Ad

ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރަނީ

ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ޓްރާސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.

މިއަދު ފާހަގަ ކުރެވޭ ދުނިޔޭގެ ކަނޑުދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދެއްވި ޚިތާބުގައި ވިދާޅުވީ މިސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި މިސިނާޢަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން އުފެއްދުންކަމަށެވެ.

"މިސިނާޢަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން އުފެއްދުން. އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ޤައުމީ ޔުނިވަރސިޓީއާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައިވާކަން އުފަލާއިއެކު ފާހަގަކުރަން. މި އެމް.އޯ.ޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީނު ކުރެވިގެން ދާނެ. މިކަމުގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރާއަށް ވަނުމަށް ހިތްވަރުދިނުމާއި މިކަމަށް މިދާއިރާގައި ހުރި ފުރުސަތުތައް ބުނެދިނުން." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ބޯޓު ދަތުރުކުރާ 2 މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީޤުރުބާނީ ވަރަށް ފާހަގަ ވެގެންދިޔައެވެ. މިބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ޝިޕިންގް އިންޑަސްޓްރީން ކުރި މަސައްކަތް ބައިނަލްއަޤވާމީ ފެންވަރުގައި ފާހަގަ ކުރެވިގެންދިޔަ ކަމަށް މި ހިތާބުގައި ވެއެވެ. ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސް.އާރު.އައި) އާއި ގުޅިގެންދަނީ ކުރެވެމުން ދާކަން މި ހިތާބުގައި ފާހަގަކުރިއެވެ. މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން މިދާއިރާއަށް މީހުން ބިނާ ކުރުމަށާއި މިދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ އިންޓަރނޭޝަނަލް މެރިޓަމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ވުޖޫދުވެގެން އައިސްފައިވަނީ 17 މާރިޗު 1948 ގައެވެ. ދިވެހިރާއްޖެއިން މިޖަމިއްޔާގެ މެމްބަރަކަށް ވެފައިވަނީ 31 މެއި 1967 ގައެވެ. އަދި ފުރަތަމަ ފަހަރަށް އައި.އެމް.އޯ އަށް ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަމްދޫބެއް ކަނޑައެޅިގެން ދިޔައީ 06 ޖުލައި 2021 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *