Ad

130 ކިލޯ މަސްތުވާތަކެތީގެ މައްސަލަ: "ބަންދު މުރާޖަޢާކުރުމުގެ މަޤްޞަދު ގެއްލިއްޖެ": ދިފާޢީ ވަކީލުން

މިދިޔަ އަހަރު ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން ފެނުނު ގިނަ ޢަދަދެއްގެ 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައެއްގައި ދަޢުވާކުރި ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ބާއްވައިފިއެވެ. މިއަޑުއެހުމުގައި ދަޢުވާލިބޭ ފަރާތްތަކުގެ ދިފާޢީ ވަކީލުންވަނީ ޤާނޫނީ ގޮތުން ބޮޑެތި އެތަކެއް މައްސަލަތަކެއް ފާހަގަކޮށްފައެވެ.

ދައުލަތުން ދަޢުވާކޮށްފައިވަނީ ބަންގްލަދޭޝް 2 މީހަކު ހިމެނޭނެހެން ޖުމްލަ 6 މީހެއްގެ މައްޗަށެވެ. ދައުލަތުން ބުނަނީ، މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ގއ. ވިލިގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަޙްމަދު މޫސާ އިސްވެ ހުރެއެވެ. ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމި ޙާލަތު ބަދަލުވެފައިނުވާތީ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތިބި ތިބުމަށް ބަދަލެއް ގެންނާނެ އެއްވެސް ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޖަވާބުގައި ދިފާޢީ ވަކީލުންނާއި ދަޢުވާލިބޭ ފަރާތްތަކުންވަނީ ގިނަ ކަންބޮޑުވުންތަށް ކޯޓާއި ޙިއްސާކޮށްފައެވެ.

ދަޢުވާލިބޭ އިޤްބާލްގެ ޤާނޫނީ ވަކީލު ބުނެފަވަނީ، އިޤްބާލުއަކީ ޖަލުގެ މަސައްކަތަށް ނިކުންނަ ޤައިދީއެއްކަމަށާއި، އެގޮތުގެ މަތީން، ޖަލުގައި ބަންދުކޮށްފައިހުރި މީހަކު އިޤްބާލުގެ މޫނު މައްޗަށް ހިފަހައްޓައި ބަހައްޓާފައި ހޫނުކޮށް ކެކިފައިހުރި ފެން އެއްޗެއް އޮއްސާލުމުގެ ސަބަބުން އިޤްބާލުގެ މޫނުމަތި އެއްކޮށް ފިހިފައިވާތީ، އެމައްސަލަ ބެލިފައިވޭތޯ އާއި އެޅުނު ފިޔަވަޅަކީ ކޮބާތޯ ދައުލަތާއި ސުވާލުކޮށްފައެވެ. ދައުލަތުން ބުނެފަވަނީ، އެމައްސަލަ ބެލުމަށް ފުލުހުންނަށް އަންގާނޭކަމަށެވެ. އެހެން ނަމަވެސް، ދިފާޢީ ވަކީލު ބުނެފައިވަނީ އެޙާދިސާ ހިނގިފަހުން 2 މަސް ވީއިރުވެސް ދައުލަތުން އެއްވެސް ފިޔަވަޅެއް އެޅިކަންވެސް އެނގޭކަށް ނެތެވެ.

އަސީލު މާހިރު އަދި އަނަސް ޙުސައިން އަދި އަޙްމަދު މޫސާގެ ޤާނޫނީ ވަކީލުން ބުނެފައިވަނީ ބަންދު މުރާޖަޢާކުރުމާއި ބެހޭ ގޮތުން، ޢަމަލުކުރަންޖެހޭ ތަފްޞީލީ އިޖުރާއާތުތަކެއް ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައ އަދި ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާއާތުގެ ޤަވާޢިދުގައިވެސް ބަޔާންކޮށްފައިނުވެއެވެ. ވީމާ، ޙާލަތު ބަދަލުނުވެއޭ ބުނެ ދައުލަތުން ބުނެލާ ބުނެލުމެއްގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަށް ބަންދުގައި ނުބެހެއްޓޭނެކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ. އަދި، މީގެ އިތުރުން، ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާއާތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ނ) އަކީ ޝަރުޢީ މަރުޙަލާގައި މީހެއްގެ ބަންދާމެދު ގޮތް ނިންމާ މަރުޙަލާގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ މާއްދާތަކެއް ނޫންކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ. އެއާއި ޚިލާފަށް، އެމާއްދާތަކަކީ، ތަޙްޤީޤު މަރުޙަލާގައި މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރަކު ރިޢާޔަތްކުރަން ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާއާތުގެ ޤަވާޢިދުގައި ބަޔާންކުރާ މާއްދާތަށް ކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ.

