Ad

ފްލެމިންގޯ ވިއްކަން އުޅޭ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނަން: އީޕީއޭ

ރާއްޖެއަށް ހިޖުރަކުރި ދޫނިތަކެއް ކަމަށްވާ ފްލެމިންގޯ ހިފައި އެ ވިއްކަން އުޅޭ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އީޕީއޭއިން މިހެން ބުނީ ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނިތަކެއް ހިފައި އެ ވިއްކަން އިއުލާން ކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި މި މައްސަލަ ވަރަށް ސީރިއަސް ކަމާއެކު ފުލުހުންނާއި ގުޅިގެން ބަލާ ކަމަށާއި މިކަމުގައި ޝާމިލްވާ މީހުނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ފްލެމިންގޯތައް އެންމެ ފުރަތަމަ ފެނިފައި ވަނީ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. އެ ފްލެމިންގޯ އައިނުގައި 14 ދޫނި ތިބި ކަމަށެވެ. އޭގެފަހުން ކުޅުއްދުއްފުށީ ކުޅީތެރެއިންވެސް ފްލެމިންގޯތަކެއް ފެނިފައިވެއެވެ. މިފަދަ ފޮޓޯތަކެއްވެސް ވަނީ އާންމުވެފައެވެ.

ރާއްޖެއަށް އައިސްގެން އުޅޭ ފްލެމިންގޯ ދޫނިތައް ވިއްކާ އިއުލާން ކޮށްފައި ވަނީ ވައިބާ ގްރޫފެއްގަ އެވެ. ވިއްކަން ޖަހާފައިވަނީ 30،000 ރުފިޔާ އަށެވެ.

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފައެވެ.

ފްލެމިންގޯއަކީ އާންމުކޮށް ރާއްޖެއަށް އަންނަ ދޫންޏެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *