މިހަފްތާގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ އަޑުގަދަކޮށް ދެކެވެމުންދާ ވާހަކައަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބެވެ. މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި ޕާޓީގެ އެތެރޭގެ އެންމެ ވާދަވެރި އެންމެ ފޯރިގަދަ އިންތިޚާބެވެ. އިންތިހާބު ވާދަވެރިވެ ފޯރިގަދަވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޒަމާންވީ ދެ އެކުވެރިންގެ ގުޅުންހީނަރުވެ ޕާޓީގެ އިސް ލީޑަރާއި ޕާޓީގެ ރައީސްގެ ފެކްޝަންގެ އަޑު ގަދަވެފައިވާތީއެވެ. ބަރުލަމާނީ ނިޒާމްގެ އަޑުގަދަވެފައިވާތީއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ފޯރި ގަދަވެފައިވާތީއެވެ. މި ހުރިހާކަމެއްވެސް ގުޅިފައިއޮތީ ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުހެ އިންތިޚާބާއެވެ.
ކުރިއަށްއޮތް ފަސް އަހަރަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް މެމްބަރުން ހޮވިއިރު ބައެއް ގޮނޑިތައް އެއްވެސް ވާދަވެރިކަމެއްނެތި އިންތިހާބަކާ ނުލާ ވަނީ ޔަޤީންވެފައެވެ. މީގެތެރެއިން 1 ދާއިރާއަކީ ހޯރަފުށީ ދާއިރާއެވެ. ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. މިދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އެވެ. އިންތިހާބަކާ ނުލާ މި ދެ މެމްބަރުން ގޮނޑި ކާމިޔާބުކުރީ ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ. އެދާއިރާގެ އެމްޑީޕީގެ އިސް މީހަކު ބުނީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމާ ގާތް ގުޅުމެއް އޮންނަ އަރުޝަދާއި ޝާފިއު އާ ވާދަކުރަން އިތުރު ކެންޑިޑޭޓުން ނުނިކުތީ އެދެމީހުންނާ ވާދަކޮށް ކުރި ލިބޭނެކަމަށް ނުފެންނާތީ ކަމަށެވެ.
"މިދާއިރާގެ ގޮނޑި އިންތިހާބަކާ ނުލާ ކާމިޔާބުނީ އަރުޝަދާ ޝާފިއުގެ ކުޅަދާނަކަމުން. އެމީހުންނާ ވާދަކޮށްލެވޭނެ މީހަކު ނެތީ. އެމީހުންނާ ވާދަކުރަން އެހެން މީހަކު ބޭނުން ނުވަނީ. އެއީ އެއީ އެކަމަށް އެންމެ ޤާބިލް ދެމީހުންވީމަ. ޝާފިއު އަކީ ސިޔާސީ މުސްތަޤްބަލެއް އޮތް ޒުވާނެއް. އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރާނެ. އެ ހުނަރާއި ކުޅަދާނަކަން އޭނާގެ އެބަހުރި." ހޯރަފުށިން ވާހަކަދެއްކި މީހަކު ބުންޏެވެ.
މީގެތެރެއިން އަރުޝަދަކީ ހޯމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. ޝާފިއު އަކީ ރޯޑް ޑިވަޕޮލްމަންޓް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރެކެވެ. އަދި އާރުޑީސީގެ ކްލަބުގެ ރައީސެވެ.
އެމްޑީޕީ ގައުމީ މަޖްލީހުގެ 70 އިންސައްތައަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރީ އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.