ދަޢުވާލިބޭ ޝަހީބް އިބްރާހީމްގެ ޤާނޫނީ ވަކީލުން ބުނެފައިވަނީ، ބަންދު މުރާޖަޢާކުރުމުގެ މަޤްޞަދު މިހާރު އެއްކޮށް ގެއްލިއްޖެކަމަށެވެ. އަދި ދައުލަތުން ބަންދު މުރާޖަޢާކުރާ އަޑުއެހުމަކަށް ޙާޟިރުވެ ހަމައެކަނި ޙާލަތު ދެމި އެބައޮތޯ ބުނެލާ ގޮތުންވެސް ބަންދު ދަމަހައްޓާނެކަންވެސް ދައުލަތުގެ ވަކީލުންނަށް ދުރާލައި އެނގޭކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ. މީގެ އިތުރުން، ޝަހީބް އިބްރާހީމް ކޯޓުގައި ބުނެފައިވަނީ އެކަށީގެންވާ މިންވަރެއްގެ ބޭސް ފަރުވާއެއް އެއްވެސް ވަރަކަށް ނުލިބޭކަމަށެވެ. އަދި، އެކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ސަމާލުކަމަށް އެރުވި ނަމަވެސް، އެކަމާއި މާބޮޑު އަޅާލުމެއްވެސް ކަރެކްޝަންސްގެ ކަމާބެހޭ އޮފިސަރުން ނުބަހައްޓާކަމަށެވެ.

ބަންދުގައި ތިބޭ ފަރާތްތަކަށް ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބޭ ކަމުގެ ޝަކުވާ:

ދަޢުވާލިބޭ ހުރިހާ ފަރާތްތަކެއްގެ ދިފާޢީ ވަކީލުންވަނީ އެކަށީގެންވާ ފެންވަރެއްގައި ބޭސް ފަރުވާ ނުލިބޭކަމުގެ ޝަކުވާ ކޮށްފައެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކި ކަމުގައި ވިޔަސް ޑޮކްޓަރު ލިޔެދޭ ބޭސް ނުލިބޭކަމުގައި ބުނެފައިވެއެވެ. އެކަން ކަށަވަރުކުރުމުގެ ގޮތުން، ބަންދުގައި ތިބޭ ފަރާތްތަކުގެ ތެރޭން ޑޮކްޓަރުން ލިޔެދޭ ބޭސް އެފަރާތްތަކަށް ލިބޭތޯ ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ ޗާޓުގައި ދަޢުވާލިބޭ ފަރާތްތަކުން ސޮއިކުރޭތޯ އުފެއްދި ސުވާލުގައި ދައުލަތުން ބުނީ، ޖަލުގައި ބަންދުގައި ހުންނަ ޤައިދީއަކަށް ބޭސް ދިނުމަށްފަހު ބޭސް ދިންކަމުގެ ޗާޓުގައި ސޮއިކުރަނީ އެކަމާގުޅޭ އޮފިސަރެކެވެ. ވީމާ، ބަންދުގައި ތިބޭ ފަރާތްތަކަށް ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބޭކަމުގެ ޝަކުވާއަށް އިތުރު ބާރެއް ލިބޭކަން އެނގެއެވެ. މީގެ އިތުރުން، ދަޢުވާލިބޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ، ނިދާ ހޭލާއިރު ބޭސް ހުންނަނީ، ޖަލުގެ ދޮރުމަތީގައި ބެހެއްޓިފައިކަމުން، އެބޭސްތަށް ޑޮކްޓަރެއްގެ ލަފައެއް ނުވަތަ ބޭސް ކާންޖެހޭ ގޮތުގެ އިރުޝާދެއް ނުލިބި ބޭސް ނުކުވޭނެ ކަމަށެވެ. އެއީވެސް ރަނގަޅު ވާހަކައެކެވެ.

