Ad

ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދުކޮށް ދިވެހިންނަށް އެފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދުކޮށް ދިވެހިންނަށް އެފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަލިފުށީގައި މި ހުޅުވޭ ޖޮބް ސެންޓަރަކީ، ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމުގެ ބޭނުމުގައި ސަރުކާރުން ފަށާ ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ކޮންމެ ރަށެއްގެ ކައުންސިލާ ގުޅިގެން، ކޮންމެ ރަށެއްގައި އޭގެ ޑެސްކެއް ބެހެއްޓުން. އަދި މޯބައިލްކޮށް އެ މަސައްކަތް ކުރިއަށް ފަށައިގަތުން. އަޅުގަނޑު މި ދެންނެވި ފަދައިން، މި ޖޮބް ސެންޓަރުގެ ބޭނުމަކަށް ވެގެންދާނީ، ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީ ކުރުން. ހަމައެއާއެކީގައި، ވަޒީފާއަށް މީހުން ބޭނުންވާ ފަރާތްތައް، ކުންފުނިތަކުންވެސް ވަޒީފާ ހުރިކަން މީގައި ރަޖިސްޓްރީ ކުރުން. އޭރުން ވަޒީފާ ބޭނުންވާ ފަރާތަށް، ހުރީ ކޮން ވަޒީފާތަކެއްކަން، ހުހަށްހުރީ ކޮން ވަޒީފާތަކެއްކަން އެނގިގެންދާނެ. މީގައި ރަޖިސްޓްރީ ކުރުމާ އެކީގައި، ދެންމެ ތަޢާރުފްގައި އެ ވިދާޅުވި ފަދައިން، ޝޯޓްލިސްޓްކޮށް، އިންޓަރވިޔުކޮށް، ވަޒީފާތަކަށް ފުރުޞަތު ފަހިވެގެންދާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

މި މަސައްކަތް ފެށިގެންދާއިރުގައި، ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައި، ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ނަމައެ މީހަކަށް ވަޒީފާނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިސާލަކަށް ދަންނަވާނަމަ، 2018 ވަނަ އަހަރު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި އެބައޮތް ވަރކް ޕަރމިޓް ދޫކުރެވިފައި 56000 މީހުންނަށް. ބޭރުން މީހުން ގެނައުމަށް. އަހަރު ނިމުނުއިރުގައި 51000 މީހުން ރާއްޖެއަށް ވަޒީފާއަށް އެތެރެކޮށްފައި އެބައޮތް. މިއީ 2021 ވަނަ އަހަރު. މި އަހަރުގެ 7 މަސް ނިމިގެންދިޔައިރުގައި، ސަރުކާރުން ވަރކް ޕަރމިޓް ހުއްދަ ދީފައި މިވަނީ 8900 މީހުންނަށް. އަދި މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައި މިވަނީ 6900 މީހުން. ބާކީ މިއޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށްވިޔަސް، އަޅުގަނޑު މި ދެންނެވިހެން، ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށްބޮޑުތަން މިއޮތީ ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން މި ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާކަމުގެ ނިޝާނެއް މިއިން ފެނިގެން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ޓްރެއިން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަދު މިހާތަނަށް އައިއިރު، މި އަހަރުގެ ތެރޭގައި 600 ފަރާތެއް ޓްރެއިން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކަށް ވަނީ ޙަވާލުކުރެވިފައި. އަދި އެ މަސައްކަތް ކުރަމުންދާއިރުގައި، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް އަޅުގަނޑުމެން ދެމުން އެބަގެންދަން. އަޅުގަނޑުމެންގެ ބޭނުމަކީ، ވަޒީފާތަކަށް މި ނުކުންނަ ޒުވާނުންނަށް ބޭކާރުވެ ނުގޮސް، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން. ރާއްޖޭގައި، ކުރިންވެސް ދެންނެވި ފަދައިން ވަޒީފާ އެބަހުރި. ވަޒީފާ ބޭނުންވާ މީހުން އެބަތިބި. މި ދޭތެރޭގައި މިއުޅޭ މައްސަލަ ޙައްލުކޮށްގެން ނޫނިއްޔަކާ މިކަމަށް ޙައްލެއް އަންނާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *