ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ ބޭނުން ޒުވާނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ގިނަ ފުރުޞަތުތަކެއް ހުރިނަމަވެސް މަސައްކަތެއް ނުކޮށް އަދިވެސް ގިނަ ޒުވާނުންތަކެއް ތިބިކަން ފާހަގަކުރައްވައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް، ސަރުކާރުގެ ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށާއި އަދި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދިނުމަށް އަމާޒުކޮށް އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް 400 ހައުސިންގ ޔުނިޓް ކުޅުދުއްފުޓަށް ރިޒާވްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މީގެ އިތުރުން އިތުރު 1000 ހައުސިންގ ޔުނިޓް ކުޅުދުއްފުށި ސިޓީގައި އެޅުމުގެ އަގުގެ މަސައްކަތް ބޭރުގެ ފަރާތަކާ މަޝްވަރާކޮށް ނިމުމަކަށް އައިސްފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވަނީ ޔޫތު އެވޯޑް ހާސިލްކުރި ކުރި ފަރާތްތަކަށް މި އެވޯޑް ހަވާލުކޮށްފައެވެ.
މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ މިއުޒިކް ޝޯވް ބައްލަވާލައްވާފައެވެ.