ޝަރީޢަތް ނުފެށި 1 އަހަރު:

ދަޢުވާލިބޭ ފަރާތްތަކުގެ ދިފާޢީ ވަކީލުން ބުނެފައިވަނީ ޝަރީޢަތް ނުފެށި 01 އަހަރުވީއިރުވެސް، ވާނުވާ ނޭނގޭގޮތަށް ދަޢުވާލިބޭ ފަރާތްތަށް އެތިބީ ބަންދުގައެވެ. އެކަމަކަށް އެއްވެސް ޙައްލެއް ނުލިބެއެވެ. އިބްތިދާޢީ އަޑުއެހުމުގައި މައްސަލަ އޮންނަތާ 01 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، ގިނައިން ބާއްވަނީ ބަންދު މުރާޖަޢާ އަޑުއެހުންތަކެވެ. ޝަރީޢަތް ފެށޭނެ ދުވަހެއް، ވާނުވާ ބަންދު ނިމޭނެ ދުވަހެއް، ހެކިބަސް ނެގޭނެ ދުވަހެއް، ޝަރީޢަތް ނިމި ޙުކުމެއް ކުރެވޭނެ ދުވަހެއް، މާދަމާ ވާނެ ގޮތެއް ނޭނގޭ ގޮތަށް، ވާނުވާ ނުވެސް އެނގޭ ގޮތަކަށް ދަޢުވާލިބޭ ފަރާތްތަށް ތިބީ ބަންދުގައިކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ. ޤާނޫނު އަސާސީ ބުނާގޮތުން ދަޢުވާލިބޭ މީހެއްގެ މައްޗަށް ވީއެންމެ އަވަސް މިނެއްގައި ޝަރީޢަތްކުރުމަކީ އަސާސީ ޙައްޤެކެވެ. މައްސަލާގެ އަޑުއެހުންތަށް އަވަސްކުރުމަށްޓަކައި ދައުލަތުން އެއްވެސް މަސައްކަތެއް ކުރަމުންނުދާކަމުގައި ދިފާޢީ ވަކީލުން ބުނެފައިވެއެވެ.

ދައުލަތުގެ ޒިންމާ ކޮބާ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ޖަލުގައި މީހަކު ބަންދުކޮށްފައި ހުންނަ ހުރުމުގައި އެމީހަކަށް ލިބެންޖެހޭ އަސާސީ ޙައްޤުތަށް ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ޞިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމާއި، އުނު އޮރިޔާން ނިވާކުރުމާއި، ބަލިވެއްޖެނަމަ ރަނގަޅު ފެންވަރެއްގެ ބޭސް ފަރުވާކުރުމަކީ ދައުލަތުގެ އަސާސީ ޒިންމާއެކެވެ. މީގެ އިތުރުންވެސް، ދިފާޢީ ވަކީލުންގެ އިތުރުން، ބަންދުގައި ތިބޭ ފަރާތްތަކުގެ ޙާލަތު ބަލައި އެފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމަކީވެސް ދައުލަތުގެ ޒިންމާއެކެވެ. އެކަށީގެންވާ ފެންވަރެއްގެ ބޭސް ފަރުވާ ނުލިބިގެން ޖަލުގައި ތިބި އެތަށް ބަޔަކު މަރުވެ ހިނގައްޖެއެވެ. މިއަހަރު މިހާތަނަށްވެސް ބޭސް ފަރުވާ ނުލިބޭތީ ބަންދުގައި ތިބި 3 މީހަކު މަރުވެއްޖެއެވެ. ޝަރީޢަތް ނުނިމި ދިގުލާތީ، ޝަރީޢަތް އަވަސްކުރުމަށްޓަކައި އެދުމަކީވެސް ދިފާޢީ ވަކީލުންނެކޭ އެއްފަދައިން ދައުލަތުގެވެސް ޒިންމާއެކެވެ. އެހެން ނަމަވެސް، ޝަރީޢަތް އަވަސްކުރުމަކަށް އެއްވެސް މިންވަރެއްގެ ބާރު އެޅުމެއްނެތި، ވީއެންމެ ގިނައިން ޝަރީޢަތް ނިމެންދެން ދަޢުވާލިބޭ ފަރާތްތަކާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަށް ބަންދުކުރުމަށް ދައުލަތުން އަންނަނީ ކެނޑިނޭޅި ކޯޓުތަކުގައި ވަކާލާތުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *