ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަކީ ފަނޑިޔާރުންގެ މައްޗަށް ލާޒިމުކަމެއްގެ ގޮތުގައި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އެހެން ނަމަވެސް، އެފަދަ އަމުރެއް ފަނޑިޔާރު ކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށްޓަކައި އެދި ކޯޓަށް ހުށަހަޅައިފި ހިނދެއްގައެވެ. މިފަހަކަށް އައިސް ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރާ މީހުންގެ ޢަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވެއެވެ. ޚާއްޞަކޮށް 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރި މީހުންގެ ޢަދަދު ވަނީ ވަރަށް މަތީގައެވެ.
މިފަހަކަށް އައިސް ޖަލު ގައި ތިބޭ ޤައިދީންނާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނަށް ބޭސް ފަރުވާކުރެވޭނެ ގޮތެއް ނެތިގެން އެކަމުގެ ޝަކުވާ ކޯޓުތަކުގައި ކުރަމުންދެއެވެ. ދައުލަތުން މިހާރުވެސް ބުނަމުން އަންނަނީ ހުރިހާ ޤައިދީންނަށް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާކުރަމުން އަންނަ ކަމަށެވެ. ދައުލަތުން މިގޮތަށް ކަނޑައަޅަނީ، ބަންދުކޮށްފައި ހުންނަ ޖަލެއްގެ ކްލިނިކަކަށް ދެއްކުމުގެ މައްޗަށް ބަރޯސާވެގެންނެވެ. ޙަޤީޤަތުގައި ބޭސް ފަރުވާކުރުމުގެ ޙައްޤު މާނަކުރަންޖެހެނީ އެހާ ކުޑަ މިންވަރަކަށް ނޫނެވެ. ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންގެ ތެރޭގައި ކަކަލު ހުޅުގެ ބޮޑެތި އޮޕަރޭޝަނާއި، ކޮނޑު ހުޅާއި، މައިބަދަ، ނާރު، ކިޑްނީ ބަލި އަދި ނަފްސާނީ ބަލީގެ ޤައިދީން އެބަ ތިއްބެވެ. ގިނަ ޤައިދީންނަކީ ޑޮކްޓަރަށް ބަރާބަރަށް ދައްކައި ރިޕޯޓުތަށް ރިވިއުވެސް ކުރަންޖެހޭ ބަޔެކެވެ.
ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކާއެކު، ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ކޮންމެ 30 ދުވަހަކުން އެމީހެއްގެ ބަންދު މުރާޖަޢާކުރުމަށްޓަކައި އަޑުއެހުމެއް ބާއްވަންޖެހެއެވެ. އެއަޑުއެހުމުގެ ބޭނުމަކީ، ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައިވާ މީހެއްގެ ޙާލަތު ބަލައި، ބަންދު ދެމެހެއްޓުމުގެ ޙާލަތު ދެމި އޮތްތޯ ބެލުމެވެ. ހިތާމައަކީ، ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ގިނަ ދަޢުވާތަކެއްގައި ކޮންމެ 30 ދުވަހަކުން ބަންދު މުރާޖަޢާ ނުކުރެވޭތީއެވެ. ބައެއް ސެކްޝަންތަކުގައި ހުރި މައްސަލަތަކުގެ ބަންދު މުރާޖަޢާ އަޑުއެހުމެއް ނުބާއްވައި 2 މަސް ނުވަތަ 3 މަސް ވޭތުވެދެއެވެ.
ޤައިދީއެއްގެ ބަލި ޙާލަތަކީ ފަނޑިޔާރުން ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ސަބަބެކެވެ. އެކަން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުން އެނގެން އެބައޮތެވެ. ސުވާލަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަށް ޒިންމާދާރު ނުވެ ޤައިދީންގެ ޙާލަތު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވިދާނެތޯއެވެ. ކިތަންމެ ކުޑަ މައްސަލައެއްގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލް އެދެނީ މީހުން ބަންދުކުރުމަށެވެ. ރިމާންޑް ޖަލުތަކުގައި ބަންދުކުރުމަށްފަހު ބޭސް ފަރުވާ ކުރުމަށް އޮންނަ އިޖުރާއާތަކީ، ޤައިދީ ބަންދުކޮށްފައި ހުންނަ ޖަލުގައި ކްލިނަކަށް ދެއްކުމަށްފަހު، އިތުރު ފަރުވާއަކަށް ޚާއްޞަ ޑޮކްޓަރަށް ރިފަރ ކޮށްފިނަމަ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ވެއިޓް ލިސްޓް ކުރުމެވެ. މިގޮތުގެ މަތީން، އެޕޮއިންޓްމެންޓް ލިބޭނެ ދުވަހެއް ދައުލަތަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. ނަތީޖާއަކީ، ޤައިދީގެ ޙާލަތު ދެރަވެ ދަށަށް ދިޔުމެވެ. އައިޖީއެމްއެޗްގެ ވެއިޓިންގ ލިސްޓް ހާހަކަށްވުރެ ގިނައެވެ.
މިފަހަކަށް އައިސް ތަފާތު ތިން މަރެއް ރާއްޖޭގެ ޖަލުތަކުގައި ހިނގައި ގޮސްފިއެވެ. ރަނގަޅަށް ބަލައި ދިރާސާކުރިއިރު، ދައުލަތުގެ އިހުމާލުންނެވެ. ބޭސް ފަރުވާނުކުރެވުމެވެ. ޔަމަނުގެ މީހަކު މިދިޔަ އަހަރު މަރުވީވެސް ފަރުވާ ނުލިބިގެންނެވެ. އޭނާގެ މައްޗަށް ދަޢުވާވެސް ނުކޮށް ހުއްޓައި، ޖަލުގައި އެތަކެއް އަހަރު ހޭދަކުރުމަށްފަހު، މަރުވެގެންދިޔައީއެވެ. ހަށިގަނޑުވެސް ހިކި އަނަރޫފަވެފައިވެއެވެ. އޭގެ ފަހުން، މިއަހަރުތެރޭ، ހުޅުމާލެ ޖަލުގައި ހުއްޓައި ޤައިދީއަކު މަރުގެންދިޔަ ޚަބަރު އިވުނެވެ. ފަރުވާއަށް ޤައިދީ ހޮސްޕިޓަލަށް ގެނެވުނުއިރު އޮތީ މަރުވެފައެވެ. އަދި އެންމެ ފަހުން މިމަހު މާލެ ޖަލުގައި މަރުވެގެން އެދިޔަ ޤައިދީވެސް މަރުވެގެން އެދިޔައީ އެކަށީގެންވާ ފަރުވާ ނުލިބޭތީއެވެ. ޚަބަރު ލިބޭގޮތުން، އެޤައިދީއަށް ފަރުވާ ނުލިބިގެން ގޮޅި ތެރެއަށް ހޭނެތިގެން ވެއްޓުމުން، އެގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީންނަށް ގޮވައި ހަޅޭލަވައި އަޑުގަދަ ކުރަންފެށިތާ އެތަކެއް އިރެއް ފާއިތުވީ ފަހުން މާލެ ޖަލުގެ އޮފިސަރުން އެތަނަށް ހާޒިރުވިއެވެ. މިއީ، ފަރުވާކުޑަކުރުމުގެ އިންތިހާއެވެ.
ހޯމް މިނިސްޓަރާއި ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުގެ ދިފާޢުގައި ވާހަކަ ދައްކަވާނީ ކިހާ އިރެއް ވަންދެންތޯއެވެ. ތިމާމެންނަށް ގޯހެއް ހެދިއްޖެކަން ގޯސް ހެދޭކަން ޤަބޫލުކުރަންވެއްޖެ ނޫންތޯއެވެ. ޤާނޫނީ ގޮތުން މީހަކު ވާނުވާ ނޭނގޭ ގޮތަށް ބަންދުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ
ޝަރީޢަތުން ގޮތެއް ނިމެންދެން ފަނޑިޔާރަކު އަމުރެއްކުރަނީ އެކަމަށްޓަކައި ދައުލަތުން ހުށަހެޅުމުން، އެހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށްގެންނެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަން ފަނޑިޔާރަކު އަމުރުނެރޭ ހިސާބުން އެމީހަކު ބަންދުގައި ހުންނަ ހުރުން ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރުމަކީ ޤާނޫނުން ލާޒިމްކުރާކަމެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަމިއްލައަށް މުރާޖަޢާކުރާކަމަށް ބެލިޔަސް، ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. ވާނީވެސް އެހެންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލްއަކީ ދަޢުވާގެ ޚަޞްމެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އެދެނީ ބަންދުކުރި ޙާލަތު ބަދަލުވެފައިނުވާތީ ބަންދު ދެމެހެއްޓުމަށެވެ. ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ދެކޭ ގޮތުގައި އެއީ، ޕްރޮސެކިއުޓަރ ޖެނެރަލް އަށް އޮތް ބާރެއް ނޫނެވެ. ސަބަބަކީ، ބަންދު ދަމަހައްޓާނީތޯ ނުވަތަ ދޫކޮށްލާނީތޯ ނުވަތަ ޤައިދީގެ ޙާލަތު ބަދަލެއް އައިތޯ ކަނޑައަޅާނީ ފަނޑިޔާރެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރަކީ ބަންދު މުރާޖަޢާކުރަން އެދުމެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ޤައިދީންގެ ބޭސް ފަރުވާ ހިނގާ ނުހިނގާ ގޮތް ބެލުމަށް ގެންގުޅޭ އުޞޫލެއް ޢާންމެއް ނުކުރެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އިހުމާލުވާކަމުގެ މައްޗަށް ޤައިދީން ކޯޓުތަކުގައި ކުރާ ޝަކުވާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ފިޔަވަޅު އަޅާނަމަ، ޤައިދީންނަށް އެކަށީގެންވާ މިނެއްގައި ބޭސް ފަރުވާވެސް ކުރެވޭނެއެވެ. އެކަމުގެ މައްޗަށް އެއްވެސް ޝަކުވާއެއް ނޯންނާނެއެވެ.
ހޯމް މިނިސްޓަރުގެ ޒިންމާ
ޖަލުތަކުގެ ޙާލަތު ބަލައި ރަނގަޅު ކުރުމަކީ ހޯމް މިނިސްޓަރު ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ޚާއްޞަކޮށް، ރިމާންޑް ޖަލުތަކާއި ޙުކުމް ތަންފީޒުކުރާ ޖަލުތަކުގެ ޙާލަތަކީ ކޮންމެހެންވެސް މޮނިޓަރ ކުރަންޖެހޭ ޖަލުތަކެވެ. އެހެން ނަމަވެސް، މީހަކު ޖަލެއްގައި ބަންދުކުރާ ހިސާބުން އެމީހެއްގެ އަސާސީ ޙައްޤުތަށް ހިފެހެއްޓިގެންދާއިރު، ޖަލަކުން އޭނާއަށް ލިބެންޖެހޭ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ލިބިގެންނުވާނެއެވެ. ޚާއްޞަ ބޭސް ފަރުވާކުރުމާއި، ކެއުމާއި، ރަނގަޅު ފެންވަރެއްގެ ފޭރާން ލިބުމާއި، ޢާއިލާއި ބައްދަލުކުރުމާއި، ބޯން ލިބޭ ފެނަކީ ސާފު ފެނަކަށް ވާންޖެހެއެވެ. މީގެ ކުރީގައި، ރާއްޖޭގެ ޖަލުތަކުގައި ބޯން ލިބެނީ ފާޚާނަ އިސްކުރު ފެނެވެ. އެހެން ނަމަވެސް، ޤައިދީންކުރި ހަޅުތާލުތަކުގެ ނަތީޖާއަކީ، އިތުރު އިސްކުރެއް ހަރުކުރުމެވެ. އިދާރީ ގޮތުންނާއި އިންސާނީ ވަޞީލަތްތަށް އިތުރުކޮށްދީ ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ ހޯމް މިނިސްޓަރގެ ޒިންމާއެކެވެ. އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ޖަލުގެ ކްލިނިކްތަކުންވެސް ކުރެވެންހުރުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާއި ހޯމް މިނިސްޓަރު ކޮނޑުގައި އޮތް ޤާނޫނީ ޒިންމާއެކެވެ.
2 Responses
Aejaluge haalatu ragaluveemaato beas faruvaanulibeakamuge sakuvaa funijehene
Iruvaru nooha saabas… miadhu magaamu dhifaau kurumah robuhuthaanu dhogu allah gandhee huvaa kohfaves bunanee dhuniye hodhan… aahirathugai dheyme javaabeh nonnaane … miadhu thaubaa veema nunimeyne ehenmeehunge haggu onnahaa hidhu… visnqa fikurukohla bala … maru maru maru ok .. edhuvahun maves insaafu beynun haggu nukudaanan… ⁵