Ad

މަސްވެރިންނަށް ހަމަ އަގު ލިބޭނީ 2023 ވަނަ އަހަރު: ޑރ. ހުސެއިން ރަޝީދު

މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ ޅ. ފެލިވަރުގައި މިހާރު ހިންގަމުން އަންނަ މަޝްރޫއު ނިމުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ރައްޔިތުންގެ މަޖްލީހުގައި މިނިސްޓަރު ހުސެއިން ވަނީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް “ހަމަ އަގު” ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢުޢަ ގުޅޭ ތަފްސީލްތައް ހިއްސާކޮށްފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ 35 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓާއެކު ފެލިވަރުގައި 280 ޓަނު ރޯމަސް ގަނެ، ފްރީޒްކުރުމުގެ ގާބިލްކަން ލިބިގެން ގޮސް، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ފެލިވަރުގެ ކޭނަރީވެސް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މި ސަރުކާރުން މި ދަނީ އެތަން 100 ޓަނު ދުވާލަކުު ގަނެ ޕްރޮސެސްކުރެވޭ ގޮތަށް ބަދަލުކުރަމުން. މިއީ މިއިން ޒަމާނަކު ވެސް ރާއްޖޭގައި ނުކުރާ ފަދަ އިންވެސްޓްމެންޓެއް,” މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން އަޅާ އައިސް ޕްލާންޓާއި ބަޖެޓުން ހަރަދުކޮށްގެން އަޅަމުން ގެންދާ އައިސް ޕްލާންޓާއެކު 175 ޓަނުގެ އައިސް ފެލިވަރުގައި އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ޕްރޮޖެކްޓް މިހާރު އޮތީ ފެށިފައި ކަމަށާއި، 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނޫނީ އޭގެ ކުރީކޮޅު މަސައްކަތްތަށް ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި ވައުދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *