ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތު ވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގޭ, ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލަޔާ ގުޅިގެން ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2011 ވަނަ އަހަރު އެވެ. އޭނާގެ ވަޅިން ހަމަލާދީ މަރާލީ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދުއެވެ. ނަޒާހާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
2015 ވަނަ އަހަރު ނަޒާހާ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ހަ އަހަރު ފަހުން މިއަހަރު ނަޒާހާ ވަނީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މިމައްސަލަ އިސްތިއުނާފް ކުރަމުން ނަޒާހާ ބުނެފައި ވަނީ، ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ލަސްވީ އޭނާގެ ޝަރީއަތުގެ ވާހަކަތައް ނޫސްތަކުގައި ލިޔާތީ އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތި ވެ, ނަފުސާނީ އަސަރުތައް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރީ މިހާރު ދަރިފުޅު ބޮޑުވުމުން ދަރިފުޅާ މަޝްވަރާ ކުރުމަށްފަހު އެ ދަރިފުޅުގެ ކިބައިން ހިއްވަރު ލިބިގެން ކަމަށެވެ.
ނަމަވެސް އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. ދައުލަތުން ބުނެފައިވަނީ އިސްތިއުނާފުގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށާއި އޭގެ ބޭނުން ނަޒާހާ ހިފާފައި ނުވާކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުން ނިންމީ މި މައްސަލަ ބަލައިގަނެ ނަޒާހާގެ އަޑު އިއްވުމުގެ ފުރުޞަތު ދިނުމަށެވެ.
ދަށު ކޯޓުގައި ނަޒާހާ ބުނެފައިވަނީ ކުރީގެ ފިރިމީހާއަށް ވަޅިން ހަމަލާދިނީ އޭނާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށެވެ. އަދި އެއީ ދިފާއުގައި ދިން ހަމަލާއެއްކަމަށް ނަޒާހާ ވަނީ ބުނެފައެވެ.