދަ ތޫނުފިލިކަމެއް ފަނޑިޔާރުންގެ ކިބާގައި ހުންނަންޖެހެއެވެ.

ކުރިމިނަލް ކޯޓުގައި ތިބި ފަނޑިޔާރުންނަށް ބަލާއިރު، ދައުލަތުގެ ވަކީލެއްގެ ގޮތުގައި ވަކާލާތުކޮށް ތަޖުރިބާލިބިފައިވާ 3 ފަނޑިޔާރަކު އެބަތިއްބެވިއެވެ. އޭގެ ތެރެއިން ފަނޑިޔާރު އާދަމް މުޙައްމަދު އާއި ފަނޑިޔާރު މިޞްބާޙު އަކީ ދިފާޢީ ވަކީލުންގެ ގޮތުގައިވެސް ވަކާލާތުކޮށްފައިވާ ފަރާތްތަކެވެ. ދެން ހުންނެވީ، ފަނޑިޔާރު ދީބާނާޒު ފަހުމީއެވެ. ދައުލަތާއި ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަނޑިޔާރުންނަށް ޖިނާޢީ މައްސަލަތަށް ހިންގުމުގައި ޤާނޫނުތަކަށާއި ޤަވާޢިދުތަކުގެ އިތުރުން ޖިނާޢީ އިޖުރާއާތުތަކަށް އަހުލުވެރިވެ، ޝަރީޢަތް ހިންގުމާއި ނިޔާ ކަނޑައެޅުމުގައި ފަސޭހަވެގެންދާނެއެވެ.

މަދަނީ މައްސަލަތަކާއި ޢާއިލީ މައްސަލަތަކުގައި ނިޔާ ކަނޑައަޅާ ޤާޟީ އަކު، ޖިނާޢީ މައްސަލަތަކުގެ ވަކަލާތުކުރުމުގެ އެއްވެސް ތަޖުރިބާއެއްނެތި ޖިނާޢީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާއި ޙަވާލުކުރުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމަކީ ބަދަލުކުރަންޖެހިފައިވާ އާދައެކެވެ. ކްރިމިނަލް ކޯޓަށާއި ހައިކޯޓަށް އަދި ސުޕްރީމް ކޯޓަށް ހުށަހެޅޭ ޖިނާޢީ ދަޢުވާތަކުގައި އެދަޢުވާއެއް ބައްލަވާ ފަނޑިޔާރަކީ ޖިނާޢީ މައްސަލަތަކުގެ ތަޚައްޞުޞް ފަނޑިޔާރަކަށްވުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. އެހެން ނޫންނަމަ، ޢަދުލު އިންޞާފު ލިބުމަށް ހުރަސްއެޅިދާނެއެވެ. ނުވަތަ ޤާނޫނު މާނަކުރާގޮތަކުން ނުވަތަ ތަޠްބީޤުކުރާ ގޮތަކުން ލިބެންނުޖެހޭ އަދަބެއް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވެސް ހިނގައިދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *